ވާހަކަ

ކުރު ވާހަކަ: ވަގުތު ފާއިތުވެއްޖެއެވެ.

ދެން އެމްވީ ، ދެން އޮންލައިން

އިރުގެ ދޯދިތަކުން މުޅި ފަޒާއަށް ވެރިވެފައި ވަނީ އަލިކަމެވެ.ބަގީޗާގެ ތެރޭގައި އުދުހެމުންދާ މާބުރާ ބަޅިނދާ ކޮކާލުން މުޅި މާހައުލަށް އިތުރު ފުރިހަމަކަމެއް ގެނުވައެވެ. މި މަންޒަރުތައް ބަލަން ރީޝަންއަށް ނުހުރެވިގެން ގޮސް ބަގީޗާގެ ތެރޭގައި ހެދިފައިވާ އެކިވަރުގެ ގަސްތަކުގެ ތެރެއަށް ވަދެ ގަސްތަކަށް ފެން ދޭން ފެށިއެވެ. އޭރު ރީޝަންއާއި، އޭނާގެ ގޭގައި އުޅޭ ދެ ނޯކަރުން ފިޔަވައި އެއްވެސް މީހެއްގެ ހިލަމެއް އެ ގެއަކުން ނުވެއެވެ. ވާނީ ވެސް އެހެންތާއެވެ. ރީޝަންގެ ފިރިމީހާއާއި ބައްޕަ އުޅޭނީ ވިޔަފާރީގެ ކަންތައްތަކުގައި އަވަދި ނެތި މަޝްއޫލުވެގެންނެވެ. ދޮންމަންމަ އުޅޭނީ އަބަދުވެސް ރަހުމަތްތެރިންނާއެކު ޕާޓީތަކަށްގޮސް މުނިފޫހިފިލުވުމުގައްޔާއި މަޖާ ކުރުމުގައެވެ. އެހެންކަމުން އެކަނިވެރިވާ އެވަގުތުކޮޅުގެ ބޭނުން ހިފުމަށްޓަކައި އޭނާ އޮފީސް ނިމިގެން އައިސް ކޮށްއުޅޭ މަސައްކަތަކީ ތަފާތު ވައްތަރުގެ ބަގީޗާ ގަސް ހައްދާ ބަލަހައްޓައި ބަގީޗާގައި ވަގުތު ހޭދަކުރުމެވެ.

Ads by STELCO

ރީޝަންއަކީ ނުހަނު ފޯރުންތެރި އާއިލާއެއްގެ ކުއްޖެއް ނަމަވެސް އާދައިގެ ދިރިއުޅުމަކަށް ލޯބިކުރާ މަޑުމައިތިރި ހިތްހެޔޮ މިޒާޖެއްގެ ކުއްޖެކެވެ. އެންމެންނާ ވެސް ގުޅޭ ސަކަމިޒާޖެއްގެ ވެރިއެކެވެ.ރީޝަންގެ މި ސިފަތައް ވަނީ އޭނައާމެދު އެންމެން ވެސް ގަޔާވާ އަދި ލޯބިވާ ސިފަތަކެއްގެ ގޮތުގައެވެ.

