މީހުން ދެން ފުރަމަލަ ލައިފްސްޓައިލް

ބުރިޓިޝް އެމްބެސަޑަރު ބައްލަވައިގަންނަން މަޖުބޫރުވި ތަސްވީރު ، އީމާގެ ފަންސުރުގެ ވާހަކަތައް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
އީމާ އެންމެ ހިތްހަމަޖެހިގެން ކުރެހި ކުރެހުން، ކައިރީގައި ހުއްޓިލައިގެން އީމާ

ރާއްޖެއަކީ ހުނަރުވެރި އެތައް ޒުވާނުންތަކެއް ދިރިއުޅެމުން އަންނަ ގައުމެކެވެ. އެ ގޮތުން ލަވަކިޔުންތެރިންނާއި، މޭކަޕް އާޓިސްޓުންގެ އިތުރުން ކުރެހުމުގެ ހުނަރާ އެ ފަދަ ކިތަންމެ ހުނަރެއް ލިބިގެންވާ ޤާބިލު އެތައް ޒުވާނުން ތަކެއް އަޅުގަނޑުމެންގެ މި ރާއްޖޭގައި އެބަ އުޅެއެވެ.

Ads by STELCO

ވޭތުވެ ދިޔަ 2020 ވަނަ އަހަރު "އަންވެލިން ވިޝަންސް"ގެ ނަމުގައި ބޭއްވި މައުރަޒުގައި ގިނަ ބައެއްގެ ނަޒަރު ހުއްޓިގެން ދިޔައީ ދުވަސްވީ އަންހެނެއް ފެންނަ ކުރެހުމެކަށެވެ. ބަލާ ބެލުމަށް އެއީ ކުރެހުމެއްކަން ބުނަން ދަތިވާހާ ވެސް ފުރިހަމަ ކުރެހުމެކެވެ. ދެ ފޫޓު ތިން ފޫޓުގެ ހުދު ކުލައިގެ ގަނޑެއްގައި ކުރަހާލައިފައިވާ އެ ހިތްގައިމު ފޮޓޯގައި ވަނީ ހުނަރުވެރި ދިވެހި ޒުވާނެއްގެ ބުރަ މަސައްކަތެވެ.

އުމުރުން 18 އަހަރުގެ އީމާ ޝަރީފަކީ އެ ފުރިހަމަ ކުރެހުމުގެ އުފެއްދުންތެރިޔާއެވެ. އެ ފުރިހަމަ ކުރެހުން ކުރެހުމަށް ޓަކައި ފަންސުރު ބޭނުން ކޮށްގެން ބުރަ މަސައްކަތެއް ކުރި ހުނަރުވެރި ޒުވާނެކެވެ. މިއަދު އީމާގެ އުމުރުން 18 އަހަރު ވީ ނަމަވެސް އީމާ އެ ކުރެހުން ފުރިހަމަ ކުރީ އޭނާގެ އުމުރުން އެންމެ 17 އަހަރުގައެވެ. އެއީ އީމާގެ މަސައްކަތުން އާންމުންނަށް ފެނިގެން ދިޔަ ކުޑަކުޑަ މިންވަރެކެވެ. އަހުމަދިއްޔާގެ މި ދަރިވަރުގެ މަސައްކަތާ ގުޅޭގޮތުން އާންމުންނަށް ނޭނގޭ އެތައް ވާހަކަތަކެއް އީމާ ވަނީ “ދެން”އާ ހިއްސާ ކޮށްފައެވެ.

އެންމެ ކުޑައިރުން ފެށިގެން ވެސް އީމާއަކީ ކުރެހުމަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ. އޭރު އޭނާ އެންމެ ކުރަހާ ހިތުން ކުރަހަނީ ކާޓޫނާއި އެކި ކަހަލަ އެނިމޭޝަންތަކެވެ.

