ވާހަކަ

ކުރު ވާހަކަ: ކަޅު ވިލާތަކުގެ ތެރެއިން

ދެން އެމްވީ ، ދެން އޮންލައިން

އަހަންނަށް ސިއްސައިގެން ގޮސް ހިޔާލުތަކުން ނިކުމެވުނީ އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާ ކަމަށްވާ ޝަހާ އަހަންނަށް ތަންކޮޅެއް ދުރުގައި ހުރެފައި ގޮވުމުންނެވެ. "ރީޝާ! އައްކޮ ބަލާލަދީބަ. އަހަރެން އެބަ އަންނަން އާ ޕޭޝަންޓެއް އެޑްމިޓް ކުރަން ތައްޔާރު ކޮއްފަ." ޝަހާ މިހެން ބުނުމުން 4 ވަރަކަށް އަހަރުގެ ކުޑަކުއްޖެއް އަހަރެން ކައިރިއަށް އައެވެ. "އައްކޮ ބޭނުންތަ މިލްކް؟" އަހަރެން އައްކޮ ކައިރީ އެހީމެވެ. އައްކޮ އާނއެކޭ ބުނުމުން އަހަރެން ގެންގުޅޭ ދަބަސް ތެރެއިން ކިރު ޕެކެޓެއް ނެގުމަށް ފަހު، ކިރު ޕެކެޓު ކަނޑާފައި އައްކޮއަށް ދިނީމެވެ.

Ads by STELCO

އައްކޮގެ އަސްލުނަމަކީ އައިހަމްއެވެ. އެކަމަކު ހޮސްޕިޓަލުގައި އުޅޭ ނަރުހުން ލޯބިން ގޮވަނީ އައްކޮއެވެ.
އަހަންނަކީ ވެސް މާލެ އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އަންނަ ނަރުހެކެވެ. މިދާއިރާގައި އަހަރެން މަސައްކަތް ކުރަމުން އަންނަތާ 4 ވަރަކަށް އަހަރު ވެދާނެއެވެ. ކަން ދިމާކުރި ގޮތުން މަސައްކަތް ކުރަނީ ޝަހާއާ އެއް ހޮސްޕިޓަލެއްގައެވެ.

އައިހަމްއަކީ ހޮސްޕިޓަލުގައި މަސައްކަތް ކުރަނިކޮށް، ހިނގި ހާދިސާއެއްގައި ދިމާވި ކުއްޖެކެވެ.
އެއިރު ނަރުސްކަމަށް އަހަރެން އަދި ތަންކޮޅެއް އަލެވެ. އަހަރެން މަސައްކަތް ކުރަމުން ދިޔައީ ލޭބަރ ރޫމްގައެވެ.

އެއްދުވަހު ލޭބަރ ރޫމައަށް އެމަޖެންސީކޮށް މާބަނޑު އަންހެނަކު ވެއްދުނެވެ. ކަންދިމާވީ ވަރަށް ހިތިކޮށެވެ. އެއަންހެން މީހާ ވިހެއުމަށް ފަހު ލޭ މަނާ ނުވެގެން މިދުނިޔެ ދޫކޮށް ދިޔައީއެވެ. އައިހަމްއަކީ އެއަންހެން މީހާގެ ދަރިފުޅެވެ. އައިހަމް ބަލާނެ އާއިލާ އެއްވެސް މީހަކު ނެތުމުން އަހަރެން ނިންމީ އައިހަމް އަހަރެންގެ އަމިއްލަ ދަރިއެއްހެން ބަލާ ބޮޑު ކުރާށެވެ. އައިހަމް މިހާރު އެޑްމިޓް ކުރެވިފައި ވަނީ ހުން އައިސް، ހޮޑުލާތީއެވެ.
އަހަންނަށް ހިޔާލުތަކުން ނިކުމެވުނީ އައިހަމް އަހަރެން ގައިގާ ކޮއްޓާލުމުންނެވެ.

"މަންމީ، ހުސްވީ" އައިހަމް ކިރުޕެކެޓު އަހަރެން ކައިރިއަށް ކުޑަކޮށް ޖައްސާލަމުން ބުންޏެވެ. އައިހަމް ލޯ އުނގުޅަން ފެށުމުން އަހަރެން، އައިހަމް އުރާލައިގެން އެޑްމިޓް ކުރެވިފައިވާ އެނދު ކައިރިއަށް ދިޔައީމެވެ. އުރާލައިގެން ހުރެ ދެކޮޅަށް ހިނގާލުމުން އިސާހިތަކު ނިދައިފިއެވެ.

