ރިޕޯޓް

ހަމަ އެންމެ ސުވާލެއް: މާލޭގައި ތިޔަ ދިރިއުޅެނީ އުޅެން ބޭނުންވެގެންތަ؟

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އިމާރާތްތަކުން ފުރިފައިވާ އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ވެރިރަށް ފުރަ މާލެ އަކީ "ކޮންކްރީޓް ޖަންގައްޔެއް"ގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރާ ތަނެކެވެ. ކުޑަކުޑަ ސިޓީއެއްގައި ލައްކައަކަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާއިރު ހިތުގައި އުފެދޭ ސުވާލަކީ އަމިއްލަ ރަށުގައި އިމާރާތް ކުރި އަމިއްލަ ގެދޮރުގައި ބޮޑު ތަޅު އެޅުވުމަށްފަހު ކުލީގެ އަޅުންނަށްވެ މާލެއަށް މިހާ ގިނަ ބަޔަކު އަންނަނީ އަންނަން ބޭނުން ވެގެން ބާވައެވެ.

Ads by Hajj Corporation

އެންމެ ފުރަތަމަ ކަމަކަށް ވިސްނާލާއިރު ގިނަ ބަޔަކު ފާހަގަ ކުރާ ގޮތުގައި ހުރިހާ ޚިދުމަތްތަކެއް ލިބެން ހުރީ މާލެއިންނެވެ.ފައިގެ ކުޑަވައި އިނގިލީގައި ރިއްސާލިޔަސް ބޭސްފަރުވާއަށް އަންނަން މިޖެހެނީ މާލެއަށެވެ. ތައުލީމަށް ބަލާލިޔަސް އެ ފަދައެވެ. ގިނަ ރަށްރަށުގައި ތައުލީމް ހާސިލު ކުރެވެނީ ގްރޭޑް 10އަކަށް ކަމަށްވާއިރު މަތީ ސާނަވީ ތައުލީމް ހާސިލު ކުރެވެނީ އަތޮޅުގެ ދެތިން ރަށެއްގައެވެ. އެހެންކަމުން ސާނަވީ ތައުލީމް ނިންމުމަށްފަހު އިތުރަށް ކިޔެވުމަށް އަންނަން ޖެހެނީ މި ކޮންކްރިޓް ޖަންގައްޔަށެވެ.

މި ނިމުނީއެއް ނޫނެވެ. ވަޒީފާގެ ފުރުސަތުތަަކަށް ވިސްނާލިކަމުގައި ވިޔަސް މިކަން އޮތީ މިހެންނެވެ. ގްރޭޑް 10 ނިންމާފައި މާލެ އައިސް މަތީ ތައުލީމް ހާސިލުކޮށް ޑިގްރީ އާއި ޕީއެޗްޑީ ނަގައިގެން ރަށަށް ދާން ބަލާލާއިރު ރަށުން ރަނގަޅު ވަޒީފާއެއް ނުލިބެއެވެ. ރަނގަޅު ވަޒީފާތައް ވެސް ގިނަ ފަހަރަށް ލިބެނީ ވެރިންގެ ފައިބުޑުގައި އުޅޭ އެމީހުންގެ އައުވާނުންނަށޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. އެމީހަކީ ކިޔަވައިގެން ހުރި މީހެއްތޯ ނުވަތަ މަސައްކަތުގެ މާހައުލުގައި ތަޖުރިބާ ލިބިފައިވާ މީހެއްތޯ ވެސް ބަލައެއް ނުލައެވެ. އެހެން ކަމުން އަނެއްކާ ވެސް މަޖުބޫރު ވަނީ މާލޭގައި ލިބޭހާ ފައިސާއެއް މާލޭގެ ބިންވެރިންނަށް ދީގެން އުޅޭށެވެ.