ގުރޭޑު ހައެއްގައި ތައުލީމު ހާސިލު ކުރަމުން އީމާ ފަންސުރު ބޭނުންކޮށް ޕޯޓްރެއިޓުތައް ކުރަހަން މަސައްކަތް ފެށިއެވެ. އެހެން ނަމަވެސް ވަގުތާއެކު އީމާ ވެސް އައީ އައު ކަންކަން ދިރާސާކޮށް ދަސްކުރަމުންނެވެ. ކުރެހުމަށް ބޭނުން ކުރާ ކޮންމެ އެއްޗެއް ބޭނުން ކޮށްގެން ކުރެހުމުގެ ހުނަރު އީމާއަށް މިހާރު ލިބިފައި ވެއެވެ.

ކުރަހަން ޝައުގުވެރިކަން އުފެދުނީ ކިހިނެއް؟

ކޮންމެ ކަމެއްގެ ވެސް ޝައުގު އުފެދުމަށް ހާލަތެއް ނުވަތަ ކޮންމެ ވެސް މީހަކު ވާނެ ކަން ގައިމެވެ. އެ ގޮތުން އީމާ މި ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ އީމާގެ ދޮންތަ ކުރަހާ ތަން ފެނި އެކަން ކުރުމަށް އީމާ ވެސް ބޭނުން ވުމުންނެވެ.

ދޮންތަމެން ވަރަށް ކުރަހާނެ، ދެން، ދޮންތަމެން ކުރަހާ ތަން ފެނިފައި ވަރަށް ކުރަހާ ހިތްވޭ. މީހުން ކުރަހަން ބޮޑަށް ބޭނުން ވަނީ

އީމާ

އީމާ އެންމެ ފުރަތަމަ ކުރެހީ އިންޓަރނޭޝަނަލް ޕޮޕް ބޭންޑެއް ކަމަށްވާ “ވަން ޑައިރެކްޝަން”ގައި ލަވަ ކިޔާ ފަންނާނެއްގެ ފޮޓޯއެކެވެ. އެއީ އީމާގެ ރީތި ކުރެހުންތަކުގެ ފެށުން ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

ކުރެހުންތައް ދުވަހެއް ދުވަހަކަށް ދަނީ ފުރިހަމަވަމުން، ސިއްރަކީ ކޮބާ؟

އީމާގެ އޮފިޝަލް އިންސްޓަގުރާމް ޕޭޖަށް ބަލާލުމުން ވެސް އީމާގެ ކުރެހުންތައް ފަށުވި ވެފައިވާ މިންވަރު ހާމަ ވެގެން ދާނެއެވެ. އެގޮތުން ކުރެހުންތަކަށް އެހާ ބޮޑު ބަދަލެއް ގެނައުމަށް އީމާ ދިޔައީ ކޮންމެ ފަހަރަކު ވެސް އައު ކަންކަން ދިރާސާކޮށް އަމިއްލައަށް ދަސްކުރަމުންނެވެ. ކުރަހަމުން ދާއިރު ވެސް ފަންސުރު ހިފަހައްޓަންވީ ކިހިނެއް ކަމާއި ފަންސޫރު ޖައްސަންވީ ބާރުމިން ވެސް އީމާ ދަސްކުރީ އަމިއްލައަށެވެ.

ކުރަހަމުން ދާއިރު، ހަމަ ދަސްވާނެ ޕެންސިލް ވޯކް ކުރާ ގޮތާ، ހުރިހާ އެއްޗެއް ވެސް.

އީމާ

ކުރެހުން އިތުރަށް ފުރިހަމަ ކުރުމަށް އެއްވެސް މީހެއްގެ ފަރާތުން ކުލާހެއް ނުނަގާ ކަމަށާއި ޔޫޓިއުބު ފަދަ އެއްވެސް މަންސައަކުން އެހީތެރިކަން ހޯދާފައެއް ނުވާ ކަމަށް ޒާނާ ފާހަގަ ކުރިއެވެ. އީމާ ވަނީ ކޮންމެ ކަމެއް ވެސް އަމިއްލައަށް ދަސްކުރާހިތުން މަސައްކަތް ކޮށްފި ނަމަ ވާނޭކަން ސާބިތު ކޮށްދީފައެވެ.