ދަންވަރުގެ ހަމަހިމޭން ވަގުތުގައި މީހެއްގެ ހިލަމެއް ނުވެއެވެ. އެހެން ހުރެލާފައި ބުޅާ ކޯޅިލާ އަޑު އިވެއެވެ. މި ހަމަހިމޭންކަން ނަގައިލީ ބަޑިއެއްގެ އަޑު ފަޒާގެ ތެރޭގައި ގުގުމާލުމުންނެވެ. ފުރަތަމަ އެކަން އެހާ ބޮޑު ކަމަކަށް އަހަރެން ނުހަދަމެވެ. އެއީ ސިފައިން ޓްރެއިނިންގް ސެޝަނެއްކަމަށް ހީކޮށެވެ. އެކަމަކު ދެން ލިބުނު ޚަބަރަކުން އަހަރެންގެ ހިތް ހީވީ މޭ ކަށިތައް ފަޅާލާފައި ނިކުތް ހެންނެވެ.

ޝަހާ އައިސް މީހަކު ގަޔަށް ވަޒަނެއް އެރި ވާހަކަ ބުންޏެވެ. އަހަރެން ވީހާވެސް އަވަހަކަށް އެމީހާ ގެނެވުނު ތަނަށް ދިޔައީމެވެ. އެމީހާއަށް ފަރުވާ ނުދެވެނީސް، ލެއިން ތަތްތެޅިފައިވާ އިތުރު ދެމީހަކު ހޮސްޕިޓަލުގެ ތެރެއަށް ވެއްދުނެވެ. އެންމެން ވެސް އެއް ހާލެއްގައެވެ. މިނެޓަކަށް ފަހު މިނެޓެއް ހިނގާ ދަނީއެވެ. ހޮސްޕިޓަލުގެ ތެރެއަށް ވެއްދޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ޑޮކުޓަރަކަށް، ނަރުހަކަށް ނުބަލާ، އެންމެންވެސް ބެލީ ވީހާ ވެސް އަވަހަކަށް ބަލި މީހުންނަށް ފަރުވާ ދެވޭތޯއެވެ. ހޮސްޕިޓަލުގެ ތެރެއިން ހުއްޓުމެއް ނެތި އިވެމުން ދަނީ މީހުންގެ ރުއިމުގެ އަޑާއި، ގިސްލުމުގެ އަޑެވެ.

އަހަރެން ކުޑަ އަންހެން ކުއްޖެއްގެ ގާތަށް ފަރުވާދޭން ދިޔައީމެވެ. އެކުޑަ އަންހެން ކުއްޖާގެ މޭކައިރިއަށް ވަނީ ވަޒަނެއް އަރާފައެވެ. އެކުއްޖާ ބޭއްވިފައިވާ އެނދު ވަނީ ލެއިން ތަތްތެޅިފައެވެ. ގިސްލަ ގިސްލާފައި ރޮވޭ ހާލު، އެކުއްޖާ އެނދު ކައިރީ ހުއްޓިގެން ހުރީ އެކުއްޖާގެ މަންމައެވެ. އެކުއްޖާ ގައިން ވަނީ ވަރަށް ގިނައިން ލޭފައިބައިފައެވެ. ލޭމަނާ ކުރެވޭތޯ އަހަރެން މަސައްކަތް ކުރީމެވެ. ނަމަވެސް ކުރި ހުރިހާ މަސައްކަތެއްވީ ފޫނެތް ފަޔަކަށް ފެން ފުރުމާ އެއްފަދަ ކަމަކަށެވެ. އެކުޑަކުއްޖާގެ ގިސްލުމާއި ރުއިމުގެ އަޑު ހުއްޓުމެއް ނެތި އިވެމުން ދެއެވެ.

