ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ކޮވިޑަށް ފައްސިވެއްޖެ
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާމް ޚާން ކޮވިޑް-19 އަށް ފައްސި ވެއްޖެކަމަށް އެޤައުމުގެ ސިއްޙަތާ ބެހޭ ވަޒީރު ފައިސަލް ސުލްތާން ވިދާޅުވެއްޖެއެވެ.
ފައިސަލް ވިދާޅުވީ، އުމުރުފުޅުން 68 އަހަރުގެ އިމްރާން ޚާން ކޮވިޑަށް ފައްސިވުމާ ގުޅިގެން މިވަގުތު ހުންނެވީ ގޭގައި އަމިއްލަފުޅަށް އެކަހެރިވެ ވަޑައިގެން ކަމަށެވެ.
އިމްރާން ޚާން މިއަދު ކޮވިޑަށް ފައްސިވެފައިވާއިރު، މީގެ ދެ ދުވަސް ކުރިން އެމަނިކުފާނު ވަނީ މިބަލިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވާފައެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި އިމްރާން ޚާން ވަނީ ވަރަށް ގިނަ ބައްދަލުވުން ތަކަކަށް ޙާޟިރުވެ، އިސްލާމްއާބާދުގައި ކުރިއަށް ގެންދިޔަ ސެކިއުރިޓީ ކޮންފަރަންސެއްގައި ވެސް ބައިވެރިވެ ވަޑައިގެންފައެވެ. އެ ކޮންފަރެންސުގައި ވަރަށް ގިނަ މީހުން ބައިވެރިވި ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
އެ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި، އިމްރާން ޚާން އެ ބައްދަލުވުންތަކަށް ޙާޟިރުވެ ވަޑައިގެންނެވީ މާސްކު ވެސް ނާޅުއްވައެވެ.
މީގެއިތުރުން ނިކަމެތިންނަށް އަމާޒުކޮށް ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ވެސް، މިދިޔަ ހުކުރު ދުވަހު އިމްރާން ޚާން ވަނީ ފައްޓަވާދެއްވާފައެވެ.
ޕާކިސްތާނުގެ ޤައުމީ ކްރިކެޓް ޓީމުގެ ކެޕްޓަންކަން ކުރިން ކުރައްވަވާފައިވާ އިމްރާން ޚާން ބޮޑު ވަޒީރު ކަމުގެ ހުވާ ކުރައްވާ މަޤާމާ ހަވާލުވެލެއްވީ 2018 ވަނަ އަހަރުގައެވެ.
ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާތަނަށް ޕާކިސްތާނުން 623،135 މީހުން ވަނީ ކޮވިޑް-19 އަށް ފައްސި ވެފައެވެ. އަދި 13،799 މީހުން އެޤައުމުން މިބަލީގައި ނިޔާވެފައި ވެއެވެ.