ދުވަހަކުވެސް ފެން ކުލަ ބޭނުން ނުކުރޭ!

އާންމުކޮށް އަޅުގަނޑުމެން ރާއްޖޭގައި މިފަދަ ހުނަރުވެރިން ކުރެހުމަށް ބޭނުންކޮށް އުޅެނީ ފެން ކުލައެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް އީމާ ފެން ކުލައިން އެއްވެސް ކުރެހުމެއް ކުރަހާފައެއް ނުވެއެވެ. އީމާ ގަބޫލު ކުރާ ގޮތުގައި ކޮންމެ ކަމަކީ ވެސް މަޑުމަޑުން ދަސްކުރެވޭނޭ ކަންކަމެވެ.

ކުރިއަށް އޮތް ތަނުގައި ހުރިހާ އެއްޗެއް ބޭނުން ކޮށްގެން ވެސް ކުރަހަން ބޭނުން. ހުރިހާ އެއްޗެއް ޓްރައި ކުރަން.

އީމާ

މިހާތަނަށް ކުރެހުނު އެންމެ ހިތްހަމަޖެހޭ ކުރެހުން!

2020 ވަނަ އަހަރު އެކި މީޑިއާތަކުގެ ފަލަ ސުރުހީތަކުން ފެނިގެން ދިޔައީ ދޮށީ އުމުރުގެ އަންހެނެއްގެ ފޮޓޯއެކެވެ. އެއީ މައުރަޒުން އެންމެ ފާހަގަ ކޮށްލެވުނު ކުރެހުމެވެ. އީމާގެ ބުރަ މަސައްކަތެވެ. ޗާކޯލު ބޭނުންކޮށްގެން އީމާ ކުރެހި މި ކުރެހުމަކީ މިހާތަނަށް އީމާއަށް ކުރެހުނު އެންމެ ރީތި އަދި އެންމެ ހިތްހަމަޖެހޭ ކުރެހުން ކަމުގައި އޭނާ ގަބޫލު ކުރެއެވެ.

އީމާ އެންމެ ހިތްހަމަޖެހޭ ކުރެހުން ކައިރީގައި ހުއްޓިލައިގެން އީމާ

އީމާއަކީ “ޑޯޓެއިލްޑް” ކުރެހުންތަކަށް ބޮޑަށް ޝައުގުވެރިކަން ހުންނަ ކުއްޖެކެވެ. އެ ގޮތުން މި ފޮޓޯއަކީ އެކަމަށް ވިސްނައިގެން އޭނާގެ ސިކުނޑިއަށް އައި ޚިޔާލެއްކަމަށް އޭނާ ފާހަގަ ކުރިއެވެ. ހަގީގަތުގައި ވެސް އެ ފޮޓޯއަށް ބަލާލި ކޮންމެ މީހަކަށް ވެސް އެ ފޮޓޯގެ ފުރިހަމަ ކަމާއި ފޮޓޯ ކުރެހުމަށް ކުރި ބުރަ މަަސައްކަތް ފެނިގެން ދާނެއެވެ. ފޮޓޯގެ ފުރިހަމަ ކަމުގެ ސަބަބުން ގިނަ ބަޔަކު ބުނަމުން ގެންދިޔައީ އެއީ ޕްރިންޓު ކޮށްފައިވާ ފޮޓޯއެއް ކަމަށެވެ. މި ފޮޓޯ ކުރެހުމަށް އީމާ ދެ މަސް ދުވަސް ހޭދަ ކުރި ނަމަވެސް އެހާ ގިނަ ދުވަހުގެ ބުރަ މަސައްކަތުގެ ނަތީޖާ ވެސް އެހާމެ ފޮންޏެވެ.