ދެންހީ ވީ އަހަރެންގެ ފައިތިލަދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. އެކުޑަ ކުއްޖާގެ ގިސްލުމާއި ރުއިމުގެ އަޑު ކުއްލިއަކަށް ހުއްޓުނެވެ. ނޭވާލާތޯ އަހަރެން ބަލާލީމެވެ. އެކުއްޖާގެ ނޭވާ ހުއްޓިއްޖެއެވެ. އެކުއްޖާ މަންމަ ކައިރީ އަހަރެން ބުނާނީ ކީކޭ ހެއްޔެވެ؟ އަހަރެން ހިތި މޫނަކައިގެން އެކުއްޖާ މަންމައާ ދިމާލަށް އެނބުރުނީމެއެވެ. އަދި ދެކޮޅަށް ބޯ އަނބުރާލީމެވެ. އެކުއްޖާގެ މަންމަ ވަރަށް ބާރަށް ރޯން ފެށިއެވެ. އަހަރެން އެކުއްޖާ މަންމަގެ ކޮނޑުގައި މަޑުމަޑުން ޖަހާލީމެވެ. މައެއްގެ ހިތުގައި، އަމިއްލަ ދަރިފުޅު މަރުވުމުން ހާދަ ވޭނެއް އަޅާނެއޭ އަހަރެންގެ ހިތަށްއެރިއެވެ.

އަހަރެން ވަށައިގެންވާ މާހައުލަށް ބަލާލީމެވެ. ވަށައިގެން އަހަންނަށް ފެންނަމުން ދިޔައީ ހިތާމައާއި ވޭނެވެ. އެއިރުވެސް ހުއްޓުމެއް ނެތި ބަޑި ޖަހާ އަޑާއި، ބޮން ގޮއްވާ އަޑު އިވެމުން ދެއެވެ.

އަހަރެންގެ ކަޅި ހުއްޓުނީ ދެންމެ ހޮސްޕިޓަލަށް ވެއްދެވުނު ބަލި މީހާއަށެވެ. އަހަރެންގެ ހިތް ހީވީ ހުއްޓުނު ހެންނެވެ. އަހަރެންގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ. ކަރުނަ ތިއްކަކަށް ފަހު ކަރުނަ ތިއްކެއް އަހަރެންގެ އެސްފިޔަތައް ފޫއަޅުވާލާފައި ފައިބައިގެން ދިޔައެވެ. އަހަންނަށް ދޮންބޭއޭ ކިޔާ ހަޅޭއްލަވައިގަނެވުނެވެ. އަހަރެން ދޮންބެ ބޭއްވިފައިވާ އެނދު ކައިރިއަށް ފައިގައި ހުރި ބާރެއް ލާފައި ދުއްވައިގަތީމެވެ. އަދި ލެޔަކަށް ބެލުމެއް ނެތި އަހަރެން ދޮންބެގެ ގައިގާ އޮޅުލައިގަތީމެވެ.

ދޮންބެގެ މެއަށް ވަނީ ވަޒަނެއް އަރާފައެވެ. ދޮންބެ ދަނީ ފުންކޮށް އެހެނަސް އަވަހަށް ނޭވާލަމުންނެވެ. އެވަގުތު ޝަހާ އަހަރެން ދޮންބެއާ ދުރުކުރެވޭތޯ ބެލިއެވެ. އެކަން ޝަހާއަށް ހާސިލުވުމުން، އަހަރެން ދުރަށް ގެންދުމަށްފަހު ގޮނޑިއެއްގައި ބޭންދިއެވެ. އޭރުވެސް އަހަންނަށް ހުއްޓުމެއްނެތި ގިސްލާ ރޮވެމުން ދިޔައެވެ. ޝަހާ އަހަންނާ ވާހަކަ ދައްކާ ހަމަޖައްސާލުމަށް ފަހު، ބަލި މީހުންނަށް ފަރުވާދޭން ދިޔައީ އަހަރެން ގާތުވެސް ބަލިމީހުންނަށް ފަރުވާދިނުމަށް އަންނަން އެދިފައެވެ.

