ވާހަކަ

ކުރު ވާހަކަ: ފޮތް

ދެން އެމްވީ ، ދެން އޮންލައިން

ދުވާލު ސާފު ރީތިކޮށް އޮތް އުޑު މިހާރު ހީވަނީ ވިލާތަކުން ބެދިފައިވާ ކަޅު ސާލެއް ހެންނެވެ. ހިމަ ފޮދު ވާރޭ ވެހެމުން ދިޔައީ ވާރޭ ބޯކޮށްލާނެ ކަމުގެ އިންޒާރު ދެމުންނެވެ. އުޑުމަތި ސާފު ރޭތަކުގައި އަލިކަމުން ޖަރީވެގެން އޭގެ ތަހުތުގައި އިންނަ ހަނދު ފެންނަމުން ދިޔައީ ބައްޓަން ވަކި ކުރަން ނޭނގޭ ވަރަށް ފުސްކޮށެވެ.

Ads by Sosun Fihaara

ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި އުޑަށް ބޮޑު ބަދަލެއް އަންނަ ފަދައިން އިންސާނަކަށް ވެސް އެ ބަދަލު އައިސް ދާނެއެވެ. ހަނދަށް ބަލައިލުމުން އޭގެ އަސްލު ސިފަ ފޮރުވުމަށް އެޅިފައިވާ ކަޅު ވިލާގަނޑު ދުރަށް ޖައްސައި އޭގެ އަސްލު ސިފަ ދައްކައިދެނީ އެ ހަނދު އަމިއްލަ އަކަށް ހެއްޔެވެ. ނޫނެކެވެ. ހަނދުގެ އަސްލު ސިފަ ދައްކަން ހުއްޓުމެއް ނެތި މަސައްކަތް ކުރާ ވައިރޯޅިއެވެ.

ހުޅުމާލޭގެ މަގުމަތީގައި މީހުން މަދު ރެއެކެވެ. ހިނގާލަން ދާ މީހުންނާއި ސައިކަލުގައި ފިނި ބުރު ޖަހަންދާ މީހުން ހާލަކުން ފަހަރަކު ނޫނީ ނުފެނެއެވެ. އާދަޔާ ހިލާފަށް ފިނި ބޮޑު ރެއަކަށް ވުމުން ކަންނޭނގެއެވެ. ވާރޭގެ ކެރިން ތެމެމުން ދިޔަ ދާރަ މަތީގައި ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން އަހަރެން ދިޔައީމެވެ. ވަކި މަންޒިލެއް އޮވެގެނެއް ނޫނެވެ. ވާރޭ ބޯކޮށްލައިފާނެ ކަމުގެ އެއްވެސް ބިރެއް އޮވެގެނެއް ނޫނެވެ.

ހޯސް ލާފައި ވާރޭ ބޯކޮށްލުމުން އަހަރެންގެ ފިޔަވަޅުތައް ކުއްލިއަކަށް އަވަސްކޮށްލީމެވެ. ގެ ހުރީ ތަންކޮޅެއް ދުރުގައި ކަމުން ނުތެމި ގެއަކަށް ނުދެވޭނެއެވެ. އަހަރެން ނިންމީ ކުރިމަތިން ފެންނަން އޮތް ޕާކަށް ވަނުމަށެވެ. ފަހަރެއްގައި ވާރެއިން ހިޔާ ވެލާނެ ތަންކޮޅެއް ވެސް ލިބި ދާނެއެވެ. ހުޅުމާލެ ސެންޓްރަލް ޕާކަކީ އަހަރެން ހިތްހަމަ ޖެހުން ހޯދުމަށް ކުރިން ވެސް ގޮސް އުޅުނު ތަނެކެވެ.

ދުވަމުން ގޮސް އަހަންނަށް ވަދެވުނީ ގޮފިތައް ދުރަށް ފެތުރިފައިވާ ގަހެއްގެ ނިވަލަށެވެ. ތެމޭނެކަން އެނގެއެވެ. އެއާއެކު ވާރޭ ބޯކުރަން ފެށިއެވެ. ގަހުގެ ފަތްތަކުގެ ތެރެއިން ފުރޭނިގެން ފެން ތިކި ޖަހަމުން ދިއެއް ކަމަކު އެއްވެސް ފަރުވާލެއް ނެތެވެ. އެކަކު ވެސް ފެންނާކަށް ނެތެވެ. ރޭގަނޑު ވިއްސާރައިގައި ނިކުމެ އުޅޭނީ ކާކު ހެއްޔެވެ.

