ޕާކިސްތާނުގެ ބޮޑުވަޒީރަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ މެސެޖެއް ފޮނުއްވައިފި
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން، ކޮވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މެސެޖެއް ފޮނުއްވައިފިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި މި މެސެޖުގައި، ދިވެހި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ބޮޑުވަޒީރަށް ، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުން އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވަފައި ވެއެވެ. އަދި މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ޕެންޑަމިކް އިން އަރައިގަތުމަށް އަމާޒު ހިފައިގެން ކުރަމުންގެންދާ މަސައްކަތުގައި ޕާކިސްތާނު ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ޕާކިސްތާނާއި ރާއްޖޭގެ ރަހުމަތްތެރި ގުޅުން އެގޮތުގައި ދެމި އޮންނާނެ ކަމަށާއި އަދި ދެޤައުމުން އިސްކަންދޭ މުހިންމު ކަންކަމުގައި ގުޅިގެން އެއް އަމާޒަކަށް މަސައްކަތް ކުރައްވަމުން ގެންދަވާނެކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައި ވެއެވެ.