ވާހަކަ

ކުރު ވާހަކަ: ތީ ވިންދޭ މަގޭ....

ދެން އެމްވީ ، ދެން އޮންލައިން

ވަގުތަކީ އެންމެން ނިދާ ފައިހިލަވަޅު އޮބިފައިވާ ވަގުތެވެ. ކަޅު ސާލެއް ފަދަ އަދިރިކަމުގެ ތެރެއިން ތަރިތައް ފިޔަ ޖަހަމުން ދިޔައިރު ހީވަނީ އެ ސާލުގައި ހަރުކުރެވިފައިވާ މުތީތަކެއް ހެންނެވެ. ސާދަވިލޭރޭގެ ބުރު ފުރިހަމަ ހަނދުގެ އަލިން މުޅިތަން ވަނީ ދިއްލިފައެވެ. ރާޅުތައް އައިސް ހުދު ބޯކިރު ފޮދެއް ފަދަ ދޮންވެލިގަނޑުގައި ބީހިލާ އަޑާ އެއްވަރަށް ގަސްތައް ނަށަމުން ދިޔައެވެ. މާސިންގާ ކަނޑުން އަންނަ ނަލަ ވައިރޯޅިތަކުން މިޝާގެ ހަށިގަނޑުން ދިޔައީ ހީބިހި ނަގަމުންނެވެ. އޭނާގެ ފަންއިސްތަށިގަނޑު ކަންފަތް ގާތަށް ވައްދާލަމުން އެ ހިމަ ހޯލިކޮޅެއް ފަދަ ފައިގެ އިނގިލި ތަކުން ލައްގާފައި ހުރި ރެދަންތަކާ ކުޅެމުން ދިޔައިރު އެމޫނުމަތީ ވަނީ އުފާވެރިކަމެވެ. ހީލާ ކޮންމެ ފަހަރަކު ކޮލަށް އެޅޭ އަޑިކޮޅުން އެ މައުސޫމު މޫނު އިތުރަށް ފުރިހަމަ ކޮށްދެއެވެ.

Ads by STELCO

" ހާއި މައި ލަވް" މިޝާ ސިއްސައިގެން ދިޔައީ މީހަކު އައިސް މީޝާގެ ގައިގައި ބައްދާލުމުންނެވެ. ފަހަތް ނުފެނުނު ނަމަވެސް އެ ފިރިހެންވަންތަ އަޑާއި އެ މީރުވަސް އޭނާއަށް ދުވަހަކު ވެސް ނޯޅޭނެއެވެ. އެއީ އެ އަޑަކަށް އޭނާގެ ކަންފަތް އިންތިޒާރުކުރާ އަޑެވެ. އެ ވަހެއް އޭނާގެ ނޭފަތުގައި ޖެހުމުން ހިއްސުތައް ހޭލައްވާ ވަހެވެ. ލޭ ކުލައަރާ އޭނަގެ ތުންކޮޅު އަބުރާލަމުން ހިތިފަތެއް ފަދަ އެ ދެބުމަ ގޮށް ޖަހާލައިގެން ހުރިގޮތް ފެނި ކޮންމެ މީހެއްގެ ހިތް ވެސް އޭނާއަށް ފިދާވާނެކަން ޔަގީނެވެ. ކުޑަކުއްޖަކު ފަދައިން ކުސް ޖަހަމުން އަޒީމްގެ ފުޅާ މޭމަތީގައި މުއްކަވާލައިގެން ހުރެ މިޝާ މަޑުމަޑުން ތަޅަމުންދިޔައެވެ.

"އަދި އަންނާކަށް ނުވޭ.. މިހާރު ކޮންއިރެއް މިތާ ހުންނަތާ.. އެއްޗެއް އައިސް މިޝް ކާލިނަމަޔޯ.. އަޒީމް ވަރަށް ގޯސް.. މިޝް ރުޅި އަޒީމް އާ.. " ކުޑަކުއްޖަކު ފަދައިން ޝަކުވާ ފައްޗެއް ދަމާލުމަށް ފަހު ތުންކޮޅު ދަމާލާފައި ހަރަން ބަނދެލައިން މިޝާ އަނެއް ފަރާތަށް އެނބުރުނެވެ. އެވަގުތު އަޒީމް އައިސް މިޝާގެ ދަތްދޮޅީ ހިފައި އެ މޫނު އުފުލާލިއެވެ.