އެއްބުރުން ނިންމާލި ކުރެހުމެއް، ދިމާވި އެތައް ގޮން ޖެހުންތަކެއް!

އުމުރުން ދޮށީ އަންހެނެއްގެ އެ ފޮޓޯއަކީ އީމާ އެންމެ ބުރަކުން ނިންމާލި ކުރެހުމެކެވެ. އެ ކުރެހުމަކީ ޗާކޯލު ބޭނުންކޮށްގެން ކުރަހާފައިވާ ކުރެހުމެއްކަމުން ތަންކޮޅެއް ހަޑިވިޔަސް ފޮހެލުމަށް ފަހު އަލުން ކުރެހުމަކީ ވާނެ ކަމެއް ނޫނެވެ. އެހެންވެ މި ކުރެހުން ކުރެހުމުގައި އީމާ ޚާއްސަ ސަމާލުކަމެއް ދީ، މަސައްކަތަކީ އެންމެ ފުރިހަމަ މަސައްކަތަށް ހެދުމަށް އޭނާ ވަރަށް މަސައްކަތް ކުރިއެވެ. މީގެ އިތުރުން މި މަސައްކަތަކީ އޭނާ މިހާތަނަށް ކުރި އެންމެ ބޮޑު މަސައްކަތް ކަމުގައި ވެސް އޭނާ ފާހަގަ ކުރިއެވެ.

ޗާކޯލު އެއީ ފޮހެވޭ އެއްޗެއް ނޫން. އެހެންވެ ވަރަށް ކެއާފުލްކޮށް ހުރިހާ ކަމެއް ވެސް ކުރަން ޖެހެނީ. ދެން އަނެއްކާ ފަސްޓް ޓައިމް ދޯ އެހާ ބޮޑުއެއްޗެއް ހަދަން. އެހެންވެ އުނދަގޫވި

އީމާ

މި ކުރެހުމަކީ އީމާއަށް ޚާއްޞަ ކުރެހުމެކެވެ. ކުރެހުން ބަލާލާ ކޮންމެ ފަހަރަކު ހަ އަހަރު ވާންދެން ކުރި މަސައްކަތުގެ މަންޒިލަށް ވާސިލު ވެވުނީހެން އޭނާއަށް ހީވެއެވެ.

އީމާ އެންމެ ހިތްހަމަޖެހޭ ކުރެހުމުގެ މަސައްކަތުގެ ތެރެއިން

އާޓް އެގްޒިބިޝަންގައި އީމާގެ ކުރެހުން ބަލާލުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު

މައުރަޒުގެ "މޯސްޓް ވައިބްރަންޓް އާޓިސްޓް"ގެ އިނާމު!

ނިމިދިޔަ 2020 ވަނަ އަހަރު ބޭއްވި މައުރަޒުގައި އީމާގެ މި ފުރިހަމަ މަސައްކަތް ދައްކާލުމާއެކު އެތައް ބައެއްގެ ސަމާލުކަން އެ ފޮޓޯގަނޑަށް ލިބިގެން ދިޔައެވެ. އަދި ހަމައެއާއެކު ކުރެހުމުގެ ބައިން "މޯސްޓް ވައިބްރަންޓް އާޓިސްޓް"ގެ އިނާމު ވެސް އެ އަހަރު ލިބިގެން ދިޔައީ އޭނާއަށެވެ. އެއީ އީމާގެ ޙަޔާތުގައި ވެސް މި ދާއިރާއިން މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމުގައި އޭނާ ފާހަގަ ކުރިއެވެ. އަދި ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އެ ފޮޓޯގަނޑު ބައްލަވާލެއްވުމަށް ވަޑައިގަތުމުން އީމާ ވަރަށް ފަޚުރުވެރި ވި ކަމުގައި އޭނާ ފާހަގަ ކުރިއެވެ.