ހިޔާ ކޮށްފައި ހުރި ތަނެއް ކައިރީގައި ހުރި ތޯ އަހަރެން ވަށައި ހޯދަން ފެށީމެވެ. އަހަރެންގެ ނަޒަރު ގަނޑުވީ ގަސް ގިނަ ދިމާއަށެވެ. މިރޭ ވެސް އެ އަންހެން ކުއްޖާ އެތާގައި އެބަ އިނެވެ. ކޮންމެ ރެއަކު ވެސް އެމީހާ ފެނެއެވެ. ބެންޗެއްގައި އިންނަ ކުއްޖެކެވެ. ފެންނަ ފެނުމުގައި އަހަންނާ އެއްވަރުގެ ބާވީސް ވަރަކަށް އަހަރުގެ ކުއްޖެކެވެ. ކޮންމެ ރެއަކު ވެސް އެކުއްޖާ އެތާގައި އެކަނި އިނުމަކީ ކިހާ ބޮޑު ސިއްރެއް ހެއްޔެވެ. އެއީ ހިޔާވަހިކަމެއް ނުލިބިފައި އިން ފަގީރު ކުއްޖެއް ހެއްޔެވެ. އަނެއްކާ އެއީ އިންސާނެއް ހެއްޔެވެ.

އެކުއްޖާ ކުރަމުންދާ ކަމެއް ބެލުމުގެ ޝައުގުވެރިކަން އަހަރެންގެ ހިތުގައި އުތުރި އަރަމުން ދިޔައެވެ. ބޭއިޚްތިޔާރުގައި އެދިމާއަށް ދެވެން ވެސް ފެށުނެވެ. ދުރުން ފެންނައިރު އެކުއްޖާ އިނީ މައްޗަށް ބަލަހައްޓައިގެންނެވެ. އޭނާގެ މޫނުމަތީގައި ވަނީ ހިތާމައިން ޣަރަޤު ވެފައިވާ ހިނިތުންވުމެއްކަން ބަލާ މީހުންނަށް އެނގޭނެއެވެ. އެއްވެސް ވަރުބަލި ކަމެއް ނެތި އޭނާ ހުރީ ކަރުމައްޗަށް ޖަހައިގެންނެވެ. ފެން ތިކިތައް މޫނުމަތީގައި ޖެހެމުން ދާއިރު ތަދު ވެސް އިހްސާސް ނުކުރެވެއެވެ.

އިރުކޮޅަކުން އޭނާ އަތުގައި އޮތް އެއްޗަކަށް ބަލައިލިއެވެ. އެ އެއްޗެއް ހިޔާ ކުރަން އުނގުމަތީގައި ކުޑައެއް ބާއްވައިފައި އޮތެވެ. އަމިއްލަ ނަފްސު ހުރި ހާލަށް ދޫކޮށްލާފައި ރައްކާތެރިކަން އެ ދެނީ ފުދޭ ވަރަކަށް ބޯ ލަކުނޑިގަނޑެއް ކަހަލަ އެއްޗަކަށެވެ. ދެން އެ އެތީގައި ދިގު ދަނޑި ކޮޅެއް ކަހަލަ އެއްޗެއް ކާތަން ފެށިއެވެ. އަނެއްކާ ވެސް އޭނާ މައްޗަށް ބަލަން ފެށިއެވެ. އޭނާ އެ ދެ ކަންތައް ތަކުރާރުކޮށް ކުރަމުން ދެއެވެ. ވާރޭ ތުނިކޮށްލިއިރު ވެސް އަހަންނަށް ހުރެވުނީ އެކުއްޖާގެ ހަރަކާތްތަކަށް ބަލާށެވެ.

