ރިޕޯޓް

އިސްލާމްދީން ޤަބޫލު ކުރުމުން އާއިލާއިން ބާކީކޮށްލި ރިޒްގިންގެ އަމާޒު، ނިކަމެތިންނަށް އެހީތެރިވުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ނޭޕާލަށް އުފަން، ރާއްޖޭގައި ދިރިއުޅެމުންގެންދާ ރަޖްނީ ޝްރެސްތާ އިސްލާމްދީން ޤަބޫލުކޮށް މުސްލިމަކަށްވީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގައެވެ. މުސްލިމަކަށް ވުމަށްފަހު އޭނާ ވަނީ އޭނަގެ ނަން "އާއިޝާ ރިޒްގިން" އަށް ބަދަލު ކޮށްފައެވެ.

Ads by Hajj Corporation

"ދެން" އަށް ދިން ޚާއްސަ އިންޓަވިއު އެއްގައި ރިޒްގިން ބުނީ، އިސްލާމް ދީން ޤަބޫލު ކުރުމަށްފަހު، އޭނާގެ އާއިލާއިން އެތައް ބަޔަކު އޭނާ ދުރުކޮށްލާ، ބާކީ ކޮށްލި ކަމަށެވެ.

"އެއީ ވަރަށް ހިތްދަތިވި ދުވަސް ވަރެއް. އިސްލާމްދީން ޤަބޫލުކުރި ފަހުން އަހަރެންގެ މައިންބަފައިންނާއި ގާތް ރަޙްމަތްތެރިން އަހަރެން ބާކީ ކޮށްލި. އަހަރެން އިސްލާމްދީން ޤަބޫލުކުރީ އިސްލާމް ދީނަކީ އަޅުކަން ކުރަން ޙައްޤުވެގެންވާ ދީން ކަމުގައިވާތީ. އެކަމާ އަހަރެން އެއްވެސް ވަރަކަށް ދެރައެއް ނުވޭ. އަދި އާއިލާއިން ދުރުކޮށްލިޔަސް އިސްލާމްދީން ދޫކޮށްލަން ޚިޔާލެއް ނުކުރަން. އިން ޝާ ﷲ އެކަމެއް ދުވަހަކުވެސް ނުކުރާނަން. އަހަރެން ޤަބޫލު ކުރާ ގޮތުގައި މާތް ﷲ އަބަދުވެސް އަހަންނަށް ސީދާ ވެގެންވާ ތެދުމަގު ދައްކަވާނެ، އަދި މުސީބާތްތަކުން އަރައިގަނެވޭނެ އަލިމަގު ވެސް ދައްކަވާނެ" ރިޒްގިން ބުންޏެވެ.

ލެބޯޓަރީ ސައިންޓިސްޓެއްގެ ގޮތުގައި މަސައްކަތް ކުރާ ރިޒްގިން ބުނީ އޭނާ މިދިޔަ އަހަރު އެނބުރި އޭނާގެ ޤައުމަށް ދިޔަ ނަމަވެސް އެދަތުރުގައި އޭނާއަށް ތަޙައްމަލު ކުރަން ޖެހުނީ ވަރަށް ބޮޑު ހިތްދަތިކަމަކާއި ބާކީވުމެއް ކަމަށެވެ. ދީން ބަދަލު ކުރުމުގެ ސަބަބުން އޭނާގެ މައިންބަފައިންނާއި އާއިލާ މީހުން އޭނާއާ ވަރަށް ބޮޑަށް ނުރުހުނު ކަމަށާއި ފަހުން ވާހަކަ ދެއްކި ނަމަވެސް ދުރުމިނެއް ބެހެއްޓިކަމަށް ރިޒްގިން ބުންޏެވެ.