މާލޭގައި ދިރިއުޅޭތާ 20 އަހަރަށްވުރެ ގިނަ ދުވަސްވީ އުތުރުގެ ރަށަކަށް ނިސްބަތްވާ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ދެން"އާ ވާހަކަ ދައްކަމުން ބުނީ އޭނާ މާލެއަށް ބަދަލުވީ ދަރިންނަށް ރަނގަޅު ތައުލީމެއް ހޯދައިދިނުމަށް ކަމަށެވެ. ކުލި ދައްކައިގެން މާލޭގައި އުޅެމުން ދިޔައީ ދަރީން ކިޔަވައި ނިމުމުން އެކުދިންނަށް ރަށުން ވަޒީފާތައް ލިބި، އަމިއްލަ ފަސްގަނޑުގައި ދިރިއުޅެން ދެވޭނެ ކަމަށެވެ. ނަމަވެސް އޭނާ ބުނި ގޮތުގައި ރަށުގައި ވަޒީފާތައް ލިބެނީ ސިޔާސީ ވެރިންގެ ގާތް މީހުންނަށް އެކަންޏެވެ. ސުކޫލުގައި ނަމަ އެތަނުގެ އިސްވެރިންގެ ގާތް މީހުންނަށް ކަމަށެވެ. އަދި އޭނާ މާލޭގައި އުޅެނީ އުޅެން ބޭނުން ވެގެން ނޫން ކަމަށާއި އަމިއްލަ ރަށަށް ގޮސް ދިރިއުޅެން ބޭނުންވާ ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ ޖަޒީރާ ގައުމަކަށްވާއިރު މާލެއަަށް ހުރިހާ ޚިދުމަތްތަކެއް ބޮނޑިކަރުވާ މިތަނުން ހުރިހާ ޚިދުމަތްތަކެއް ލިބޭނެ ގޮތް ހެދުމަކީ ގައުމު ތަރައްގީވުން ބާވައެވެ. ހުރިހާ ފުރުސަތުތަކެއް މި މާލޭގައި އެކަނި އޮތުމަކީ ރައްޔިތުންނަށް ހައްގު މިންވަރު ބާވައެވެ. އަމިއްލަ ރަށުގެ ސާފު ވަޔާއި ގުދުރަތީ މާހައުލުގެ އުފާވެރިކަން ނުލިބި ރައްޔިތެއްގެ އުމުރު މި ކާރޫބާރު ބޮޑު ކޮންކްރިޓް ޖަންގަލީގައި ހުސްކޮށްލަން ޖެހުމަކީ އިންސާފު ބާވައެވެ.

މި ސުވާލުތަކުގެ ޖަވާބު މާލޭގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށް ވެސް ވަރަށް ފަސޭހައިން ދެވޭނެއެވެ. ތެދު ހަގީގަތަށް ދަންނަވާނަމަ މާލެ ނޫން ހައްލެއް އަޅުގަނޑުމެން އެބަ ބޭނުންވެއެވެ. މިކަމުގެ ދަތި އުނދަގޫ ކަމާއި ހިތްދަތިކަމުގެ ވާހަކައަކީ ދައްކާ ކޮޅުން ނުލާނެ ވާހަކައެކެވެ. އޮތީ ހަމަ އެންމެ ސުވާލެކެވެ. އެންމެންނަށް ވެސް ޖަވާބު އެނގޭ ބޮޑު ސުވާލެވެ. މާލޭގައި ތިޔަ ދިރިއުޅެނީ އުޅެން ބޭނުން ވެގެން ހެއްޔެވެ؟

Ads by Allied Insurance
  1. ބޯހަލާކު

    ދޮގެއް ރައް އަށުގަ ޓީޗަރުން ނަރުންކަހަލަ ވަޒީފާއަކީ އެ ދާއިރާއަަކުން ކިޔަވައިފިއްޔާ ލިބޭ ވަޒީފާ
    ބިދޭސީ ޓީޗަރުން ނަރުހުން ރާއްޖެގަ ޙާދަ ގިނައޭ

    • މާލޭމީހާ

      މާލެގޮސް ގަނޑުތެޅުނަކަސް ރަށަކުން ވަޒީފާއެއް ނުލިބޭނެ. ކިޔަވައިގެން އައިމަ ވަޒީފާ ލިބޭނެ. ނުކިޔަވާތިބެ އެންމެންވެސް ބޭނުންވަނީ ސިޔާސީ ވަޒީފާތައް.

      • ފާތިމާ

        ނަރުސްކަމުގެ ބެޗްލަރ ހަދައިގެން 1އަހަރު ދުވަހު
        ރަށުގަހުރިން ވަޒީފާ އެއްނުލިބުނު.މާލެއިން ހަމަ ވަޒީފާއަށްހުށައެޅިއިރަށް ލަހެއްފަހެއްނެތި ވަޒީފާ ލިބިއްޖެ.