" ސޮރީއޭ ބޭބީ.. އެކަމު އިނގޭތަ ތިހެން ތުންކޮޅު ދަމައިން ހުންނައިރު ހާދަ ލޯތްބޭ.. އުފްފްފް... ހިތް ހަލާކުވާ ވަރުވޭ.. އިނގޭތަ ކޮންމެ ރެއަކު ލަހުން އަންނަނީ ކީއްވެކަން؟ އެއީ ބޭބީ ރުޅި އައިސް ތުންކޮޅު ދަމައިން ހުންނައިރު ލޯބި ކަމުން.. ހިތަށް އަރާ މިހެން އަބަދު ބަލަން ހުރެވޭނެ ނަމައޭ..". މިޝާއާ ހަތަރު ކަޅި ހަމަ ކޮށްގެން ހުރެ އެހުރިހާ އެއްޗެއް ކިޔަމުން ދިޔައިރު މިޝާގެ ދޮން މޫނު ލަދުން ރަތްވަމުން ދިޔައެވެ. މަޑުމަޑުން އަޒީމް ކޮއްޕާލަމުން މިޝާ ދުއްވައިގަތް އިރު ހިމޭންކަން ފޫދުއްވާލާ ޖައްވުގައި ގުގުމަމުން ދިޔައީ މިޝާގެ ރީތި ހުނުމުގެ އަޑެވެ.

މިއީ މިދެ ލޯބިވެރިންގެ ދެމެދު އަލަށް ހިނގި ކަމެއްނޫނެވެ. މިއީ ކޮންމެ ރެއެއްގެ ވެސް ހާލެވެ. އެންމެން މަރުގެ ނިދިން ނިދާއިރު މިދެ ލޯބިވެރިން ތިބެނީ ރަށުގެ ތުނޑީކޮޅުގައި ލޯބީގެ ގުލްޝަނުގައި އިތުރު ގަސްތައް އިންދާ އެ ބަގީޗާ އިތުރަށް ފުރިހަމަ ކުރާށެވެ. ލޯބީގެ ގަނޑުވަރުތައް ބިނާކޮށް އެގަނޑުވަރުތައް ޒީނަތްތެރި ކުރާށެވެ. ގުދުރަތުގެ ރީތިކަން އެކީ ހެކިކޮށް އުމުރަށް އެކީ ލޯބިން އުޅުމަށް ވައުދުގެ މައްޗަށް ވައުދު ވުމުގައެވެ. އެ ދެމެދުގައި ވަނީ ފަނޑުވުމެއް ނެތް ހަގީގީ ލޯތްބެކެވެ. ކޮންމެ އުފަލަކާއި ހިތާމައެއްގައި އެކީ ހިއްސާވަމުން އެ ދެލޯބިވެރިން ދުވަސްތައް މާޒީއާ ގުޅުވަމުން ދިޔައެވެ.