ޑޯ ބެލް އެޅި އަޑަށް ގަސްތަކަށް ފެންދޭން ހުރި ރީޝަން ހޮޅި އެއްލައިލައިފައި ދުއްވައިގަނެގެން ގޮސް ގޭޓުކައިރިއަށް ހުއްޓުނެވެ. ރީޝަންގެ ކަޅި ހުއްޓުނީ ކުރިމަތީގައި ހުރި ޑެލިވަރީ ބޯއީގެ އަތުގައި އޮތް މާބޮނޑިއަށެވެ. އަވަސްއަވަހަށް ފޮތުގައި ސޮއިކޮށްލުމަށް ފަހު މާބޮނޑި އަތުލައި އޭގައިވާ ނޯޓުކޮޅު ކިޔައިލިއެވެ.ނޯޓުކޮޅު ކިޔާލުމާއެކު މުޅި މީހާގެ މޫނުމަތީގައިވާ ތާޒާ ކުލަވަރު ބަދަލުވެ މިލާ މޯޅިވެގެން ދިޔައެވެ. އާނއެކެވެ. ވާނީވެސް އެހެންތާއެވެ. މަލެއް ފެނުމުން ރީޝަންގެ ހިތަށް ލިބޭ ހިތްހަމަ ޖެހުން ކިތަންމެ ބޮޑުކަމުގައިވީ ނަމަވެސް އެ ނޯޓުކޮޅު، އޭނާގެ މުޅި ދުވަސް ހަރާބު ކޮށްލައިފިއެވެ. ދެން އޭނާ ގެނބިގެންދިޔައީ މީގެ ދެ އަހަރު ކުރީގެ މާޒީއަށެވެ.

އެއީ ރީޝަން ކޮލެޖުގައި ކިޔަވަން އުޅުނު ދުވަސްވަރެވެ.ލޯބި އެއީ ކަނު އެއްޗެއްކަން އޭނާއަށް ހީކުރެވުން، ޔަޤީންވީ އެހިސާބުންނެވެ. ކޮލެޖު ނިމިގެން ގެއަށް ދިއުމަށްޓަކައި ބައްޕައަށް ބަލައި ނާދެވޭ ދުވަސް ދުވަހު ޓެކްސީ ނަގައިގެން ގެއަށް ދާން ފެށިއެވެ.މި ގޮތަށް ކޮންމެ ދުވަހަކު ކާރުގައި ދަތުރު ކުރުންވީ ކާރު ދުއްވަންއިން ޒިޔާން ނަމަކަށް ކިޔާ ޒުވާނާއާއި ރީޝަންއާ އެކަކު އަނެކަކާ ތަޢާރަފްވެ އެ ދެމެދުގައި އޮތް ގުޅުން ބަދަހިވީ ކަމަކަށެވެ. ދުވަސްތައް މިގޮތުގައި ފާއިތުވަމުން ދިޔަވަރަކަށް ދެމީހުންގެ ގުޅުން ދިޔައީ އިތުރަށް ވަރުގަދަ ވަމުންނެވެ. އެކި އެކި ރެސްޓޯރެންޓުތަކުންނާއި، ހަނދުވަރުދޭ ރޭރޭ ގޮނޑު ގޮނޑުދަށުން ބައްދަލު ކުރަމުން އައިސް އެ ދެމީހުންގެ ގުޅުމުގައި ކޮންމެ ދުވަހަކު އާ ސަފުހާއެއް ހުޅުވަމުންދިޔައެވެ. ރީޝަން މި ލޯތްބަށް އާނބަސް ކީ ދިރިއުޅުމެއް ފެށުމުގެ ނުހަނު ފޮނި އުންމީދާއެކުގައެވެ. މިއީ އޭނާއަށް ލޯތްބަކީ ހަމަ ހަޤީޤަތުގައި ވެސް ވާ އެއްޗެއްކަމާއި އޭގެ ފޮނިމީރުކަން ޤަބޫލު ކުރެވެން ފެށި ހިސާބެވެ. އެ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށްޓަކައި، ރީޝަންގެ ތައުލީމީ ސަފުހާ ލައްޕާލުމަށްފަހު އޭނާގެ ހުރިހާ ވަގުތެއް ޒިޔާންއަށްޓަކައި ޤުރުބާން ކުރަމުން ދިޔައެވެ.

