ވެންޓިލޭޓަރ މައްސަލަ އަލުން ބަލަން ޕީޖީން ނިންމައިފި
ވެންޓިލޭޓަރު ގެނައުމުގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައިގައި ދައުވާ ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމާފައިވާ ނިންމުން އަލުން މުރާޖައާ ކުރަން ނިންމައިފިއެވެ.
ޕީޖީ އޮފީހުން މީގެ އިރުކޮޅެއް ކުރިން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެ ނިންމުން އަލުން މުރާޖައާ ކުރަން ނިންމީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިތުރުން އެއީ ރައްޔިތުންގެ ކަންބޮޑުވުން ވެސް އިންތިހާއަށް އޮތް މައްސަލައަކަށް ވާތީ ކަމަށެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލަ އަލުން މުރާޖައާ ކުރަން ޕީޖީ އޮފީހުން ނިންމަވާފައި މި ވަނީ އެ ކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެތައް ބައެއްގެ ފާޑުކިޔުން ޕީޖީ ހުސައިން ޝަމީމަށް އަމާޒުވެފައި ވަނިކޮށެވެ. އަދި އޭނާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނިންމާފައިވާ މި ދަނޑިވަޅުގައި އެމްޑީޕީ ތެރެއިން ވެސް ދަނީ ޕީޖީ ޝަމީމްގެ އިސްތިއުފާއަށް ގޮވަމުންނެވެ.
ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ވިދާޅުވީ ދުބާއީގެ އެގްޒެކެޓިއުސްއާ ހަވާލު ކޮށްގެން ރާއްޖެ ގެންނަން އުޅުނު ވެންޓިލޭޓަރުތައް ނުގެނެވި، އެކަމުގައި ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މައްސަލަ މި ފަހަރު މުރާޖައާ ކުރާއިރު، ފުލުހުންނާ ގުޅިގެން ހޯދާފައިވާ ހެކިތައް ވެސް ވަކިން ގެނެސް، އިތުރަށް ތަހުގީގު ކުރަންޖެހޭ ކަމެއް އޮތް ނަމަ އެ ކަމެއް ފުލުހުންގެ އެހީތެރިކަމާއެކު ތަހުގީގު ކުރުމަށް އޭސީސީއަށް އިރުޝާދު ދިނުމަށް ގަސްދުކުރާ ކަމަށެވެ.