އާއިލާގެ ރުހުމާއި ލޯތްބާ އެކު ދެ ލޯބިވެރިން ދިރިއުޅުމުގައި ކުރިއަށް ދިޔައީ އުފަލުން ހެމުންނެވެ. އެކަކު އަނެކަކުގެ އިޙުސާސްތައް ދެނެގަނެ ކޮންމެ ހިތާމަޔަކާއި އުފަލެއް އެކީ ހިއްސާ ކުރަމުންނެވެ. ކުޑައިރުގެ ރައްޓެހިކަމުގެ ގުޅުން ލޯތްބަށް ބަދަލުވީ އިރެއް ހުދު އެ ދެމީހުންނަކަށް ވެސް ނޭނގޭ ކަހަލައެވެ. ދިރިއުޅުމުގެ ހުރިހާ ހަރުފަތެއް އެކީ ގިރާކުރަމުން ދިޔައީ ދުވަހަކު ވެސް ވަކި ނުވާނަމޭ ބުނާފަދަ ގޮތަކަށެވެ. އެއީ ދެ ހަށިގަނޑު ވިޔަސް އެއް ފުރާނައެއް ފަދައެވެ. އެކަކު އަނެކަކު ހިތުގައި ވިންދު ޖަހަނީ ހަމައެކަނި އެކަކު އަނެކަށް ޓަކައެވެ. ދިރިއުޅުމުގެ އުއްމީދަކީ އެކަކު އަނެކަކެވެ.

...........

ހުދު ކުލައިގެ ބޮޑު ހެދުމުގައި މިޝާ ހީވަނީ ރީތީގެ ރާނީއެއް ހެންނެވެ. އެ މޫނުގައި ފަނޑުވުމެއް ނުވާ ހިނިތުންވުމެއް ހުއްޓެވެ. އަޒީމްގެ އަތުގައި ހިފައިލައިގެން ހުރިގޮތުން ހީވަނީ ދުވަހަކު ވެސް ދޫނުކުރާނަމޭ ބުނާހެންނެވެ. އާނއެކެވެ. މިރޭ އެދެ ލޯބިވެރިން ކައިވެނީގެ މަތިވެރި ގުޅުމުން ބަދެލެވުނީއެވެ. އެ ލޯބީގެ ޑައިރީއަށް އިތުރު ގަނޑެއް އިތުރުވިއެވެ. ލޯބީގެ އާ ބާބެއް ފެށީއެވެ.

ކައިވެނީގެ ފަހުން ވެސް އެ ލޯބި ދިޔައީ އިތުރު ވަމުންނެވެ. އެކަކު އަނެކަކަށް ހިތްއެދި ގޮވާ އަޑު ދިޔައީ ބާރު ވަމުންނެވެ. މިޝާގެ ހިތުގައި ކޫރުމެއް ވެސް ނޭޅޭހާ ލޯބިން އަޒީމް މިޝާ ބަލަހައްޓައެވެ. މިޝާއަށް ކަމެއްވެއްޖެ ނަމަ އަޒީމްއަށް ވެސް ރޮވެއެވެ. މިޝާ ހިތުގައި ޖެހޭފަދަ ކަމެއްކުރަން އަޒީމްގެ ހިތަށް ކެތް ވެސް ނުވާނެވެ. އެ ދެމެދުގައިވާ ލޯބީގެ ގުލްދަސްތާތައް ދުވަހެއް ދުވަހަކަށް ދިޔައީ ފޮޅި ތާޒާވަމުންނެވެ. އުފާވެރި އެތައް ހަނދާންތަކެއް ދިޔައީ ދުނިޔެ މަތިން ފެންނަމުންނެވެ.