އިރުކޮޅަކުން އަހަރެންގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ މަންމަ ކަމުން ފޯނު ނަގައި ކަންފަތުގައި ޖެހީމެވެ. ވީ ވެސް ހީކުރި ގޮތަށެވެ. ގެއަށް އައުން ލަސްވާތީ ލަހެއް ފަހެއް ނެތި ޝަކުވާ ކުރަން ފެށިއެވެ. އެއީ މަންމަގެ ގޮތެވެ. ހަނދާން ހުންނާން ފެށީއްސުރެ އަބަދުވެސް ހުންނަނީ ޝަކުވާ ކޮށްލަ ކޮށްލައެވެ. އަހަރެންގެ ކުޑައިރުގެ އެއްވެސް ހަނދާނެއް ނެތެވެ. ހީވަނީ ފޮހޭ ރަބަރަކުން ފޮހެލައިފައި ވާ ހެންނެވެ. ބެންޗުގައި އިން ކުއްޖާއަށް ފުންކޮށް ބަލައިލައިފައި އަހަރެން ހިނގައިގަތީ ގެއަށް ދާށެވެ.

އޭގެ އަނެއް ރޭ ވެސް އެކުއްޖާ އެތަނުގައި އިނެވެ. އޭނާ ކުރަމުންދާ މަސައްކަތަށް އެއްވެސް ބަދަލެއް ނުގެނެއެވެ. އަހަރެން އެކުއްޖާގެ ހަރަކާތް ތަކަށް ވަރަށް ފާރަލަމެވެ. މިރޭ ވާރޭ ނުވެހޭތީ ކުޑައެއް ފެންނާކަށް ނެތެވެ. މީހަކު އުޅޭގޮތެއް ބަލަން ބޭނުން ނުވިޔަސް ހިތުގައި ޝައުގުވެރިކަން އުފެދެނީއެވެ.

ޖެހިގެން އައި ރޭގައި އަހަރެން އައީ ވަރަށް ބޮޑު އަޒުމެއް ކަނޑައަޅައިގެންނެވެ. އެ ނުދަންނަ ކުއްޖާއާ ވާހަކަ ދައްކަން ހިތުއަޅައިގެންނެވެ. ހިތުގައި ބުރަވަމުންދާ ސުވާލުތަކުގެ ޖަވާބަކީ އެއީއެވެ. އެހެން ރޭތަކާ އެއްފަދައިން މިރޭ ވެސް އެކުއްޖާ އެތާގައި އިނެވެ.

ތުމުން ފުމެމުން އަހަރެން އެހިސާބަށް ދިޔައީމެވެ. ވިއްސާރަ ރެއަކަށް ނުވި ކަމުގައި ވިޔަސް އެދިމާ އޮތީ ފުދޭ ވަރަކަށް އަނދިރި ކޮށެވެ. ގަސްތަކުގެ ތެރެއިން ފުރޭނިގެން އަންނަ ފަނޑު އަލިކަމުން މީހުންގެ މޫނު ވަކި ކުރެވޭ. ފުން ނޭވާއެއް ލުމަށް ފަހު އަހަރެން ގޮސް އިށީނީ އޭނާ އިން ބެންޗުގައެވެ. ކުޑަކޮށް ދުރުގައެވެ.

އެވަގުތު އެކުއްޖާ އިނީ އުޑަށް ބަލާށެވެ. އެކުއްޖާގެ އަތުގައި އޮތީ ގަލަމެކެވެ. އުނގުގައި އޮތީ ގަނޑުތައް ވީދި ބާވެފައިވާ ފޮތެކެވެ. މިއީ އަލަށް ފެނުނު މަންޒަރެކެވެ. ހުޅުމާލޭގެ ކިޔަވާކުދިން ފިލާވަޅު ހަދަން ޕާކުގައި ތިބޭ ކަމެއް މީގެ ކުރިއަކުން ނޭނގެއެވެ. މިހާ ސިއްރުން ހަދަމުންދާ ފިލާވަޅެއް ބަލައިލުމުގެ ނިޔަތުގައި އަހަރެން ފޮތަށް ބަލައިލީމެވެ. އެއާއެކު ފޮތް ލެއްޕިގެން ދިޔައެވެ. ސިހިފައި އެކުއްޖާގެ މޫނަށް ބަލައިލިއިރު އެކުއްޖާ ހުރީ އަހަންނަށް ބަލާށެވެ.

"ހައި." އަހަރެންގެ ހިތް ތެޅި ގަތެވެ. ނޭނގެނީ ސަބަބެކެވެ.