"އަހަންނަށް އެހުރިހާ ކަމަކުން ވެސް ހިތްވަރު ލިބުނީ ހެއްދެވި ފަރާތުން. އަހަރެން ކުރިން ޤަވާއިދުން ނަމާދެއް ނުކުރަން. އެކަމަކު މިހާރު އަހަރެން ޤަވާއިދުން ނަމާދު ވެސް ކުރަން. ނަމާދު ކުރުމުގެ ސަބަބުން އަހަންނަށް އުފަލާއި ހިތްހަމަ ޖެހުން ލިބޭ." ރިޒްގިން ބުންޏެވެ.

ދިރިއުޅުމުގައި އަބަދުވެސް އައު ކަންތައްތަކެއް ކުރަން ބޭނުންވާ، އަދި ދިރިއުޅުމާމެދު ފޮނި އުންމީދުތަކެއްކޮށް، ލަނޑުދަނޑިތަކެއް ޙާސިލް ކުރަން ބޭނުންވާ ރިޒްގިން ގެ އަމާޒު މިހާރު ހުރީ އޭނަގެ އަމިއްލަ ވިޔަފާރިއެއް ފެށުމަށެވެ. އެކަމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތްކޮށް، ރިޒްގިން މިހާރު ތައްޔާރުވެފައި ވަނީ އޭނަގެ އަމިއްލަ ބިއުޓީ ސެލޫނެއް ހުޅުވުމަށެވެ. އެސެލޫނަށް ދީފައިވާ ނަމަކީ "ރިޓްސް ބިއުޓީ ސެލޫން" އެވެ.

"ތިން މަސް ދުވަސް ވެއްޖެ މިވިޔަފާރި ފެށޭތޯ އަހަރެން ބުރަކޮށް އުޅޭތާ. އަހަންނަކީ އެހެން ޤައުމެއްގެ މީހަކަށްވާތީ، އަހަރެންގެ އެކުވެރި އިއްސެ އަހަންނަށް އެހީތެރިވެ ދިނީ އެސެލޫން ރެޖިސްޓްރީ ކުރަން. އޭނައަކީ އެ ސެލޫންގެ އެއް ޕާޓްނަރ ވެސްމެ. ނޭޕާލަށް އަހަރެން މިދިޔަ އަހަރު ދިޔައީ ރާއްޖެ ދޫކޮށްލާފައި،ނަމަވެސް އެނބުރި އައީ މުހިންމު ކަމެއް ކުރަން ނިންމައިގެން އެމަސައްކަތުގައި މިއުޅެނީ" ރިޒްގިން ބުންޏެވެ.

ރިޒްގިން ބުނި ގޮތުގައި ކޮވިޑް-19 ގެ ސަބަބުން ނޭޕާލް ގެ އިޤްތިޞާދު އޮތީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އަދި އެކަމުގެ ސަބަބުން އެޤައުމުގެ ޔަތީމުޚާނާ ގައި ތިބި ކުދިން ވެސް ތިބީ ވަރަށް ބޮޑަށް ހާލުގައި ޖެހިފައެވެ. އެހެންކަމުން ރިޒްގިން ރާއްޖެއަށް އަނބުރާ އައީ، އެކުދިންނަށް އެހީތެރިވެދޭނެ ކަމަށް ވައުދު ވަމުންނެވެ.

"އަހަރެން މިމަސައްކަތް ފަށަން ނިންމީ ހަމައެކަނި އަމިއްލަ ވިޔަފާރިއެއް ފެށުމުގެ ނިޔަތަކު ނޫން. އެކަމަކު އެ ޔަތީމުޚާނާގެ ކުދިންގެ ހާލު ފެނިފައި، އަހަރެން އެކުދިން ގާތު ބުނިން މާތް ﷲ އިރާދަކުރެއްވިއްޔާ އަހަރެން އެކުދިންނަށް އެހީވާނަމޭ. އެހެންވެ މި ސެލޫނުން ލިބޭ ފައިދާގެ 10% ޑޮނޭޓު ކުރަން އަހަރެން ގަސްދުކުރަނީ އެކުދިންނަށް. އެއީ ނިކަމެތިންނަށް އެހީތެރިވުމަކީ އަހަރެން އަބަދުވެސް ކުރަން ބޭނުން ކަމަކަށްވާތީ" ރިޒްގިން ބުންޏެވެ.