މިގޮތަށް މި ގުޅުން ކުރިއަށް ގެންދާތާ ހަތަރު މަސްވީފަހުން ރީޝަންގެ އާއިލާއަށް މިކަން އެނގުނެވެ. ޒިޔާންއަކީ ވެސް އެންމެނަށް އެނގިފައިވާގޮތުން ޚުލްޤު ހެޔޮ އަހުލާގު ރަނގަޅު ކުއްޖަކަށްވެފައި ރީޝަންގެ އާއިލާއިން ވެސް ބޭނުންވީ ލަސްނުކޮށް ކައިވެންޏަކާ ހަމައަށް ދާށެވެ. ދެފަރާތުގެ އާއިލާއިން ވެސް ތިބީ އެ ކައިވެންޏާ މެދު ރުހި ޤަބޫލު ވެފައެވެ.މާ ގިނަ ދުވަސްތަކެއް ނުކޮށް ދެ އާއިލާއިން ވެސް ކައިވެނީގެ ތައްޔާރީތައް ވާންފެށިއެވެ. ރީޝަން ހުރީ އުފަލުން ފޮޅިފައެވެ. އެދުވަހަކަށްޓަކައި އޭނަ އެންމެ އިންތިޒާރުކުރަމުން އައި ދުވަސް ކައިރިވާތީއެވެ.

ކައިވެނީގެ ހަފްލާއަށް މުޅިތަން ވަނީ އެކި ކުލަކުލައިގެ ނި ވިދިއްލޭ ބޮކީންނާއި މަލުން ޒީނަތްތެރިކުރެވިފައެވެ. މުޅިތަނަށް ހީވަނީ ބަހާރު މޫސުން އައިސްފައި އޮތް ހެންނެވެ. ރީޝަން ތައްޔާރުކުރުމަށް ޓަކައި މޭކަޕް އާޓިސްޓުން އަވަދި ނެތި ހަރަކާތްތެރިވަމުން ދިޔައެވެ. ކުއްލިއަކަށް ރީޝަންގެ ފޯނު ވައިބުރޭޓުވުމާއެކު ފޯނު ނަގައި ބަލައިލިއެވެ. ފޯނަށް އައީ ނުދަންނަ ނަންބަރަކުން ކޮށްފައިވާ މެސެޖެކެވެ. " ހާއި ރީޝަން. މި ޒިޔާން ....އެއްވެސް މީހަކަށް ނޭނގޭ ގޮތަށް ވަރަށް އަވަހަށް ބޭރަށް ނިކުމެބަލަ. އަހަރެން މިހުރީ ބޭރުގަ މަޑުކޮށްގެން." މެސެޖު ކިޔުމަށްފަހު ރީޝަން ފޯނު އެނދުމައްޗަށް އެއްލައިލައިފައި، ހެނދުމުގެ ފަސްބައި މުޅިތާނގައި ދަމަމުން ދުވެފައި ގޮސް ބޭރަށް ނިކުމެ މަގުގެ ދެކޮޅު ބެލިއިރު، އެއްވެސް މީހަކު ފެންނަން ނެތުމުން ރީޝަންގެ ހިތަށް ނުތަނަވަސްކަމެއް ވެރިވިއެވެ. ކުރިއަށް ހިނގާލުމަށް ފަހު، މަގުގެ ދެކޮޅު ބަލައިލަން އުޅެނިކޮށް އޭނާގެ ފަހަތުން މީހަކު އައިސް އަނގަމަތީގައި އަތް އެޅިއެވެ. ވަގުތުން ރީޝަންގެ ހޭނެތުނެވެ.