"އޯހް… ހައި." އެކުއްޖާގެ ފަރާތުން އައީ ދަންނަ އަޑެކެވެ. ޖާދޫތަކެއް އެކުލެވޭ ހިމަ އަޑެކެވެ. އެކުއްޖާ މޫނު އަނބުރައިލުމުން ދެމީހުންގެ ދޭތެރޭގައި އަނެއްކާ ވެސް ދަތުރު ކުރަން ފެށީ ހިމޭންކަމެވެ.

ހިމޭންކަން ފޫއަޅުވައިލައިފައި ބަހެއް ބުނުމުގެ ނިޔަތުގައި އެކުއްޖާއަށް ބަލައިލީމެވެ. އެވަގުތު އެކުއްޖާ ހުރީ އަހަންނަށް ފުންކޮށް ބަލާށެވެ. އުނދަގޫ ބެލުމެކެވެ.

"ތި މީހާ އޭނަ އާ ވަރަށް ވައްތަރު." މަޑުމަޑުން އެކުއްޖާއަށް ބުނެލެވުނެވެ. އެއާއެކު އެކުއްޖާ އަވަހަށް މޫނު އަނބުރައިލިއެވެ.

"ކާކާ ވައްތަރީ؟" ހައިރާންވެފައި އަހަރެން އަހައިލީމެވެ. އަހަރެން މީހަކާ ވައްތަރު ވެގެން ދުވަހަކު ވެސް މީހަކު ބުނެފައެއް ނެތެވެ.

"އެއީ މީހެއް ނޫން." އިސްޖަހައިގެން ހުރެ އެކުއްޖާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.

"އަހަންނަކީ ޔޫމާ. ފަހަރެއްގަ ކުރިން ދިމާވެފަ އޮތީ ކަމަށް ވެސް ވެދާނެ. ތީނައަށް ކޮން ނަމެއް ކިޔަނީ ؟" އަހަރެން ބެލީ ވީހާ ވެސް އެކުވެރި ކޮށްލެވޭތޯއެވެ.

"އަފްރީން." މިހެން ބުނެފައި އަފްރީން އިތުރަކަށް ވާހަކައެއް ނުދައްކައެވެ. އަހަރެން ވެސް އިތުރަށް ވާހަކަ ދައްކާކަށް ގަސްދެއް ނުކުރަމެވެ. ދަނީ ކަމުގައި ބުނެފައި އަހަރެން އެތަނުން ތެދުވެގެން ހިނގައިގަތީއެވެ. އަފްރީންއަކީ ކުރިން ދިމާވެފައިވާ މީހެކޭ ހިތް ބުނަނީ ކީއްވެ ހެއްޔެވެ. އެ އަޑުގެ ސަބަބުން ހީވީ ބޮލުގައި ރިހޭހެންނެވެ.

އަހަރެން ވަޒީފާއަށް ދަނީ މާލެއަށެވެ. އެހެންކަމުން ހެނދުނު ހަތެއް ޖަހާއިރު ބަސް ސްޓޮޕަށް ދާން ޖެހެއެވެ. ބަހުގެ ތެރޭގައި އިން އިރު ބުރިޖު މަތިން އެކަނި ދާ ކޮންމެ އަންހެން ކުއްޖަކީ އަފްރީން ކަމަށް ހީކުރެވެއެވެ. ނޭނގި ނަމަވެސް އެކުއްޖާއާ ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނެއެވެ. އެއީ ކީއްވެގެން ކަމެއް ހުދު އަހަންނަކަށް ވެސް ނޭނގެއެވެ. ކުރިން އޭގެ އެތައް ކުދިންނެއް ފެނިފައި ވެއެވެ. ނަމަވެސް އަޅައެއް ނުލެވެއެވެ.

ބަސް މަޑު ކޮށްލުމުން މީހުންތައް ފައިބައިގެން ދާތަން ބަލަން އަހަރެން އިނީމެވެ. އަހަރެން ފައިބަން ޖެހެނީ ދެން އަންނަ ބަސް ސްޓޮޕަށެވެ. ބަހަށް އަރައިގެން އައި މީހުންތަކުގެ ތެރެއިން އަފްރީން އަންނަ ތަން ފެނުމުން ދޫކުރަން ހުރި ނޭވާ ތާށިވާ ގޮތް ވިއެވެ. ދެލޯ އުނގުޅައިލީ ޔަގީން ނުކުރެވިގެންނެވެ. އެއީ އަފްރީންކަން ޔަގީނެވެ. އަލީގައި ރީއްޗަށް އެ މޫނު ފެނުމުން ސިކުނޑީގައި ހަރުފައެއް ދުވެލިހެން ހީވިއެވެ.