މާފަންނުގައި ހަދާފައިވާ އެސެލޫން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ކުރިން ހުޅުވޭތޯ ރިޒްގިން ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

ދިރިއުޅުމުގައި އޭނާއަށް މިހާ ހިސާބަށް އާދެވުނީ ހިތްވަރާއި ބުރަ މަސައްކަތުންކަން ރިޒްގިން ފާހަގަ ކުރިއެވެ.

"މިކަމުގައި އަހަންނަށް އެންމެ ބޮޑު ހިތްވަރެއް ދެއްވި ކަމަށްޓަކައި މާތް ﷲ އަށް އަބަދުވެސް ޙަމްދާއި ޝުކުރު އަދާ ކުރަން. އެއަށްފަހު އަހަންނަށް ހިތްވަރުދިން އެކުވެރި އިއްސެ އާއި އިންފާޒް ފާއިޒް އަށް ވެސް ޝުކުރު އަދާކުރަން. އަހަރެންގެ މައިންބަފައިން އަހަންނަށް އެހީތެރިއެއް ނުވޭ. އެހެންނަމަވެސް އެކުވެރިންގެ ފަރާތުން އެހީތެރިކަން ލިބުނު" ރިޒްގިން ބުންޏެވެ.

ރިޒްގިން ބުނީ، އިސްލާމްދީން ޤަބޫލު ކުރުމަށްފަހު ވެސް އޭނާ ހިޖާބު (ބުރުގާ) ނާޅާ ހުންނާތީ ބައެއް މީހުން އެވާހަކަ ދައްކާ ކަމަށެވެ. އޭނާ ބުރުގާ އަޅައިފިނަމަ މޫނު ވެސް ދެން ދައްކައިގެން ނުވާނެކަމަށް މައިންބަފައިން ބުނި ކަމަށާއި، ނަމަވެސް ކައިވެނި ކުރުމަށްފަހު ބުރުގާ އަޅާނެ ކަމަށް ވެސް ރިޒްގިން ބުންޏެވެ.

ރިޒްގިން އެދެނީ އޭނާގެ މައިންބަފައިންނާއި އާއިލާ ވެސް އިސްލާމްދީން ޤަބޫލު ކުރުމަށް ހެޔޮދުޢާ ކޮށްދިނުމަށާއި އޭނާގެ ސެލޫން ހުޅުވުމުން، ޔަތީމްޚާނާގެ ކުދިންނަށް އެހީތެރިވެދިނުމަށްޓަކައި ވެސް އެސެލޫނަށް ޒިޔާރަތް ކުރުމަށެވެ.

Ads by Allied Insurance
  1. ނާޝިޒު

    އޭނައައް އެހީ ވުމަކީ ވަރައްމުހިއްމު ކަމެއް
    އޭނައަކީ މުސްލިމެއް .

  2. ޟހވފ

    ޓިއީ ހަމަތެދު އިންފާޒާ ހިތާވެގެން އުޅެނީ ތިގޮލާ

  3. ހިލަބެ

    ސާބިތުކަން މިންވަރުކުރައްވާށި އާމީން

  4. އޮރެންޖްބެރީ

    ނަމުގަ މާނަ ގޯސް ނޫން ނަމަ ނަން ބަދަލުކުރާކަށް ނުޖެހޭނެ. އެކަމު އޭނައަށް ފެންނަ ގޮތެއް އޯކޭ. މިހެން މި ލިޔުނީ ދިވެހިން ގެ ވިސްނުން ހުންނަ ގޮތުން. އަހަރެންގެ އަނބިމީހާއަކީ ބިދޭސީ މުސްލިމެއް. އެކަމު ދިވެހިން އަހާ ކޮބާހޭ މުސްލިމު ނަމަކީ އޭނަކާރި. އޭނަ އުފަންވީވެސް ބޭރުގައުމެއްގެ މުސްލިމު އާއިލާއަކަށް.