ޝަހާގޮސް އިރުކޮޅެއްފަހުން އަހަރެންވެސް ބަލިމީހުންނަށް ފަރުވާދިނުމަށް ދިޔައީމެވެ. އޭރުވެސް ހުއްޓުމެއް ނެތި ބަލިމީހުން ހޮސްޕިޓަލަށް ވެއްދެމުން ދެއެވެ. އެކަކުގެ ހާލަށް ވުރެން އަނެކަކުގެ ހާލު ބޮޑުހެން އަހަންނަށް ހީވިއެވެ. އަހަރެން ހާސްވާން ފެށީ އަހަރެމެންނަށް ފަރުވާ ދެވޭވަރަށް ވުރެއް ބަލިމީހުން ގިނަވެފައި، ބަލިމީހުންގެ ހާލު ދެރަވަމުން ދާތީއެވެ. ބަލިމީހުން ގިނަވުމުގެ ސަބަބުން، ބައެއް މީހުން ބިންމަތީގައި ކުނާ އަޅާފައި ބޭއްވިފައިވެއެވެ. ކޮންމެ ބަލި މީހެއްގެ ކައިރީ، އެމީހާގެ އާއިލާ މެންބަރުން ތިއްބެވެ. ބަލާލި ކޮންމެ ދިމާލަކުން ފެނިގެން ދިޔައީ ލެއެވެ.

އަހަރެން ނޭވާ ހާސްވާން ފެށުމުން، ފުންކޮށް ނޭވާއެއް ލުމަށްފަހު ނޭވާ ހަމައަކަށް އެޅުވާ ލެވޭތޯ މަސައްކަތް ކުރީމެވެ. ފަހަރަކު ބަލިމީހަކަށް ފަރުވާ ދެމުން ދިޔަނަމަވެސް އަހަރެން މާޔޫސްވާން ފެށީ ކޮންމެ ބަލިމީހަކު ވެސް ފުން ދެތިން ނޭވާއެއްލުމަށް ފަހު ލޯ މަރާލާތީއެވެ. އަހަރެންގެ ލޯ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުތަކުން ހީވީ އަހަރެންގެ ހިތަށް ތޫނު ހަންޖަރެއް ހަރާލިހެންނެވެ.

ބަލި މީހެއް ބޭއްވިފައިވާ އެނދަކާ ދިމާލަށް އަހަރެން މިސްރާބުޖެހީމެވެ. އެމީހާއަކީ މެދު އުމުރުގެ ފިރިހެނެކެވެ. އެމީހާގެ ކޮނޑަށް ވަނީ ވަޒަނެއް އަރާފައެވެ. އޭނާގެ ދަނީ މަޑު މަޑުން ރޮމުންނެވެ. އެމީހާ ދަނީ ފުންކޮށް ނޭވާލަމުންނެވެ. ގިސްލަ ގިސްލާ ރޮވޭހާލު އޭނާގެ އެނދު ކައިރީ ހުރީ އޭނާގެ ކޮއްކޮއެވެ.
އަހަރެން ގޮސް އެމީހާގެ ކޮނޑުން ލޭ މަނާ ކުރެވޭތޯ މަސައްކަތް ކުރީމެވެ. ނަސީބު އައިސް އަހަރެންގެ އަތުގައި ހިފިއެވެ. ﷲ ގެ އިރާދަފުޅުން ކުޑަ އިރުކޮޅެއްގެ ތެރޭގައި، ވަރަށް މަސައްކަތުން ލޭ މަނާ ކުރެވިއްޖެއެވެ. އަހަރެން އެމީހާގެ ކޮނޑުގައި ބެންޑޭޖު އަޅަން ހުއްޓައި ޝަހާ އައިސް އަހަރެން ކައިރީ ބުނި ވާހަކައަކުން އަހަރެންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ޝަހާ އަހަރެން ކައިރީގައި ބުނީ ބޭރު ގައުމުގެ ސިފައިން، ދިވެހި ސިފައިންނަށް އެހީވާން އައި ވާހަކައެވެ. އަހަރެން ހިތާހިތުން ﷲ އަށް ދުޢާ ކުރީމެވެ. ދިވެހިރާއްޖެއަށް ނަސްރު ލިބުމަށް ޓަކައެވެ. ކުރިއަށް ވުރެ ބާރަށް ބަޑިޖަހާ އަޑު އިވެމުން ދިޔައެވެ.

އަހަރެން ފަރުވާދެމުން އައި މީހާގެ ކޮނޑުގައި ބެންޑޭޖު އަޅާ ނިމުމުން އަހަރެން ދެން ތިބި ބަލި މީހުންނަށް ފަރުވާދިނުމަށް އަވަސްވެ ގަތީމެވެ.