އިސްޖަހައިގެން ހުރެ އަފްރީން އައިސް އިށީނީ ޖެހިގެން ހުރި ސީޓުގައެވެ. ހީކުރި ގޮތާ ހިލާފަށް އަފްރީން މިފަހަރު ބަލައިލައިފައި ހިނިތުންވެލިއެވެ.

"ޕާކުން ދިމާވި ކުއްޖާ ދޯ ތީ.." އަފްރީން އަހައިލީ ނުލާހިކު އެކުވެރިކޮށެވެ. އޭނާގެ އަޑުގައި އެއްވެސް މޮޅިވެރި ކަމެއް ނެތެވެ. ނަމަވެސް މޫނުމަތީގައި ވާ ހިނިތުންވުމުން ދައްކައިދެނީ އެހެން މާނައެކެވެ. އެ ހިތުގެ ތެރޭގައި އުތުރިއަރައިފައިވާ ހިތާމަތަކެވެ. ތެދެކެވެ. އެއީ ހިތާމަވެރި ހިނިތުންވުމެއްގެ ވެރިޔެކެވެ.

"އާނ. މިދަނީ ވަޒީފާ އަށް." އަހަރެން އަވަހަށް ހިނިތުންވެލީމެވެ. ބަހުން ފޭބުމުގެ ކުރިން އަފްރީންގެ ފޯނު ނަންބަރު ހޯދީމެވެ. އޭރުން ދެކުދިން ބޭނުން އިރަކު ވާހަކަ ދެއްކޭނެތާއެވެ. އަހަންނަކީ މާ ގިނަ އެކުވެރިންތަކެއް ވެސް ހުންނަ ކުއްޖެއް ނޫނެވެ.

އެދުވަހަށް ފަހު ދެކުދިން ގިނަ ގިނައިން ވާހަކަ ދައްކަން ފެށީމެވެ. މި އެކުވެރިކަން ގުޅި ލާމެހި ގަހުގެ ގޮފިތައް ގިނަވާން ފެށިއެވެ. އެކުވެރިކަމުގެ މޫތައް ދުރަށް ފެތުރިލައިފިއެވެ. އަފްރީންއަކީ އެތައް ގިނަ ސިއްރުތަކެއް ހުންނަ ކުއްޖެކެވެ. އަހަންނަށް އެކަން ޔަގީން ވިއެއް ކަމަކު އަހަންނެއް އެއްވެސް ވާހަކައެއް ނާހަމެވެ. ކިޔައިދޭން ބޭނުން ވުމުން އެމީހަކު ކިޔައިދޭނެއެވެ.

*************

އަފްރީން
**

އަށް އަހަރު ކުރި...

"ސަޕްރައިޒް.." ކައިރާ އަހަރެންގެ ލޯމަތިން އަތް ނެގުމުން އަހަރެން ދެލޯ ހުޅުވައިލީމެވެ. އޭރު ކައިރާގެ އަތުގައި ގަތައިފައި އޮތް ދެ ވޫލް ކޮޅު އޮތެވެ.

"އާޗާ. ފްރެންޑްޝިޕް ބްރޭސްލެޓެއް ދޯ. ކައި ހާދަ ރަނގަޅޭ." އެކަތި ކޮޅު ނަގަމުން އަހަރެން ބުނެލީމެވެ.

"މީ އަފޫ އަށް. ދެން މީ މަށަށް. މި ނުވާނެ ނަގައިގެން އިނގޭ.. ބެސްޓީސް ފޮރޭވަރ." އިނގިރޭސި ބަހުން ގަތައިފައިވާ އެ މާނަ ފުން ޖުމްލަ ކިޔައިލަމުން ކައިރާ އަހަރެންގެ އަތުގައި ވޫލް ކޮޅު އައްސައިލިއެވެ. އަހަރެން އަނެއް ވޫލް ކޮޅު ކައިރާގެ އަތުގައި އެއްސީ އެކުވެރިންގެ ގޮތުގައި ތިބުމަށް ވައުދުވަމުންނެވެ.