ރީޝަންއަށް ހޭވެރިކަމެއް ވެގެން ލޯ ހުޅުވާލިއިރު ވަށައިގެން ފެންނަނީ އަނދިރިކަމެވެ. މީހެއްގެ ހިލަމެއް ދިލަމެއް ނުވެއެވެ. އެ ތަނުން ސަލާމަތްވެވޭނެ އެއްވެސް މަގެއް ހޯދާނޭހާ އަލިކަމެއް ވެސް އެތަނުގައި ނެތެވެ. ރީޝަން ބައިންދާފާއި އިން ގޮނޑިއާއެކު ވަނީ އައްސާފައެވެ. މިކަން ކުރިބަޔަކު އަދި މިކަން ކުރުމުގައި ފަހަތުގައި ތިބޭނެހެން ހީވާ ބަޔަކު ވެސް ރީޝަންގެ ހިތަކަށްނައެވެ. އެނގޭހާ ވެސް ކަމަކީ މިކަންކުރި ބަޔަކީ ނުވަތަ މީހަކީ އޭނާގެ ދުޝްމަނެއްކަމެވެ. ދެން އޭނާ ހަނދާންވީ އޭނާގެ ވާން އުޅޭ އަލަތު ފިރިމީހާއާއި އާއިލާގެ މަތިންނެވެ. އެހަނދާންތަކާއެކު ލިބުނު ހިތްވަރުން އެތަނުން ސަލާމަތް ވެވޭތޯ އޭނާ މަސައްކަތް ކުރަންފެށިއެވެ. މަޑުމަޑުން އިނގިލީގެ ކުރިތަކުން ހެނދުމުގެ ބަންދުގައި ޖަހާފައި ހުރި ދަތިގަނޑު ނައްޓާލުމަށްފަހު އަތުގައި އައްސާފައި އޮތްވާގަނޑު ކަނޑާލެވޭތޯ މަސައްކަތް ކުރިއެވެ. ވަރަށް ހާލުން އުޅެގެން ވާގަނޑު ކަނޑާލެވުމުން އޭނާ ބެލީ އެތަނުން ނިކުމެވޭނެ ގޮތެއް ފެނޭތޯއެވެ. ބާރުބާރަށް ގޮސް ދޮރުގެ ތަޅުގައި ހިފާލިއިރު، ދޮރު ހުރީ ބޭރުން ތަޅުލައިފައެވެ. ރީޝަން ހިތްވަރު އެލޭގޮތްވިއެވެ. ނަމަވެސް ވަރަށް ހިތްތިރި ކަމާއެކު ނިކުމެވޭނެ ގޮތެއް ވިސްނަމުން ދިޔައެވެ. ކުއްލިއަކަށް ދޮރުގެ ތަޅުގައި މީހަކު ހިފި އަޑަށް، އެތަނުން ނިކުތުމަށްޓަކައި އެތާގައި އޮތް ދަނޑިބުރިއެއް އަތަށް ހެޔޮވަރުކޮށްލުމަށް ފަހު ވަރަށް ހުޝިޔާރު ވިއެވެ. ދޮރު ހުޅުވާލުމާއެކު އެއީ ކާކުތޯވެސް ނުބަލައި އޭނާގެ މޫނުމަތީގައި ދަނޑިބުރިން އެތިފަހަރެއް ޖެހުމަށްފަހު ބަލާކަށް ނުހުރެ ރީޝަން ބާރު ބާރަށް ދުއްވައިގަތެވެ. ރީޝަންގެ ހަމަލާއާއެކު ދޮރު ހުޅުވި މީހާ އެނބުރިގެން ބިންމައްޗަށް ވެއްޓުނެވެ.