މާޒީއާއެކުވެ ދުވަސްތައް ފައްވަމުން ދިޔައެވެ. އުފަލާއި ހިތްހަމަޖެހުމާ އެކީގައެވެ. މިއަދަކީ މިޝާ އާ އަޒީމްގެ ކައިވެއްޏަށް ދެ އަހަރުވާ ދުވަހެވެ. ނަމަވެސް އެ ލޯބީގެ ގުލްޝަނުގައި އަދި ހަމަ އެންމެ މަލެއް ވެސް ނުފޮޅެއެވެ. މަސައްކަތް ނުކުރަނީކީ ނޫނެވެ. ހޯދަން ބޭނުން ނުވަނީއެއް ވެސް ނޫނެވެ. މިޝާ އޭނާގެ އުނގު ފަޅުފިލުވާލަ ދޭނެ ލޯބި ލޯބި ދަރިއަކަށް އިންތިޒާރު ކުރެއެވެ. އަޒީމް އޭނާގެ އަތުގައި ހިފައިގެން ހިނގާލާނެ މައުސޫމް ކުއްޖަކަށް އަބަދުވެސް އެދެއެވެ. މުޅިން ވެސް ތަގްދީރުގެ ނިޔާއެވެ. ދެމީހުން ދަރިޔަކަށް އެދި ކުރަމުންދާ މަސައްކަތުގައި އަދި އަލި މަގެއް ނުފެނެއެވެ. ދެމީހުންނަށް ލިބޭހާ އެއްޗެއްވިއްޔާ އެކަމަށް ހޭދަކުރެއެވެ. އެކި ޑަކްޓަރުންނަށް ދެއްކިއްޖެއެވެ. އެކި ފަރުވާ ދެވިއްޖެއެވެ. ނަމަވެސް ނަތީޖާ އައީ ހަމަ އެއް ގޮތަކަށެވެ. މިޝާގެ މައްސަލައެކެވެ. މިޝާއަށް ކުދިން ނުލިބޭނެކަމަށް ޑަކްޓަރުން ތަކުރާރުކޮށް ބުނަމުން ދިޔައެވެ. ނަމަވެސް އަޒީމް މިޝާ ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ. އެއީ އެ ހިތުގެ ދިރުމެވެ. އެ ހިތުގެ ވިންދަކީ މިޝާއެވެ. އެހެންވީއިރު މިޝާ އާ ނުލާ އަޒީމް އުޅޭނީ ކިހިނަކުން ހެއްޔެވެ.

ދެމަފިރިންގެ ކައިވެންޏަށް އަހަރަކަށް ފަހު އަހަރެއް އިތުރު ވަމުން ދިޔައެވެ. އިތުރުވާ ކޮންމެ ސިކުންތަކާއެކު އެދެމެދަށް ނޭނގޭ ދުރު ކަމަކާއި ހުސްކަމެއް ވެރިވަމުން ދިޔައެވެ. މިޝާގެ ލޮލުން ކަރުނަ ހިކޭ ވަގުތެއް ނާދެއެވެ. އެ ރީތި ހަށިގަނޑު ހިކި އަނަރޫފަ ވެއްޖެއެވެ. ވިލު ނޫކުލައިން ވިދަމުން ދިޔަ ދެލޮލުގެ ވިދުން ގެއްލިއްޖެވެ. ދެލޯ ވަޅުވަދެ ލޯދޮށް އެކަށް ކަޅުވެއްޖެއެވެ. އެ ރީތި ފިޔާތޮށި ތުންފަތް ހިކި ފަޅަފަޅައިގެން ގޮސްފައިވެއެވެ. މިޝާ ފެންނަ ކޮންމެ މީހަކަށް ވެސް ހީވަނީ ބަލި އެނދުގައި އެތައް އަހަރެއް ވަންދެން އޮވެފައި ތެދުވެގެން އުޅޭހެންނެވެ. އެ ހަށިގަނޑު ފެންނަ ކޮންމެ މީހެއްގެ ލޮލުން ވެސް ކަރުނަ ހިލޭނެކަން ޔަގީނެވެ. އެ ހަށިގަނޑުގަ ފުރާނަ ހުރި ނަމަވެސް އެއްވެސް ދިރުމެއް ނުވާ ފަދައެވެ. ހީސަމާސާ ކުރުން އެއީ މިޝާއަށް ނޭނގޭ ކަންކަމަށް ވެއްޖެއެވެ. ނިދި ވަނީ އޭނާއާ އެތައްހާސް މޭލެއް ދުރަށް ގޮސްފައެވެ. މިޝާގެ ހަމައެކަނި އެކުވެރިއަކީ އޭނާ އެކުރަމުންދާ ހިތާމަޔާއި ކަރުނައެވެ. ނޭނގި ނަމަވެސް އަޒީމާއި މިޝާ ދުރުވެވެން ފެށިއެވެ. އެ ލޯބީގެ ހުޅުކޮޅު ފަނޑުވެ އަލިމަޑުވަމުން ދިޔައެވެ. ހަމައެކަނި ސަބަބަކަށް ވެފައި ވަނީ މިޝާގެ އުނގު ފަޅުފިލުވައިދޭނެ ކުއްޖަކު ނެތުމެވެ. އެ ލޯބީގެ ގުލްޝަނުގައި މާ ނުފޮޅުމެވެ. އެދެމަފިރިންނަށް ވެސް ކުރެވޭހާ ވެސް ކަމަކީ ދުޢާ ކުރުމެވެ.