ބަންގީގެ އަޑު ފަޒާގެ ތެރޭގައި ގުގުމާލިއެވެ. އިރު އޭގެ ޒިންމާ އަދާކުރުމަށް ޓަކައި އުޑު މައްޗަށް މަޑު މަޑުން އަރަމުން ދިޔައެވެ. އަދިވެސް ހުއްޓުމެއް ނެތި ބަޑިޖަހާ އަޑު އިވެމުން ދެއެވެ. އަހަރެން ބަލިމީހުންނަށް ފަރުވާދެމުން ދިޔައީ ވަރުބަލިކަމެއް ނެތިއެވެ. އަހަންނަށް މިހާރު ގާތް ގަނޑަކަށް 8 މީހުންނަށް ފަރުވާ ދެވިއްޖެއެވެ. އެ އެންމެން ވެސް ނަސީބަކުން ތިބީ ހެޔޮ ހާލުގައެވެ. އެކަމަކު ޝަހާދަތުގެ ދެކަލިމަ ކިޔުމަށް ފަހު ދެލޯ މަރާލި މީހުން އަހަރެން ދުށީމެވެ.

ތަންކޮޅެއް ދުރުން ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުހެއް އަހަންނާ ދިމާލަށް އަންނަތަން އަހަންނަށް ފެނުނެވެ. "ރީޝާ! ދިވެހިންނަށް ނަސްރު ލިބިއްޖެ" އެނަރުސް ކުއްޖާ މާނޭވާ ލަމުން ބުންޏެވެ. އަހަރެން ހިތާ ހިތުން ﷲއަށް ޝުކުރު ކުރީމެވެ.

މިނެޓަކަށް ފަހު މިނެޓެއް، ގަޑިއިރަކަށްފަހު ގަޑިއިރެއް ހިނގައި ދަނީއެވެ. އިސާހިތަކު، ހުރިހާ ނަރުހުންނާއި، ޑޮކުޓަރުންގެ ހިތްވަރާއެކު ހުރިހާ ބަލި މީހުންނަށް ފަރުވާ ދެވިއްޖެއެވެ. އެހެނަސް 11 މީހުން މިދުނިޔެ ދޫކޮއްފަ ދިޔައީއެވެ. އޭގެ ތެރެއިން އަހަރެންގެ ދޮންބެ ހިމެނިގެން ދިޔައެވެ. އަހަރެން ދޮންބެ ބޭއްވިފައިވާ އެނދު ކައިރިއަށް މިސްރާބު ޖެހީމެވެ. އަދި އަހަރެން ދޮންބެގެ ފިނި އަތުގައި ހިފީމެވެ. އަހަރެންގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ. ކަރުނަ ތިއްކަކަށް ފަހު ކަރުނަ ތިއްކެއް އަހަރެންގެ އެސްފިޔަތައް ފޫއަޅުވާލާފައި ފައިބަމުން ދިޔައެވެ.

މުޅި ދުނިޔެ ހުއްޓުނުހެން އަހަންނަށް ހީވިއެވެ. އަހަރެންގެ އާއިލާގެ ހުރި ހަމައެކަނި މީހަކީ ދޮންބެއެވެ. ދޮންބެ ވެސް އަހަރެން އެކަނި ކޮށްފައި އެ ދިޔައީއެވެ. އަހަރެންގެ ހިތަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސާލިހެންނެވެ. ދޮންބެގެ ހަނދާންތައް، އަހަރެންގެ ލޮލު ކުރިމައްޗަށް، ފިލުމެއްހެން ފެންނަމުން ދިޔައެވެ.

އެއީ އަހަރެން މަދަރުސާގައި އުޅެމުން އައި ދުވަސްކޮޅެކެވެ. އަހަންނަށް ހޭލެވުނީ ދޮންބެ އަހަންނަށް ގޮވުމުންނެވެ. "ރީއްކޯ! ތެދުވޭ." އަހަރެން މޫނުމަތީ ބާލީސް އެޅުމަށް ފަހު އަނެއްކޮޅަށް އެނބުރުނީމެވެ. އެހެންކަމުން ދޮންބެ އެ ބާލީސް ދަމައިގަތެވެ. ރުޅިމޫނު ހަދައިގެން އަހަރެން އެނދު މަތީގައި އިށީނީމެވެ. އަދި އެނދުގައި އޮތް އަނެއް ބާލީސް ނެގުމަށް ފަހު ދޮންބެ ގައިގައި ޖެހުމަށް، ދޮންބެ ފަހަތުން ދުއްވައިގަތީމެވެ. އެދުވަހު، ދޮންބެ ގައިގާ ބާލީހުން ޖެހުމަށް މުޅި ގޭގައި ދުވީމެވެ. މަދަރުސާއަށް ވެސް ދެވުނީ ގަޑި ޖެހިގެންނެވެ.