ދުވަމުން ގޮސް މީހުން ދިރިއުޅޭ ހިސާބަކަށް އާދެވުނުއިރު މުޅި މީހާ ވަނީ ތަނެއް ދޮރެއް ނޭނގޭވަރަށް ވަރުބަލިވެފައެވެ. އިސާހިތަކު ރީޝަންގެ ފައިން ވާގިދޫވެގެން ގޮސް ވެއްޓެންދިޔައެވެ. ނަމަވެސް ރީޝަން ބިންމައްޗަށް ވެއްޓުމުގެ ކުރިން އެހީސާބުގައި ހުރި ޒުވާނަކު އައިސް އޭނާގެ އަތްދަނޑިމައްޗަށް ރީޝަން ލައިގެން ހޮސްޕިޓަލަށް ގެންދިޔައެވެ.

ހޮސްޕިޓަލަށް ގެންގޮސް ގަޑިއިރެއް ފަހުން ރީޝަންއަށް ހޭވެރިކަންވިއެވެ. އެނދުމަތިން ތެދުވެ ވަށައިގެން ހޯދައި ބަލައިލިއެވެ. އަސުރަށް މޯޅިވާ މަލެއްފަދައިން މުޅި މީހާވަނީ މިލައި މޯޅިވެފައެވެ.މޫނުމަތިން ފެންނަނީ ހާސްކަމާއި ކަންބޮޑުވުމެވެ. ކުރިމަތީގައި ހުރި ގޮނޑިއެއްގައި އެއްކަލަ ޒުވާނާ އިށީނދެ އިނެވެ. " ތީ ކާކު؟ އަހަރެން މިތަނަށް ގެނައީ ކީއްކުރަން؟ " ރީޝަން ވަރަށް ހާސްވެ އިނދެ އެއް ނޭވާ މަތިން ފުންޏަކަށް މި ސުވާލުތައް ކޮށްލިއެވެ.

އޭނާ ޖަވާބުގައި ބުންޏެވެ. " ހާސް ނުވޭ. އަހަރެންނަކީ ތިބާގެ ދުޝްމަނެއް ނޫން. އަހަންނަށް ކިޔަނީ މާހިރު. ތިބާ އެނބުރައިގަނެގެން ވެއްޓެން ދަނިކޮށް ނަގައިގެން ހޮސްޕިޓަލަށް މިގެނައީ އަހަރެން." އެ ޒުވާނާގެ ލަފުޒުތަކުން ރީޝަން ހިތަށް ކުޑަ ފިނިކަމެއް ލިބުނެވެ.

ރީޝަންއަށް ހިތާހިތާ ބުނެވުނެވެ. "މިއީ ހާދަ މާތް ޒުވާނެކެވެ. މިޒަމާނުގައި މިފަދަ ފިރިހެން ކުދިން މަދުވާނެއެވެ. ދެން އަހަރެންނަށް އެހާލު ޖައްސަން މަސައްކަތް ކުރީ ފަހެ ކޮންބައެއްބާއެވެ. އަހަރެންނާއި އެމީހަކާ އޮތީ ކޮންގުޅުމެއް ބާވައެވެ." ހިޔާލުތަކުގެ ތެރެއަށް ގެނބިފައި އިންދާ ސިއްސައިގެން ދިޔައީ އެ ޒުވާނާ ގޮވާލުމުންނެވެ. " އެއްޗެއް ބޯލަންވީނު.." މިހެން ކިޔައި ދިއްކޮށްލީ ޖޫސްތައްޓެކެވެ. " ނޫން.. އެއްވެސް އެއްޗެއް ބޭނުމެއް ނޫން..އަހަރެން ބޭނުންވަނީ ގެއަށްދާން." މިހެން ބުނުމާއެކު ރީޝަންގެ ލޮލުން ކަރުނަ ނިރާލިއެވެ. މާހިރު އޭނާ ހުއްޓުވޭތޯ މަސައްކަތްކުރިއެވެ. އަދި ވެގެންއުޅޭ ގޮތް ރީޝަން ގާތު އެހުމުން ހުރިހާ ވާހަކައެއް މާހިރަށް ކިޔައިދިނެވެ. " ތިކަމާ ނުވިސްނާ. އިރުކޮޅަކުން އަންނާނެ ޑަކުޓަރު ބަލަން. ބަލާފަ ދޫކޮށްލާނެ. އޭރަށް އަހަރެން ގެންގޮސްދޭނަން ގެއަށް." މާހިރު މިހެން ބުނެފައި ދިޔައީ ޑަކުޓަރު ބަލައެވެ. ރީޝަން، އޭނާގެ މޫނުމަތި އަތުގެ މުލައްދަނޑިން ފޮހެލުމަށްފަހު ހިނިތުންވެލިއެވެ. ރީޝަންއަށް އެހީތެރިވެދޭނެ ފަރާތެއް އެފަދަ ހާލަތެއްގައި މެދުވެރިކުރެއްވީތީ ހެއްދެވި ފަރާތަށް ޝުކުރުވެރިވިއެވެ. ރީޝަންގެ ހިތުގެ ވިންދު އަވަސް ވާންފެށިއެވެ. ގޭތެރޭގެ ހާލަތެއް ނޭނގޭތީއެވެ. އޭނާގެ އާއިލާއާއި ޒިޔާން އޭނާ ހޯދުމަށްޓަކައި ތެޅިފޮޅޭނެގޮތް ވިސްނާފައެވެ. ރީޝަން އުންމީދުކޮށްގެން ހުރީ ޒިޔާން އޭނާއަށް ޓަކައި އިންތިޒާރުގައި ހުންނާނެކަމެވެ.