އަޒީމާއި މިޝާ ހިތާމައިގެ ކަނޑުގައި ފުންމިން ނޭނގޭ ހިސާބަށް ގެނބިއްޖެއެވެ. ވަށައިގެން ވަނީ ފުން އަނދިރިކަމެވެ. އެކަކު އަނެކަކަށް ނަސޭހަތްތެރިވި ނަމަވެސް އޭގެން އެކަކު ގައިގައި ވެސް މިހާރު ހީލާނެހާ ހިތްވަރު ވެސް ނެތެވެ. އަޒީމް އެންމެ ދެރަވީ މިޝާ އޭނާ ދޫކޮށް އެހެން މީހެއް އިޙްތިޔާރު ކުރުމަށް އެދުމުންނެވެ. މިހާރު މިޝާ އެކަމަށް އެތައް ހާސް ފަހަރު އެދިއްޖެއެވެ. ނަމަވެސް އަޒީމް އެމީހެއް ދެކެ ހިތުގެ އެންމެ ފުންމިނުން ލޯބިވި މީހާ ދޫކޮށްލާނީ ކިހިނެއް ހެއްޔެވެ؟ މިޝާގެ ޖާގަ އެހެންމީހަކަށް ދޭނީ ކިހިނެއް ހެއްޔެވެ؟ މިޝާގެ އެފަދަ ވާހަކަތަކުން އެ ދޭތެރޭގައި ނޭނގޭ ދުރުމިނެއް އުފެދިފައި ވިޔަސް އަދިވެސް ދެހިތުގައި ވެސް ވިންދު ޖަހަނީ އެކަކު އަނެކަށްޓަކައެވެ. ކައިވެންޏަށް 8 އަހަރު ވީއިރު ވެސް އެ ހިތުގައި ވާ ލޯތްބަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ހިނގާ ކޮންމެ ސިކުންތަކާ އެކު އެ ލޯބި ދަނީ އިތުރުވަމުންނެވެ.

"އަޒީމް އަހަރެން މިނިވަންކޮށްފަ އެހެން ދިރިއުޅުމެއް ފަށާ. ހެޔޮ ނުވާނެ އަހަރެން ފަދަ އުފާ ނުދެވޭ މީހަކަށް ޓަކައި ދިރިއުޅުން ބަރުބާދު ނުކޮއްލާ. އަދިވެސް އަޒީމަށް މިކަހަލަ އެތައް މިޝާއެއް ލިބިދާނެ." މިޝާ އަޒީމް ދެކެ ލޯބި ނުވަނީއެއް ނޫނެވެ. އަމިއްލަ ނަފްސަށް ވުރެ ވެސް އަޒީމްދެކެ މިޝާ ލޯބިވެއެވެ. ނަމަވެސް މިޝާއާ ހެދި އަޒީމްގެ ދިރިއުޅުން ހަލާކު ވަނީ ކަމުގައި ޚުދު މިޝާއަށް ވެސް އިހްސާސް ވަނީ އެވެ. އެހެން ދުވަސްތަކެކޭ ވެސް އެއް ފަދައިން މިއަދު ވެސް އަޒީމް އިނީ އެހުރިހާ ވާހަކަތަކެއް އަޑުއަހަން އަގައިން ވެސް ނުބުނެއެވެ. ނަމަވެސް ހިތަށް އެތައް ހާސް އެއްޗެއް އަރައި ފައިބަމުން ދިޔައެވެ. މިޝާއަށް އަޒީމްވާ ލޯބި ނުފެންނަނީ ބާވައެވެ. އަޒީމްގެ ހިތުގައި ވިންދު ޖަހަނީ އެ ލޯތްބަށް ޓަކައި އެކަނިކަން ނޭގެނީބާވައެވެ. މިޝާއާ ނުލާ އަޒީމްއަށް އެންމެ ސިކުންތެއް ވެސް ހޭދަ ނުވާނެކަން ނޭނގެނީ ހެއްޔެވެ؟ ނޫނީ ވިސްނަން ބޭނުން ނުވަނީ ހެއްޔެވެ؟ މިފަދަ އެތައް ސުވާލުތަކަކުން އަޒީމްގެ ހިތާއި ސިކުނޑި ދިޔައީ ފުރި ބާރު ވަމުންނެވެ. ހަދާނެ ގޮތް ނޭނގި ބޯ ހާސް ވަނީއެވެ.