"ދެން ހަތްދިހަފަސް އަހަރު ވިޔަސް ނުނަގާނަން." އަހަރެން ޖެއްސުމަށް ބުނެލީމެވެ.

"އެހެން ނޫނަސް އަހަރެމެން އުޅޭނީ އެއްކޮށެއްނު ދޯ." ކައިރާ އަހަރެންގެ ކޮނޑަށް އަތް ވައްޓައިލިއެވެ.

******

އެއް އަހަރު ފަސް

އަހަރެން ދުވަމުން ދިޔައީ އޭޑީކޭ ހޮސްޕިޓަލުގެ ވޯޑަށް ވަނުމަށެވެ. އޭރު އަހަންނަށް ރޮވިއްޖެއެވެ. ޕްރައިވެޓް ރޫމަށް ވަތް އިރު ފުރަތަމަ ވެސް ފެނުނީ ހުދު އެނދުގައި ބާއްވައިފައި އޮތް ކައިރާއެވެ. ކައިރާ އޮތީ ދެލޯ ހުޅުވައިގެންނެވެ. އެ މައުސޫމް ދެލޯ ފުރިގެން ކަރުނަ ތައް ރޮއްޖަކަށް ފައިބަމުން ދިޔައެވެ. އޭނާ އޮތީ އެކަންޏެވެ.

"ކައި." އަހަރެން ދުވެފައި ގޮސް ކައިރާގެ ކައިރީގައި ހުއްޓުނީމެވެ.

"އަފޫ. ހިތްހެޔޮ ކުރާތި. މި އޮޕަރޭޝަންގެ ސަބަބުން އަހަރެންގެ މެމޮރީ ގެއްލިދާނެ. ދެން އަފޫގެ މަތިން ވެސް ހަނދާން ނެތޭނެ." ގިސްލަމުން ކައިރާ އަހަރެންގެ އަތުގައި ހިފައިލިއެވެ. މީގެ ދެ މަސް ކުރިން ހިނގި އެކްސިޑެންޓެއްގައި ކައިރާގެ ބޮލަށް ލިބުނު ގެއްލުމެއްގެ ސަބަބުން އޮޕްރޭޝަނަކަށް ދާން ޖެހުނީއެވެ.

"ނޫން. ކައި ތިހެން ނުބުނޭ." އަހަރެން ކަރުނަ ފޮހެލުމަށް ފަހު ގަދަ ކަމުން ހިނިތުން ވެވޭތޯ މަސައްކަތް ކުރީމެވެ. މިއީ ތަގްދީރުގައި ލިޔެވިފައިވާ ގޮތެވެ. ކައިރާ އޮޕަރޭޝަން ކުރުމުގެ ކުރިން އަހަރެން މެލޭޝިޔާއަށް ފުރަން ޖެހިއްޖެއެވެ. އެއީ މަންމަ ވަރަށް ބޮޑަށް ބަލިވެގެންނެވެ.

އަހަރެން މަޑުމަޑުން ކައިރާގެ އަތަށް ފިއްތައިލުމަށް ފަހު ވަދާއީ ސަލާމް ކޮށްލީމެވެ. ދެން ދިމާވާނެ ކަމެއް ވެސް ނޭނގެއެވެ. މުވާސަލާތީ ވަސީލަތްތަކަކީ އަހަރެމެންނާ އެހާ ރައްޓެހި ވަސީލަތްތަކެއް ނޫނެވެ. އަހަރެން ދާން އެނބުރުނު ވަގުތުގައި ކައިރާ އަހަރެންގެ އަތުގައި ވަރަށް ބާރަށް ހިފިއެވެ.

"އަފޫ… އަދި ދިމާވާނެ. އަފޫ އަހަންނަށް ވަރަށް އަގުހުރި ކަމެއް ކޮށްދީ. އޭރުން އެއްވެސް ޝައްކެއްނެތް އަހަރެމެން ދިމާވާނެ ކަމުގެ." ކައިރާ އުނދަގުލުން ބާލީސް ދަށަށް ލައިފައި އޮތް ފޮތެއް ނެގިއެވެ. އެއީ މުށި ބަނޑޭރި ގަނޑެއްގެ ވެރި ބޯ ފޮތެކެވެ.