ޑަކުޓަރު އައިސް ރީޝަން ދޫކޮށްލުމާއެކު މާހިރު އަވަސްވެގަތީ ރީޝަން ގެއަށް ލައިދިނުމަށެވެ. ޓެކްސީއެއްގައި ރީޝަން ގެއަށް ގެންދިއުމަށްޓަކައި ދަތުރު ފެށިއެވެ. އޭނާގެ ހުރިހާ މަސައްކަތެއް ދޫކޮށްލާފައެވެ.ހުޅުވާލެވިފައިވާ ކާރުގެ ކުޑަދޮރުން ޖެހޭ ނަލަ ވައިރޯޅި އައިސް ގައިގައި ބީހުމާއެކު ހިތް މަރުވެފައިވާ ރީޝަންގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. އަދި ރީޝަންގެ މިލާމޯޅިވެފައިވާ މޫނަށް ތާޒާކަން ގެނުވިއެވެ. އެ ލިބުނު ވަގުތުކޮޅުގައި އެދެމީހުން އެކަކު އަނެކަކަށް ދިރިއުޅުމުގެ ކަންކަން ހިއްސާކުރިއެވެ. ދާން އޮތް ރާސްތާ ކިތަންމެ ދުރުކަމުގައި ވިޔަސް އެދެމީހުންގެ އޮލަ ވާހަކަތަކުގެ ސަބަބުން އެކަމެއް އިހުސާސެއް ނުކުރެވުނެވެ. މަންޒިލާ ހަމައަށް އާދެވެން ކައިރިވި ވަރަކަށް ރީޝަންގެ ހިތުގެ ވިންދު އަވަސްވާންފެށިއެވެ.

ކާރުގެ ބަރުގަނޑުގެ އަޑާއެކު ގޭ ދޮރުމަތީގައި ތިބި އެންމެންގެ ނަޒަރު ހުއްޓުނީ ކާރާ ދިމާއަށެވެ.ރީޝަން އަވަސް އަވަހަށް ކާރުން ފައިބައިގެން އެމީހުންނާ ދިމާއަށް ދުއްވައިގަތެވެ.ރީޝަންގެ ފަހަތުން މާހިރު ވެސް ކާރުން ފައިބެ އެމަންޒަރު ބަލަން އެތާ ހުއްޓުނެވެ. އެންމެންގެ މޫނުމަތިން ފެންނަހުރީ މާޔޫސްކަމާއި، ނުތަނަވަސްކަމާއި މޮޅިވެރިކަމެވެ.