މޯސްޓް ވައިބްރަންޓް އާޓިސްޓްގެ އިނާމާ އީމާ ހަވާލު ވަނީ

މި ހިތްގައިމު ކުރެހުމުގެ ޖާދޫގައި ޖެހިވަޑައިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެ ފޮޓޯ ބައްލަވާލައްވަން އެތައް އިރަކު ހުންނެވި ފަދައިން ކިތަންމެ ބައެއްގެ ލޮލުން އެ ކުރެހުން ފަރުދާވެގެން ނުދިޔައެވެ. އޭގެ ތެރެއިން ވެސް އެ ފޮޓޯއާ ދުރު ނުވެވުނު ޚާއްޞަ ބޭފުޅަކު ވިއެވެ. އެއީ ބްރިޓިޝް އެމްބެސެޑަރެވެ. އެންމެފަހުން އޭނާ އެ ފޮޓޯ ބައްލަވައިގަތީއެވެ.

ކުރެހުމުގެ އިތުރުން ސޭންޑް އާޓުގެ ހުނަރު!

އީމާއަކީ ފަންސުރާއި ޗާކޯލުގެ އިތުރުން ވެލިން ދައްކާ މަންޒަރުތަކުން ވެސް އެކި ކަހަލަ ވާހަކަތައް ކިޔައިދޭ ހުނަރުން ފުރިގެންވާ ޒުވާނެކެވެ. އަމިއްލައަށް ސޭންޑް އާޓް ވެސް ދަސްކޮށް އިތުރަށް މި ފަންނު އުނގެނެމުންދާ ޒުވާން އީމާ ވެލީގެ އާޓެއް ފުރަތަމަ ތައްޔާރުކުރީ އަހުމަދިއްޔާގެ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގައެވެ.ފުރަތަމަ އާޓް ނަމަވެސް ތިން ދުވަސް މަތީން ހަތްގަޑިއިރު ހޭދަކޮށް ހުށަހެޅި އެ މަސައްކަތުގެ އަގު ލިބިގެން ދިޔައެވެ. އެންމެން އާޝޯޚް ކޮށްލައިގެންނެވެ.

އީމާ ސޭންޑްއާޓް ހުށަހަޅަނީނަތީޖާއެއްގެ ގޮތުން އީމާ އަށް އިތުރު ފުރުސަތު ލިބެން ފެށިއެވެ. އެގޮތުން ޔޫއެންޑީޕީން ބޭއްވި ހަފްލާއަކުން ލިބުނު ފުރުސަތު އޭނާ ޚާއްޞަ ކުރިއެވެ.

އީމާ ހުށަހަޅައިދިން ސޭންޑްއާޓްގެ މަސައްކަތް

އީމާއަކީ ޅަ އުމުރެއްގައި އޭނާގެ ހުނަރުވެރިކަން ކުރިއަރުވާ އޭނާގެ ޗާލު މަސައްކަތްތައް އާންމުންނަށް ދައްކައިލައިފައިވާ ހުނަރުވެރި ޒުވާނެކެވެ. މިފަދަ ޒުވާން ހުނަރުވެރިންގެ ވާހަކަތައް ދައްކައި އަގު ވަޒަން ކުުރުމަކީ އެ ފަންނާނުންގެ މަސައްކަތަށް އިތުރު ހިތްވަރެއް ލިބޭނެ ކަމެކެވެ.

އަޅުގަނޑާއި މުޅި "ދެން"ގެ ފަރާތުން އީމާއަށް އެދެނީ އުފާވެރި ފާގަތި ކާމިޔާބު މުސްތަގުބަލަކަށެވެ.

Ads by Ooredoo
  1. ދެން އެމްވީ

    އަޅުގަނޑާއި މުޅި “ދެން”ގެ ފަރާތުން އީމާއަށް އެދެނީ އުފާވެރި ފާގަތި ކާމިޔާބު މުސްތަގުބަލަކަށެވެ.

  2. ވަރައްސަލާމް

    މަހުސަރުދުވަހުގަ ފޮޓޯކުރެހުމުގެޒިމްމާ ނެގޭނެބާ؟