ރައީސް ނަޝީދުގެ ތާއީދު އޮތް ކަމަށް ބުނެ ލަތީފް ހެއްދެވީ ދޮގެއް!
ރާއްޖޭގެ ރައީސްކަން ކުރެއްވި ތިން ބޭފުޅުންގެ ތާއީދު އޮތްކަމަށް އައްޑޫ ސިޓީގެ މޭޔަރުކަމަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު ލަތީފް ވިދާޅުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު އެކަން ދޮގު ކުރައްވައިފިއެވެ.
މުހައްމަދު ލަތީފްގެ ޓީމުން ކުރިއަށް ގެންދާ ޔޫޓިއުބް ޝޯގައި ލަތީފް ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމުގެ އިތުރުން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް އެ މަނިކުފާނަށް ތާއީދު ކުރައްވާ ކަމަށެވެ.
މި ކަން ދޮގު ކުރައްވާ ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ ނޫން އެހެން އެއްވެސް ޕާޓީއެއްގެ ކެނޑިޑޭޓަކަށް ތައީދު ނެތް ކަމަށެވެ. އަދި ނަޝީދު ވަނީ އައްޑޫ ސިޓީ ގެ ހުރިހާ ވޯޓެއް އެމްޑީޕީގެ ޓިކެޓުގައި އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ އަލީ ނިޒާރު އަށް ދެއްވުމަށް އިލްތިމާސް ކޮށްފައެވެ.
“އައްޑޫ ސިޓީގެ ހުރިހާ ވޯޓެއް އެމްޑީޕީގެ މޭޔަރު ކެނޑިޑޭޓު ނިޒާރު އަށް ދެއްވާ ވޯޓު ފޮށިތައް ފުރާލައްވާތި” ނަޝީދު ވިދާޅުވިއެވެ.
ލަތީފްގެ ވިދާޅުވީ ރައީސް ނަޝީދުގެ ތާއީދު އޮތް ކަމަށް ފާހަގަ ކުރެއްވީ އޭނާ އައްޑޫއަށް ޓަކައި އާއްމު ކުރެއްވި ސިޔާސަތުތަކުގައި ހިމެނޭ ކަންކަން ރައީސް ނަޝީދު އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއްގައި ތަކުރާރު ކުރައްވާފައި ވާތީ ކަމަށެވެ.