ރީޝަން ގޮސް ޒިޔާނުގެ ކުރިމައްޗަށް ހުއްޓި އޭނާގެ ދުލުން ބަހެއް ބޭރުކުރުމުގެ ކުރިން ޒިޔާނު ބުންޏެވެ." ވަރަށް ބޮޑަށް ޝުކުރިއްޔާ! ތިޔަވީ ވަފާތެރިކަމަށްޓަކައި.. އަހަރެންގެ އަރިހުން މައާފަށް އެދެން ނާންނާތި..އަހަރެން ވަކިވެ މިދަނީ ރީޝަންގެ ހަޔާތުން މުޅި އުމުރަށް.."
ރީޝަންގެ ދެލޯ ކަރުނައިން ފުރުނެވެ. ހިނދުކޮޅެއްގެ ތެރޭގައި ގޮތް ނޭނގޭ ބަޔަކު ކުރި މުޑުދާރު އަމަލެއްގެ ސަބަބުން މުޅި ދިރިއުޅުން ވިއްސިވިހާލިވީކަމުގައި އޭނާއަށް ހީކުރެވުނެވެ. އެ މައުސޫމް ދެލޮލުގެ ކެކުޅުންތަކަށް ފުރަގަސް ދިނުމަށްފަހު ޒިޔާން ކާރަށް އަރަން ދާން ހިނގައިގަތުމާއެކު، ރީޝަން އަތުގެ މުލައްދަނޑިން، ދެލޮލުން ނިރާލާފައިވާ ކަރުނަތައް ފޮހެލާފައި، ދުވެފައިގޮސް ޒިޔާންގެ ފައިގައި ހިފެހެއްޓިއެވެ. އޭނައާމެދު އެގޮތަށް ކަންތައް ނުކުރުމަށް އެދި ރޮއެ އާދެސް ކުރިއެވެ. " މިގޮތް ބޭނުންވާތީނު ރީޝަން އެ ފިރިހެނާއާއެކު ކައިވެނިކުރުމުގެ ވަޤުތު ޖެހި ޖެހި އޮއްވާ ތި ދިޔައީ..އަހަރެން ބޭނުމެއް ނޫން ތި ދައްކާ ވާހަކައެއް އަޑުއަހާކަށް " މި ހެން ބުނެ ރީޝަންގެ އަތް ފޮޅުވާލާފައި ޒިޔާން ކުރިއަށް ހިނގައިގަތެވެ. ރީޝަންގެ އާދޭހުގެ އަޑަށް އޭނާ ދިނީ ބީރު ކަންފަތެކެވެ. ރީޝަން ކަންތައް ވީގޮތުގެ ހަޤީޤަތް އޮޅުންފިލުވައިދޭން ވަރަށް މަސައްކަތް ކުރި ނަމަވެސް ޒިޔާން އަޑެއް ނޭހިއެވެ. ކައިވެނީގެ ދަރުބާރާއި ވާންއުޅުނު އަލަތު އަނބިމީހާ ދޫކޮށް އޭނާގެ އާއިލާގެ މީހުން ގޮވައިގެން ދިޔައީއެވެ. ރީޝަން އޭނާއަށް ބޭވަފާތެރިވީކަމަށް ހީކޮށެވެ.

ރީޝަންގެ އާއިލާ އެންމެ މިކަމާ ވަރަށް ހިތާމަކުރިއެވެ. ރީޝަންގެ ލޯބިވެރިޔާއާ އެކު އާ ހަޔާތެއް ފަށާތަން ދުށުމަކީ އޭނާގެ އާއިލާވެސް ވަރަށް އުންމީދުކުރި ކަމެކެވެ.

މިހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނެ ފަރާތެއްކަމުގައި ރީޝަންގެ އާއިލާގެ މީހުންނަށް ޤަބޫލު ކުރެވުނީ މާހިރެވެ. ނަމަވެސް އޭނާ، އެންމެންގެ ތެރެއަށް މާހިރު ބަދުނާމު ވިޔަ ނުދީ ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ. މިއީ ބަޔަކު އަޑީގައި ތިބެގެން ރާވައިގެން ކުރި ކަމެއްކަމާއި މިކަމުން ސަލާމަތްވީ މާހިރުއާ ދިމާވުމުންކަން އޭނާ އާއިލާއަށް ކިޔައިދިނެވެ. އެވަގުތަކީ އާއިލާގެ އެންމެ ދެރަވެ ހިތާމައިގައިވީ ވަގުތުކޮޅެއްކަމުގައި ވީނަމަވެސް އުފަލުން ގޮސް ރޮވުނެވެ. ރީޝަންގެ ބައްޕަ ގޮސް އޭނާގެ ގައިގައި ބައްދައިލައި މި މައްސަލަ ބެލުމަށް ފުލުސް އޮފީހަށް ދާނެ ވާހަކަ ބުންޏެވެ. އަދި މާހިރުގެ ގައިގައި ބައްދާލައި އޭނާއަށް ޝުކުރު އަދާކުރިއެވެ. ރީޝަންއަށް މި ލިބުނު ހިތާމަތައް ކަފުންކުރުމަށް ޓަކައި މާހިރުއާ ކައިވެނީގެ ގޮށްޖެހުމަށް ރީޝަންގެ ބައްޕަ އެދެކުދިންގެ ކިބައިން އެދުނެވެ. ލަދުރަކި ފާޑަކަށް ހުރެ މާހިރު ޖަވާބުގައި އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. ރީޝަންވެސް ބައްޕަގެ އެދުން ޤަބޫލު ކުރިއެވެ.

