ނިދީގައި ގުގުރި ދެމޭތީ އުނދަގޫ ވަނީތަ؟ މިއޮތީ ހައްލު!

ނިދީގައި ގުގުރި ދެމުމަކީ ގިނަ ބައެއް ތަހައްމަލު ކުރަމުން އަންނަ ކަމެކެވެ. އަދި އޭގެ ސަބަބުން ކައިރީގައި ނިދާ އެހެން މީހުންނަށް ވެސް އެތައް އުނދަގޫތަކެއް ދިމާވާ ކަމެކެވެ. އެގޮތުން އެކަމަށް ހައްލު ހޯދުމަށް އެތައް ޑޮކްޓޯލިއަލް ފަރުވާއެއް ވެސް ވަނީ ހޯދިފައެވެ.
އެގޮތުން ނިދީގައި ގުގުރި ދެމުމަކީ ފަލަވުމުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ދިރާސާއިން ވަނީ ދައްކާފައެވެ. އެހެންކަމުން ހިކެން މަސައްކަތް ކުރުމަށް ދިރާސާ ކުރާ ފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ. ހަށިގަނޑު ހިކެން ފެށުމުން ނިދީގައި ގުގުރި ދެމޭ މިންވަރު ކުޑަވަމުން ގޮސް އެއްކޮށް ކެނޑޭ ކަމުގައި އެދިރާސާއިން ވަނީ ދައްކާފައެވެ.
މީގެ އިތުރުން ބޯ ބާއްވާ ބާލީސް އުސްކޮށް ބޭއްވުމަކީ ވެސް ގުގުރި ދެމުމުން މީހާ ސަލާމަތް ކޮށްދޭ ކަމެއް ކަމަށް އެ ދިރާސާއިން ވަނީ ދައްކާފައެވެ. އެހެންވުމުގެ ސަބަބުން ކަރު ތެރޭގައި ނޭވާ ލުމަށް ޖާގަ ބޮޑުވެ ގުގުރި ދެމުމުން ސަލާމަތް ވާނެއެވެ.
ސިނގިރޭޓު ބުއިމާއި ހަމަނިދި ނުލިބުމަކީ ވެސް ގުގުރި ދެމުމަށް މަގު ފަހިވާ ކަމެއް ކަމަށް އެދިރާސާގައި ވެއެވެ. އެގޮތުން ސިނގިރޭޓު ބުއިމުގެ ސަބަބުން މީހާގެ ނޭވާ ލާ ނިޒާމަށް އެކި ކަހަކަ ބަދަލުތައް އަންނާނެއެވެ. އަދި ނިދީގައި ގުގުރި ދެމޭ މިންވަރު އިތުރު ވާނެއެވެ.
އިސްވެދިޔަ ކަންތައްތަކަކީ ގުގުރި ދެމުމަށް މަގުފަހިވާ ބައެއް ކަންކަމެވެ. އެ ކަންކަމުން ދުރުހެލިވެއްޖެ މީހާ ގުގުރި ދެމުމުން ސަލާމަތްވާނެއެވެ. އަދި އަރާމު ނިންޖަކުން ، ނިދި ފުރިހަމަ ކޮށްލުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.