"މީ ހުސްފޮތެއް އެކަމަކު ވަރަށް އަގުހުރި ޖަވާހިރެއް.. އަހަރެން މި ފޮތް އަފޫ ގެ އަތަށް މި ދެނީ އަހަރެން އެންމެ ބޮޑަށް ދަސްވެފައި ވަނީ އަފޫއަށް ކަމަށް ވުމުން." ކައިރާ އެ ފޮތް ދިއްކޮށްލިއެވެ. "ތި ފޮތަކީ އަހަރެން.."

އަހަރެން އެ ފޮތުގައި ބާރަށް ހިފައިލަމުން ބޯ ޖަހައިލީމެވެ. ނުރޯން ހިތްވަރު ކުރިއެއް ކަމަކު ބަޑި ފަޅައިގެން ހިނގައްޖެއެވެ. ނަމަވެސް އަހަރެން ކައިރާއަށް ހަދިޔާ ކޮށްލީ ހިތާމައިން ފުރިފައިވާ ހިނިތުން ވުމެކެވެ. ފޮތުގައި ބައްދައިގެން ހުރެ އަވަސް ފިޔަވަޅު ތަކަކާއި އެކީގައި ވޯޑުން ނިކުތީމެވެ.

******

މިހާރު
**

އަހަރެން އުޑަށް ބަލައިލީމެވެ. ހިޔާލުތަކުން ބޭރު ވެވުނު އިރު މި އިނދެވުނީ ކުރިން ވެސް އިށީނދެގެން އިންނަ ބެންޗުގައެވެ. އަހަރެން އަބަދު ފުލުގައި އެލުވައިގެން ގެންގުޅޭ ފޮތެއް އަތަކު ނެތެވެ. އެ ފޮތް މަތިން އަހަރެން ހަނދާން ނެތުނީއެވެ. އެ ފޮތަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އެ ދުވަހުން ފެށިގެން ހުރިހާ ސިއްރުތަކާއި ފިކުރުތައް ހިއްސާކުރާ އެންމެ ގާތް މިތުރެވެ. ކައިރާގެ ހަމަ އެކަނި ހަނދާނެވެ.

އަހަންނަށް ތެޅިގަނެވުނެވެ. ތެދެކެވެ. ފޮތް މި ލެވުނީ ކޮންތާކަށް ހެއްޔެވެ. އެ ވަގުތު އަހަންނަށް ފެނުނީ ދުރުން ހިނގައިފައި އަންނަ ކައިރާއެވެ. އަހަރެން ދެލޯ އުނގުޅައިލީމެވެ. އެއީ ކައިރާއެއް ނޫނެވެ. ކައިރާގެ ހުރިހާ ސިފައެއް ލިބިފައިވާ ޔޫމާ އެވެ.

ޔޫމާގެ މޫނުމަތިން ފެންނަމުން ދިޔައީ އާދަޔާ ހިލާފު ހިނިތުން ވުމެކެވެ. ލޮލުން ފައިބަމުން ދިޔަ މައުނަވީ ކަރުނަތަކާ އެކު އެންމެ ފަހު ވަގުތު ކައިރާ އަހަންނަށް ރައްދުކޮށްލި ރިހުމުގެ ހިނިތުންވުން ސިފަވި ކަހަލައެވެ. ޔޫމާ އަހަރެންގެ ކުރިމަތީ ހުއްޓުމުން އަހަރެން ކޮޅަށް ތެދުވެ ސުވާލުގެ ނަޒަރަކުން ބަލައިލީމެވެ. ޔޫމާ ރޮނީ ކީއްވެގެން ހެއްޔެވެ.

އެވަގުތު އޭނާ ފަހަތަށް ލައިފައިވާ އަތް ކުރިމައްޗަށް ގެނައެވެ. އަހަރެންގެ ފޮތާ އެކީގައެވެ. އަހަންނަށް ބޭއިޚްތިޔާރުގައި ރޮއި ގަނެވުނެވެ. ކައިރާގެ މަތިން ހަނދާން ވަނީއެވެ. ހިތުގައި ވަކި އަޅަމުން ދާ އުދާސްތައް ބޭރުވީއެވެ. ޔޫމާގެ މޫނުމަތިން ފެންނަމުން ދިޔައީ އެފޮތް ކިޔައިފައި ވާކަމުގެ އަސަރެވެ.

