ތިބާއަކީ މިފަދަ މީހެއްތަ؟: މުފްތީ މެންކް
މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ދެއްވާފައިވާ ނަސޭޙަތުގެ މެސެޖެއްގައިވެއެވެ.
"ތިބާއަކީ މިފަދަ މީހެއް ހެއްޔެވެ؟"
އެވިދާޅުވަނީ ކޮންފަދަ މީހެއްބާއޭ ހިތަށް އެރިއެވެ.
މުފްތީ އިތުރަށް ވިދާޅުވެފައިވެއެވެ.
"ތިބާއަކީ މީހަކު ކިތަންމެ ވަރަކަށް ތިބާއަށް ދެރަދީ ހިތާމަ ދީފައި ހުރި ނަމަވެސް، އެމީހަކަށް ހެޔޮ އެދި ދުޢާ ކުރާނެ ކަމަށް ބުނާފަދަ، ޚާއްސަ ހިތެއްގެ ވެރިއެއް ހެއްޔެވެ؟
ހަގީގަތުގައި މިއީ ފަސޭހަ ކަމެއް ނޫނެވެ. ގިނަ މީހުން ކަންތައް ކުރާނީވެސް މީގެ އިދިކޮޅަށެވެ. މީހެއްގެ ފަރާތުން ދެރައެއް ލިބިއްޖެނަމަ އެމީހަކާއި ދިމާލަށް އެއްޗެހިގޮވާ، އެމީހަކަށް ދެރަގޮތް މެދުވެރިވުމަށް އެދޭ މީހުން އިންތިހާއަށް ގިނައެވެ. އަދި އެމީހަކާއި ދިމާލަށް ބޭއަދަބީ ބަސްތައް ބުނާ މީހުން ވެސް ގިނައެވެ. ނަމަވެސް، މިފަދަ ކަމެއް ނުކޮށް، މީހުންނަށް ހެޔޮ އެދޭ މީހުން ވެސް އުޅެއެވެ. އެފަދަ މީހުންނަށް އިޙްތިރާމް ކުރާށެވެ."
މިއީ ވަރަށް ބޮޑު ތެދެކެވެ. ގިނަ ފަހަރަށްވާ ގޮތަކީ ތިމާއާއި ނުހަނު ގާތް މީހަކު ތިމާއަށް ދެރައެއް ނުވަތަ ވަރަށް ބޮޑު ހިތާމައެއް ދީފިނަމަ، އޭގެ ބަދަލު އެމީހަކަށް ވެސް ލިބުމަށް އެދެވެއެވެ. އެހިތާމަ ނުވަތަ އެއަށްވުރެ ބޮޑު ހިތާމައެއް އެމީހަކަށް ލިބުމަށް ވެސް އެދެވެއެވެ.
ނަމަވެސް މިއީ ތިމާއަށް ވެސް އަދި އަނެކާއަށް ވެސް ފައިދާއެއް ކުރާނެ ކަމެއް ނޫނެވެ. ފައިދާކަން ބޮޑު ވެގެންވަނީ އަބަދުވެސް ހެޔޮ ޢަމަލު ކޮށްގެންކަން ދަންނަން ވާނެއެވެ.
ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރައްވާފައިވެއެވެ.
"ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު މީހުންނަކީ ތިމާގެ ދުލާއި އަތުގެ ނުބައިކަމުން އެހެންމީހުން ރައްކާތެރިވެގެންވާ މީހާއެވެ. "(އެބަހީ ދުލުން ވެސް އަދި އަތުންވެސް އެހެންމީހުންނަށް ގެއްލުމެއް ނުދޭނެ މީހުންނެވެ).
މަސްދަރު: މުފްތީ މެންކް ގެ މެސެޖް/ މީޑިއަމް.ކޮމް