އަހަންނަށް ހިޔާލުތަކުން ނިކުމެވުނީ ކުޑަކުޑަ ދެއަތުން އަހަރެންގެ ފައިގާ ބައްދާލުމުންނެވެ. އަހަރެންގެ ކޯތާފަތުގައި ހުރި ކަރުނަތައް، އަހަރެން އަވަހަށް ފޮހެލީމެވެ. އަދި އަހަރެންގެ ފައިގާ ބައްދައިގެން ހުރި އައިހަމް އަހަރެން އުރާލީމެވެ. އަދި އައިހަމްގެ ކޯތާފަތަށް ދޮނެއް ދިނީމެވެ. އައިހަމް ވަރަށް ލޯބިކޮށް ހީލިއެވެ. އަހަރެންވެސް ހީލީމެވެ. "މަންމީ. ދޮންބެއަށް ކިހިނެއްވީ؟" އައިހަމް ދޮންބެއާ ދިމާލަށް ބަލާލާފައި އަހަރެން ގާތުގައި އެހިއެވެ. އަހަރެން އައިހަމް ކައިރީ ބުނާނީ ކީކޭހެއްޔެވެ؟ އަހަރެންގެ ކަރުތެރޭގައި އަޑު ތާށިވިހެން ހީވިއެވެ. އަހަންނަށް އެނގުމެއް ނެތި ކަރުނަތައް ފައިބަން ފެށިއެވެ. "މަންމީ ނުރޮއެބަ. މަންމީ ރޮންޏާ އައްކޮއަށް ވެސް ރޮވޭނީ" އައިހަމް، އަހަރެން ގެ ކޯމަތީ ފައިބަމުން ދިޔަ ކަރުނަތައް، އައިހަމްގެ ކުޑަ ކުޑަ ދެއަތުން ފޮހެލަމުން ބުންޏެވެ.

މިހާރު އަހަރެންގެ ހުރި ހަމައެކަނި މީހަކީ އައިހަމްއެވެ. އަހަރެން އައިހަމް ވަރަށް ލޯބިން، އަޚްލާޤު ރަނގަޅު ކުއްޖެއްގެ ގޮތުގައި ބަލާ ބޮޑު ކުރަން އަޒުމް ކަނޑައެޅީމެވެ. އައިހަމްއަށް މަންމައެއްގެ ލޯބި ފުރިހަމައަށް އަހަރެން ދޭނަމެވެ. އޭނާއަކީ އަހަރެންގެ އުންމީދެވެ. އަހަރެންގެ ހިތްވަރެވެ. އަހަރެންގެ ދިރިއުޅުން ބަނަވި ވަގުތު އެ ދިރިއުޅުމަށް އަލިކަމެއް ފޯރުކޮށްދިނުމަށް އައިހަމް އަހަރެންގެ ގާތުގައިވީ ކަމީ އަހަރެންގެ ނަސީބެވެ. އެދުވަހު އައިހަމްއާ ދިމާވިކަމަށް ޓަކައި އަހަރެން ﷲ އަށް ޝުކުރުވެރިވަމެވެ. އެއީ ކަޅުވިލާތަކުގެ ތެރެއިން އަހަރެންގެ ދިރިއުޅުމަށް އަލިކުރަމުން އަންނަ އަލިގަދަ ހަނދެވެ.

~ ނިމުނީ ~

ނޯޓް: މިއީ މި ރަމަޟާން މަހަށް "ދެން"އިން ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތަށް ހުށަހެޅި ވާހަކައެކެވެ. މިވާހަކަ ލިޔެފައި ވަނީ އެލީޝާ އަޙުމަދެވެ. ވާހަކަ ހުށަހެޅުމަށް، [email protected] އަށް މެއިލް ކުރައްވާށެވެ

  1. ފަޟުލާ

    ވަރަށްފުރިހަމަ

  2. ސައީދާ

    މާޝާﷲ