ހަފްތާއެއް ފަހުން ރީޝަންއާއި މާހިރުގެ ކައިވެނި ކުރެވުނެވެ. މާހިރަކީ ޔަތީމު ކުއްޖެއް ނަމަވެސް ޢިލްމު އުނގެނިގެން ހުރި އަޚުލާޤު ރަނގަޅު ކުއްޖެކެވެ.ރީޝަންގެ މި ނިންމުން ވެގެން ދިޔައީ އޭނާގެ ހަޔާތުގައި ނެގުނު އެންމެ އަވަސް އަދި އެންމެ ފޮނި ނިންމުމަށެވެ.

މާހިރު ސައިކަލުގައި އައިސް ގޭޓު ކައިރީ މަޑުކޮށްލުމާއެކު، ފުން ޚިޔާލުގެ ކަނޑުތެރެއަށް ގެނބިފައިވާ ރީޝަންއަށް ހޭވެރިކަންވެ، ހިޔާލީ ފުންކަނޑުގެ ތެރެއިން ނިކުތެވެ. އަދި މާހިރު އަށް ނުފެންނާނެހެން އަތުގައިވާ ނޯޓުކޮޅު މުށުތެރެއަށްލާ ބޮނޑިކޮށްލިއެވެ. އެދުވަހު ރީޝަންގެ އާދޭސްތަކަށް ޒިޔާން ބީރު ކަންފަތެއްދީ އެ އާދޭސްތަކުގައި ކޮޅުފައިންޖަހައިފައި ދިޔަ ފަދައިންނެވެ. އެއީ ދުވަހަކުވެސް ރީޝަންގެ ހިތުން ފޮހެނުލެވޭނެ ހަނދާންތަކެކެވެ. މިއަދާ ހަމައަށް އައިރުވެސް އެދުވަހު އޭނާގެ ދިރިއުޅުން ބަރުބާދުކޮށްލުމަށް ޓަކައި އެކަން ކުރި ބަޔަކު ނުހޯދުނެވެ. ނަމަވެސް މިއަދު އޭނާ އުޅެމުން އެދަނީ ވަރަށްވެ ސް އުފާވެރި ދިރިއުޅުމެކެވެ. ދެން އެދުވަހު ކަންވީގޮތުގެ ހަޤީގަތް އެނގިގެން ރީޝަން ކާމިޔާބު ކުރުމަށްޓަކައި ޒިޔާން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް މިއަދު އޭނާއަކީ ޚުލްޤު ހެޔޮ މާތް މީހެއްގެ އަނތްބެކެވެ. މިހާރު މިވަނީ ވަގުތު ފާއިތުވެފައެވެ.

ނޯޓް: މިއީ މި ރަމަޟާން މަހަށް "ދެން"އިން ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތަށް ހުށަހެޅި ވާހަކައެކެވެ. މި ވާހަކަ ލިޔެފައިވަނީ ޢާޞިމާ ޢަބްދުﷲއެވެ. ވާހަކަ ހުށަހެޅުމަށް، [email protected] އަށް މެއިލް ކުރައްވާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!