ފާހާނައިން ނިކުމެގެން އައި އަޒީމްގެ ފިޔަވަޅުތައް ހުއްޓުނީ މުށިތައް މަތީ އޮތް މިޝާ ފެނިފައެވެ. އަޒީމްގެ ހިތް ހީވީ މޭފަޅާ ބޭރަށް ނިކުމެދާނެހެންނެވެ. ދުވެފައި ގޮސް މިޝާ ނަގައި އުނގުގައި ބޭއްވި އިރު ވެސް އަޒީމްގެ ދެލޯ ކަރުނުން ފުރެމުން ދިޔައެވެ. ހިތް ހީވަނީ މޭފަޅައި ނިކުމެދާނެ ހެންނެވެ. ހޭވެރިކަން ނެތް މިޝާގެ ހަށިގަނޑުގައި އޮޅުލަމުން ގޮވައިގޮވައި ވެސް ހަބަރެއް ނުވިއެވެ. ތުރުތުރު އަޅާ ހާލު އެންބިއުލާސަށް ގުޅިއެވެ.

އަވަސް ފަރުވާދޭ ކޮޓަރީގެ ދޮރުމަތީ ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި އަޒީމް ހިތް ދިޔައީ ނޭނގޭ ބާރު މިނެއްގައި ތެޅެމުންނެވެ. އަޒީމް އާއި މިޝާގެ އާއިލާއިން ކެތްތެރިވުމަށް އެދި ދޭ ނަސޭހަތުގެ އަޑު ވެސް އެ ކަންފަތަށް ނީވޭ ކަހަލައެވެ. ދެއަތް ދެއަތަށް މޮޑެމުން ދެކޮޅަށް ހިނގާލަހިނގާލާ ހުރި އަޒީމް އިރުއިރުކޮޅާ ގަނޑި ބަލާލައެވެ ހިތުން ދުއާ ކުރެވެމުން ދިޔައީ މިޝާ ހެޔޮ ހާލުގައި ލެއްވުމަށެވެ.

އަވަސް ފަރުވާދޭ ކޮޓަރި ދޮރު ހުޅުވާލާފައި ނިކުތް ޑަކްޓަރަށް އެންމެންގެ ނަޒަރު ހުއްޓުނެވެ. އަޒީމް ނޭވާ ހިފަހައްޓައިލައިގެން ހުރެ ސުވާލު ފައްޗެއް އަމުނާލިއެވެ. ޑަކްޓަރ މިޝް .... މިޝް ރަގަނޅުތަ.... މިޝް ހޭއަރައިފިތަ..... މިޝްއަށް ކިހިނެއްވީ.... އެއްފަހަރާ އަމުނާލި ސުވާލު ފަތިން ވެސް އަޒީމް މިޝާ ދެކެވާ ލޯބި ހާމަވެ ފާޅު ވެއެވެ. ޑަކްޓަރ ، އަޒީމް ކޮނޑުގައި އަތް ޖައްސާލައިފައި އެބުނި ވާހަކައިން އަޒީމްގެ އަޑު ކެނޑުނެވެ. ސުވާލުތަކުގައި ސިއްކަ ޖެހުނެވެ. ދުވެފައި ގޮސް މިޝާ އޮތް ކޮޓަރިއަށް ވަނީ އެމޫނު ދެކިލާ ހިތުން ކެތް މަދު ވީމައެވެ.

