ދީން

ވަގުފާރީގެ ސަބަބުން މުޖްތަމައުގައި ފެތުރޭ ފާޙިޝް އަމަލުތަކަކީ މުޖްތަމައު ވީރާނާކޮށް ހަލާކު ކޮށްލަފާނެ ކަމެއް: ހުތުބާ

ދެން އެމްވީ ، ދެން އޮންލައިން

އިންސާނީ ވަގުފާރީގެ ސަބަބުން މުޖްތަމައުގައި ފެތުރޭ ފާޙިޝް އަމަލުތަކަކީ މުޖްތަމައު ވީރާނާކޮށް ހަލާކު ކޮށްލަފަނެ ކަމެއް ކަމަށް މިއަދު ހުކުތު ހުތުބާގައި ބުނެފިއެވެ.

Ads by Hajj Corporation

އިންސާނީ ވަގުފާރި އާއި ޒަމާނީ އަޅުވެތިކަމުގެ މައްޗަށް އަލިއަޅުވާލައި މިއަދު އިއްވި ހުކުރު ހުތުބާގައި ބުނެފައިވަނީ އިންސާނީ ކަރާމާތް މަނާކުރާ ކަންތައްތަކުގެ ތެރޭގައި އިންސާނީ ވަގުފާރި ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި އިންސަނުން ވަގަށް ނެގުމާއި އަޅުންގެ ގޮތުގައި، މިނިވަން އިންސާނުން ލައްވާ މަސައްކަތް ކުރުވުން ހިމެނޭ ކަމަށެވެ. އަދި ހަށި ވިއްކުން ހަރާމް ވިޔަފާރި އާއި ކުޑަކުދީން ލައްވައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުވުމާއި މީހުން ލައްވައި މަސައްކަތް ކުރުވުމަށް ފަހު އެ މީހުންނަށް ދޭން ޖެހޭ އުޖޫރު ނުދިނުން ފަދަ ލާ އިންސާނީ އަމަލުތައް ހިމެނޭ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

"މިފަދަ އަމަލުތަކަށް ޒަމާނީ އަޅުވެތިކަމޭ ކިޔައެވެ. މއީ ތިންވަނައަށް ދުނިޔޭގައި އެންމެ ބާރަށް ފެތުރެމުންދާ ވިޔަފާރިއެވެ. މިއަދުގެ އިލްމީ ތަހުޒީބު ދުނިޔޭގައި ހަށި ވިއްކުމުގެ ކަސްބީ ބާޒާރަށް ކޮންމެ ދުވަހަކު އެތައްހާސް އަންހެނުންނަކާއި ކުޑަކުދީންނެއް ނެރެމުން ގެންދެއެވެ. އެ ކުޑަކުދިން ލައްވައި ހޮޓާތަކާއި ފިހާރަތަކާއި ކާރުހާނާތަކާއި ގޭގައި ވަރަށް ކުޑަ އުޖޫރައަކަށް ދަނީ ނޯކިރީ ކުރުވަމުންނެވެ. އެ ކުދީންނަށް މަޖުބޫރުކޮށްގެން ސަލާން ޖެހުމުގެ ވިޔަފާރި އާއި މަސްތުވާތަކެތީގެ ވިޔަފާރި އާއި ވައްކަމާއި ފޭރުމުގެ މަސައްކަތްތައް ދަނީ ކުރުވަމުންނެވެ." ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައި ވަނީ އިންސާނީ ވަގުފާރީގެ ސަބަބުން މުޅި އިންސާނިއްޔަތަށް މިއަދު ވަނީ އިޖްތިމާއީ ބޮޑު މުސީބާތްތަކަކާ ކުރިމަތިވެފައި ކަމަށާއި މިކަމުގެ ސަބަބުން އެތައް އިންސާނުންނެއް ވަނީ އަނިޔާ ލިބި އަބާއްޖަވެރިވެފައ ކަމަށެވެ. ރަނގަޅު މުސާރައެއް ދޭނެ ކަމަށް ބުނެ ހައްލާލައިގެން އެތައް ލައްކަ މީހުން އަމިއްލަ ވަތަން ދޫކޮށް އެހެން ގައުމުތަކަށް ފޮނުވަނީ ކެހިވެރި އޮޅުވާލުމެއްގެ ތެރެއިން ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި މި ބިރުވެރި ނާމާން ދަތުރުގެ ތެރޭގައި އެތައް ހާސް ބަޔަކު މާސިންގާ ކަނޑަށް ޣަރަގުވެ މަރުވާއިރު، އަނެއް ބަޔަކު ވަނީ ވަގުފާރިވެރީންގެ މަކަރުވެރި ދަލުގައި ޖެހި ޝިކާރައަކަށް ވެފައި ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

"ތަފާތު އެކިއެކި ބޭނުމަށް ރާއްޖެއިން ބޭރުން މީހުން ގެނެސް އެ މީސްމީހުން ލައްވާ މަސައްކަތް ކުރުވާއިރު، އެ މީހުންގެ އިންސާނީ ހައްގުތަކުގެ މަތީން ހަނދާން ކުރަން ޖެހެއެވެ. އެ މީހުންނަށް ކާންބޯން ދިނުމާއި ނިދުމާއި ބޭސްފަރުވާ ކުރެވޭނެ ގޮތް ހަމަޖައްސައިދޭން ޖެހެއެވެ. ރިވެތި ގޮތުގައި އެ މީހުންނާ މުއާމަލާތުކޮށް އެ މީހުންނަށް މުސާރަ ދިނުމަކީ ވެސް އެ މީހުން ގެނައި ބަޔެއްގެ ޒިންމާ އެކެވެ. ވަޒީފާތަކަށް ގެންނަ މީހުންގެ ވިސާގެ ކަންތައް ހަމަޖައްސައިދިނުމާއި ވޯކްޕާމިޓް ހައްދައި ދިނުމަކީ ވެސް އެ މީހުން ގެންނަބަޔެއްގެ ޒިންމާއެކެވެ. އެ އަސާސީ ހައްގުތައް އަދާކުރުމަކީ ދީނީ އަދި ދުންޏަވީ ވާޖިބެކެވެ. މިކަންކަމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް އަމަލު ކުރުމަކީ ވަޒީފާދޭ ފަރާތަށް ލާޒިމް ވެގެންވާ ކަމެކެވެ." ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނެފައި ވަނީ ރާއްޖޭގައި ތަފާތު އެކި މަސައްކަތްތައް ކުރުމަށް ބިދޭސީން ގެންގުޅޭ ފަރާތްތަކުން އެ މީހުންނާމެދު އިހުމާލުވެ އެ މީހުންގެ ހައްގުތައް ނުދޭނަމަ، އެ ހައްގުތައް ހޯދަން މަސައްކަތް ކުރަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. ހަމަނުޖެހުން ހިންގައި ސަރުކާރާއި، ރައްޔިތުންގެ މުދަލަށް ގެއްލުން ދީގެން ނުވާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!