"މި ފޮތަކީ އަހަރެން." ގިސްލުމާ އެކީގައި ޔޫމާގެ އަނގައިން ނިކުތް ތިން ލަފުޒު އަހަރެންގެ ކަންފަތުގައި ގުގުމައިލިއެވެ. ހިތް ފުރޭހާ ވަރަށް ސުވާލުތައް ބޮނޑި ޖެހެމުން ދިޔައެވެ. އަނގައިން ނުބުނި ކަމުގައި ވިޔަސް ޔޫމާއަށް އަހަރެންގެ ހިތުގައިވާ ސުވާލުތައް އަޑުއިވިއްޖެއެވެ.

"ކައިރާ… މީ ކައިރާ. އަހަންނަށް އަހަރެންގެ ހަގީގަތެއް ކުރިއަކުން ނޭނގޭ. އަފޫއަށް ޝުކުރު އަދާ ކުރާނީ ވެސް ކިހިނެއް؟ މި ފޮތް.. މި ފޮތުގަ މީ އަހަރެމެންގެ ވާހަކަ—" ކައިރާގެ ވާހަކަ މެދު ކެނޑުނީ އަހަރެން ބައްދައިގަތުމުންނެވެ.

ބުނަން ބޭނުންވާ ބައިވަރު ވާހަކަތައް ވާނޭ ކަން ޔަގީނެވެ. ނަމަވެސް އެ އިހްސާސްތައް ހިއްސާ ކުރަން ދުލެއް ގަލަމެއް ބޭނުމެއް ނުވާނެއެވެ. ހަޤީޤީ އެކުވެރިންނަށް އެކަކުގެ އިހްސާސްތައް ބުނުމެއް ނެތި އެނގޭނެއެވެ. އެހެނީ ދެ ހިތް ވަނީ ގުޅި ލާމެހިފައެވެ. ތިމާއަކީ ކާކުކަން ތިމާއަށް އެނގޭ ވަރަށް ވުރެ ބޮޑަށް ތިމާގެ އެންމެ ގާތް އެކުވެރިޔާއަށް އެނގޭނެއެވެ. ތިމާގެ އަސްލު ހަނދާން ނައްތައިލުމުން ހަނދާން ކޮށްދޭން ތިބި ބަޔަކީ އެމީހުންނެވެ.

މިއީ އަހަރެމެންގެ ފޮތުގެ އެންމެ އުފާވެރި ސަފުހާއެވެ. ނިމުނު ސަފުހާ ވެސް މެއެވެ. މި ފޮތް މި ލައްޕައިލަނީ އަހަރެންގެ ވާހަކައިން އަހަރެން ފަދަ މީހުންނަށް އަލި މަގެއް ލިބޭނެ ކަމުގެ އުންމީދުގައެވެ.

-- ނިމުނީ --

ނޯޓް: މިއީ މި ރަމަޟާން މަހަށް "ދެން"އިން ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތަށް ހުށަހެޅި ވާހަކައެކެވެ. މިވާހަކަ ލިޔެފައި ވަނީ، އާމިނަތު ނިހާޔާ ނިޔާޒެވެ. ވާހަކަ ހުށަހެޅުމަށް، [email protected] އަށް މެއިލް ކުރައްވާށެވެ.

Ads by Ooredoo
  1. ިއަހުޔާން

    ވާހަކަ ވަރަށް ރީތި. އިބާރާތް ކުރުން ވަރަށް ފުރިހަމަ.

  2. ނީލާ

    ވާހަކަ ވަރަށް ރީތި.

  3. އައިޝަތު އުޝްވާ

    ވަޓް…… އޭންތަ މިއީ؟ ވާހަކަ. ކޮމްގެ އުޅޭ ކިއުޓީތަ؟؟؟؟؟؟؟ އޭންބުނެވެސް ނުލާ ޝީ އިޒް މައި ފޭވް އޯދަރ…. އައިމްް އަބިގް ފޭން…. އޯވްސަމް ސްޓޯރ…….

  4. އެއްކަލަ... ހަނދާން ވޭތަ ޔޫހަން؟؟

    ސަޅި.. ވަރަށް ވެސްހާރޓްޓަޗިން. .ޔޫހަން ދޭނީ ހަމަ އެއް ވަނަ!

    ބެސްޓް ވިޝެސް އޭން….