މިޝް... މިޝް... މިޝް.... ފައިނަލީ ޔޫއާ ބިކަމިން މަމް... މިޝް މަންމައަކަށް ވަނީ.... އަޒީމްގެ އަޑުގައި ވަނީ އުފާވެރިކަމެވެ. ދެލޮލުން ހޫނު ކަރުނަ ފޭބި ނަމަވެސް އެއީ އުފާވެރިކަމުގެ ކަރުނައެވެ. ﷲއަށް ހަމްދު ކުރެވުން އަދަދުވެ ސް ނޭނގުނެވެ. އެކަލާނގެ އެއްވެސް އަޅަކަށް ދެރަގޮތެއް މިންވަރު ނުކުރައްވާނެއެވެ. އަށް އަހަރު ފަހުން އެ ލޯބީގެ ގުލްޝަނުގައި މާ ފޮޅުނީއެވެ. ދެ މީހުންގެ ހަޔާތަށް ބަހާރު މޫސުން އައީއެވެ.

....

"މިޝް އަދިވެސް ނުނިމޭތަ؟" އަޒީމް މިޝާއަށް ގޮވާލިއެވެ.

" މި މަމް ހާދައިރެއްވެޔޭ ދޯ ތައްޔާރުވާން... ބައްޕިގެ ޕްރިންސަސް ވެސް އެހައި ވަގުތު ވާނެތަ ރެޑީ ވާން" ކުޑަކުޑަ މިޝްޔާ އާއި އަޒީމް ވާހަކަ ދައްކަމުން ދިޔައިރު އެ މައުސޫމް މޫނުގައި ވަނީ ހިނިތުންވުމެވެ. ހީލާ ކޮންމެ ފަހަރަކު ކޮލަށް އެޅޭ އަޑިކޮޅުން މިޝާއާ ވަރަށް ވައްތަރެވެ.

" ހޭ މަންމިގެ ޗަކީ ޗީކްސް... ހިނގާ ދާން" މިޝްޔާ އުރާލަމުން ހިނގައިގަތް މިޝާ ހުއްޓުނީ އަޒީމް އަތުގައި ހިފެހެއްޓުމުންނެވެ. އަޒީމް މިޝާގެ ނިތްކުރިއަށް ބޮސްދިނުމަށް ފަހު ވަރަށް ލޯބިވާ ކަމުގައި ބުނެލީ ލޯތްބާއި އަޅާލުމާ އެކީގައެވެ. އެ ދެ ލޮލުން ފެންނަނީ ނިމުމެއްނެތް ލޯތްބެވެ.

(ނިމުނީ)

ނޯޓް: މިއީ މި ރަމަޟާން މަހަށް "ދެން"އިން ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތަށް ހުށަހެޅި ވާހަކައެކެވެ. މިވާހަކަ ލިޔެފައި ވަނީ ޢާއިޝަތު ސަނާ އެވެ. ވާހަކަ ހުށަހެޅުމަށް، [email protected] އަށް މެއިލް ކުރައްވާށެވެ.

Ads by Ooredoo
  1. ޖަނާ

    ވަރަށްް ސަޅި

  2. މުހައްމަދު

    ވަރަށްރީތި ވާހަކައެއް..

  3. އާނުު

    ވރަށްް ރީތިި ވާހަކައެއްް. ހަމަ އެއްވަނަަ. ️

  4. Žááń

    ވަރަށް ރީތި❤

  5. ޙައްވަ

    ރީތިި ވާހަކަަ އެއް… ގުޑްް ވޯކްް ���

  6. ށިޔަދގހ

  7. ޭެެއީނު

    މާޝާﷲ، ވަރަށް ރީތި