މި ލިޔުން ނުކިޔާތި!
ނުކުރާށޭ ބުނާ ކަމެއް ވިއްޔާ ހަމަ ކުރާ ހިތް ވަނީ ދޯއެވެ. ތިއީ އިންސާނާގެ ތަބީއަތުގައި ވާ ކަމެކެވެ. މާ ބޮޑު މައްސަލައެއް ނޫނެވެ. މި ލިޔުމުގެ ސުރުހީގައި ވެސް މި ލިޔުން ނުކިޔައްޗޭ މި ޖެހީ އެހެން ވެގެންނެވެ. ލިޔުމާއި ސުރުހީއާ ގުޅުމެއް ހުރެގެންނެެއް ނޫނެވެ.
މާލޭގެ ކާރޫބާރު ބޮޑު މަގުތަކުގައި އަހަރެން ހިނގައިފައި ދިޔައިރު ފެނުނީ ހިތަށް އުނދަގޫވި މަންޒަރެކެވެ. ކަފިިހި ހުރަހުގެ ކައިރީގައި މުސްކުޅި އަންހެނަކު މަޑުކޮށްލައިގެން ހުރި މަންޒަރެވެ. އެ މަންޒަރު ފެނި އެމީހާއަށް އެހީތެރިވުމަށް އަހަރެން ބޭނުން ވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ފެނުނީ ފުލުހުންގެ ޔުނީފޯމްގައި ހުރި އޮފިސަރަކު އެމީހާއަށް އެހީތެރިވާ މަންޒަރެވެ. ހިތަށް ލިބުނު ހަމަޖެހުމާއެކު އެ ފުލުސް އޮފިސަރަށް ހެޔޮ ޖަޒާ ދެއްވުން އެދި ދުއާ ކުރަމުން ހިނގާފައި ކުރިއަށް ދިޔައީމެވެ.
ޗާންދަނީ މަގު އަސްރަފީ ބުކްޝޮޕް ފަހަަނަ އަޅައި މަޖީދީ މަގު ކަންމައްޗަށް ފޯރައިިފިއެވެ. އެތާ ކަންމަތީގައި ހުރި ބިދޭސީ މީހަކަށް އަހަރެންގެ ނަޒަރު ހުއްޓުނެވެ. އެތަނުގައި ހުރި ފިހާރައެއްގެ ފާރުގައި ލެނގިލައިގެން އޭނާ ހުރި އިރު އޭނާގެ ނަޒަރު ހުއްޓިފައި ވަނީ މަގުމަތީގައި ހިނގަމުން ދިޔަ މީހުންނަށެވެ. ފަހަރަކު މީހެއްގެ ގާތުގައި އޭނާ ކޮންމެ ވެސް ވާހަކައެއް ދައްކަމުން ދިޔައެވެ. އަޑު އަހާލުމުގެ ޝައުގުވެރިކަން ހިތުގައި އުފެދުމާއެކު މަގު ހުރަސް ކޮށްފައި އޭނާގެ އަޑު ލިބޭ ހިސާބަށް ދިޔައީމެވެ.
" ބޮސް މުސާރަ ނުދެނީ. ކާ އެއްޗެއް ނެތީ. ކާނާ ދެނީމަ ކުޑަ މަސައްކަތް ކުރަނީ" މަގުމަތިން ދިޔަ މެދުއުމުރުގެ އަންހެނެއްގެ ގާތުގައި އޭނާ ދެއްކި ވާހަކަ އަހަންނަށް ސާފުކޮށް އަޑު އިވުނެވެ. އެވަގުތު އެމީހާއަށް ކާ އެއްޗެއް ދިނުމަށް ހިތަށް އެރިއެވެ. ނަމަވެސް ފެނުނީ އެ އަންހެން މީހާ ދަބަހުން 50 ރުފިޔާ ނަގައި އެ ބިދޭސީ މަސައްކަތްތެރިޔާއަށް ދިއްކޮށްލި ތަނެވެ. ހިތަށް ލިބުނު ހަމަޖެހުމާއެކު މާފަންނާ ދިމާއަށް ހިނގައިގަތީމެވެ.
މާވެޔޮ މަގު ފަހަނަ އަޅައި ލަގްޒަރީ ފިހާރައާ ހަމައަށް ފޯރައިފިއެވެ. ފެނުނީ ދެމީހަކު ޒުވާބު ކުރާ މަންޒަރެވެ. ހިތްހަމަ ނުޖެހިގެން އުޅެނީ ކޮންކަމަކާ ކަން ނޭނގުނަސް މައްސަލަ ވަރަށް ގޯސްކަން ހިތަށް ނަގައިގަނެވުނެވެ. އެ ދެމީހުން ވެސް ތިބީ އެކަކު އަނެކެއްގެ ގަޔަށް އަރާ ހިސާބުގައެެވެެ. އަވަހަށް އެމީހުން ސުލްހަ ކުރުމަށް ޓަކައި ދާން އުޅުނީމެވެ. ނަމަވެސް އޭގެ ކުރިން ދެމީހަކު އައިސް އެމީހުންނާ ވާހަކަ ދައްކައި މައްސަލަ ހައްލު ކުރުވިއެވެ.
ނަސީބެކޭ ހިތަށް އަރައި ގޮސް އެތަނުގައި ހުރި ކަންމަތީ ފިހާރައަކަށް ވަދެފީމެވެ. މުސްކުޅި ބޭބެއެއް ގިނަ އެއްޗެހިތަކެއް ގަނެގެން އެ އެއްޗެހި ނުގެންދެވިގެން އުޅުނުތަން ފެނުނެވެ. މިފަހަރު އެތަނުގައި އޭނާއަށް އެހީވާނެ އެކަކު ވެސް ނެތެވެ. އަވަހަށް އެމީހާ ގާތުގައި އަހަރެން އަތަށް ގެންނާށޭ ބުނެ އެމީހާއާ އެކު އޭނާގެ ގެޔާ ހަމައަށް އެ އެއްޗެހި އަހަރެން ގެންގޮސްދީފީމެވެ.
މި ލިޔުން ނުކިޔާށޭ ބުނީމާ ވެސް ތިޔަ ކީ ދޯއެވެ. ކިޔައިފިނަމަ އެތައް އިބުރަތްތަކެއް ލިބިއްޖެ ކަމަށް އުއްމީދު ކުރަމެވެ. ބޯމަތީގައި މިއޮތީ ރަމަޟާން މަހެވެ. މީހަކަށް ކޮށްދޭ ކުޑަކުޑަ ހެޔޮ ކަމަކުން ވެސް އަހަރެމެންނަށް ތަފާތެއް ގެނެވިދާނެއެވެ. އަހަރެމެން ދިވެހީންނަކީ އެކަކު އަނެކަކަށް އެހީވާ އެއްބައިވަންތަ ބައެކެވެ.
ހާދަ މަޖަލޭ.. ހަމަ ހެދިއްޖެ..ކެކެހސހސހ
ދެން ގޯހެއް ނޫން..އެކަމަކު އުޅޭނެދޯ ހަމަ ވަރަށް ބަސްއަހާ މީހުންވެސް..އެމީހުން މިލިޔުން ނުކިޔާށޭ އޮތީމަ ފަހަރެއްގަ ނުކިޔަފާނެދޯހަމަ.. އޭރުން މިލިޔުމުގަ މިވާ އިބްރަތްތެރި ވާހަކަ ކޮޅު އެމީހުންނަކަށް ނޭނގޭނެދޯ..ވަރަށް ދެރަ .