ދީން

އަޟްޙާ ޢީދު: ދުނިޔެމަތީގައި ﷲ ލެއްވި އެންމެ މަތިވެރި ދުވަސް

ދެން އެމްވީ ، ދެން އޮންލައިން

އިސްލާމް ދީނުގައި އައިސްފައިވާ ހުރިހާ ޙުކުމްތަކެއްވެސް މާތް ﷲ ކަނޑައަޅުއްވާފައިވަނީ، އެކަލާނގެ އަޅުތަކުންގެ މަޞްލަޙަތަށްޓަކައެވެ. އަވަހަށް ނަމަވެސް ފަހުން ނަމަވެސް މި މަޞްލަޙަތު ޙާޞިލްވާނެކަން، ދޭހަކޮށްދޭ އެތަކެއް އާޔަތްތަކެއް ޤުރުއާނުގައި ވެއެވެ. އަދި އެތަކެއް ޙަދީޘްތަކެއް އައިސްފައިވެއެވެ. އިސްލާމް ދީނުގެ ކުއްލިއްޔާތުލް ޚަމްސަ ނުވަތަ އެކަންތަކެއް ޙިމާޔަތް ކުރުމަށްޓަކައި ޝަރީޢަތް އައިސްފައިވާ ކަންތަކަކީވެސް އިންސާނުންގެ މަޞްލަޙަތަށް ކަނޑައެޅިފައިވާ ކަންތަކެވެ.

Ads by MWSC

ވީމާ ޢީދަކީވެސް މި ދެންނެވި މަޞްލަޙަތު ހުރި ކަންތަކުގެ ތެރެއިން ބޭރުގައި ވާ ކަމެއް ނޫނެވެ. އޭގައި ޙިކުމަތްތަކަކާއި މަޤްޞަދުތަކެއް ވެއެވެ. މިކަންތައްތައް ޢީދާއި ބެހޭގޮތުން އައިސްފައިވާ ނައްޞުތައް ބަލައިލުމުން ފާޅުވާނެއެވެ. އެގޮތުން މި ލިއުމުގައި ޢީދުގައި ހިނެމޭ ބައެއް މަޤްޞަދުތަކާއި ފާއިދާތަކަށް އަލި އަޅުވައިލާނަމެވެ.

ޢީދުގެ އެންމެ މުހިއްމު އެއް މަޤްޞަދަކީ މުސްލިމުންގެ އެއްބައިވަންތަކަން އާލާކޮށް ދިރުވުމެވެ. ހުރިހާ އެންމެންނަކީވެސް ﷲ އަށް އަޅުކަން ކުރާ އެކަލާނގެ އަޅުންކަން، ޢީދު ދުވަހު އެންމެން ''ﷲ އަކްބަރު'' ކިޔައި އެއްބަސް ވެއެވެ. އެ ދުވަހު އެންމެންނަށްވެސް އިޙްސާސް ވަނީ އުޚުއްވަތްތެރި ކަމާއި އެއްބައިވަންތަކަމެވެ. ހުރިހާ މުސްލިމުންނަކީވެސް ޝަހާދަތުގެ ދެ ކަލިމައިގެ ދިދައިގެ ދަށުގައި ތިބޭ ބައެއްކަމެވެ.

އެކުވެރިކަމަކީ އިސްލާމްދީން ވަރަށް ބާރު އަޅާފައިވާ ކަމެކެވެ. ޖަމާޢަތުގައި ނަމާދު ކުރުމާއި، ހުކުރު ޖަމާޢަތަށް ދިއުމާއި، ޙައްޖުގެ އަޅުކަން ފަދަ ކަންކަމުގައިވެސް އެކުވެރި ކަމުގެ ރޫޙު ހިމެނެއެވެ. ޢީދު ދުވަހަކީ މުސްލިމުން އެންމެ ގިނަ ބަޔަކު އެއްވެ އުފާ ފާޅު ކުރަން ކަނޑައެޅިފައިވާ ދުވަހެވެ. ކުޑަ ކުދިންނާއި އަންހެނުންވެސް ޢީދު ނަމާދަށް ނުކުތުމަށް އަންގަވާފައިވަނީ، ވީހާވެސް ގިނަ ބައެއްގެ ހިތްތަކަށް އުފާވެރިކަމާއި، އުއްމަތަށް ނިސްބަތްވުމުގެ ރޫޙު އާލާ ކުރުމަށްޓަކައެވެ.

އިންސާނުންގެ ހިތަކީ އެއަށް ފޫހިކަން ވެރިވާ އެއްޗެކެވެ. އެހެންވެ އެއަށް ހިތްހަމަ ޖެހުމާއި ފޫހިކަން ފިލުވައިދޭ ކަންތައް ދޭތެރެ ދޭތެރެއިން، ދީނުގެ މިންގަޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކުރަން ޖެހެއެވެ.

އެ ގޮތުން ޢީދު ދުވަހަކީ މި އުފާވެރިކަން ފާއިދާ ހުރި ގޮތެއްގައި، ހިތަށް ވަށްދައިދޭން ލިބޭ ފުރުޞަތެކެވެ. އިޖްތިމާޢީ، ޢާއިލީ ދީނީ ކުލަތަކެއް ޖެހިގެން ލިބޭ އުފަލެކެވެ. އިސްލާމް ދީނުގައި އޮންނަ ދެ ޢީދަކީވެސް މި ދީނުގައި އޮންނަ ވަރަށް މުހިއްމު ދެ އަޅުކަމަކާއި ވިދިގެން އަންނަ އެއްޗެކެވެ. ފިޠްރު ޢީދު އަންނަނީ ރަމަޟާން މަހަށް ފަހުގައެވެ. އަޟްޙާ ޢީދު އަންނަނީ ޙައްޖުގެ އަޅުކަމަށް ފަހުގައެވެ.

މި ކަމުން އަހަރެމެންނަށް ނެގިދާނެ ވަރަށް މުހިއްމު ފިލާވަޅެއް އެބައޮތެވެ. އެއީ ފަހަރެއްގައިވެސް މި ދީނަކީ މާޔޫސްކަމުގެ ދީނެއް ނޫންކަމެވެ. ދުނިޔޭގެ އުފަލަށް ފުރަގަސް ދޭ ދީނެއް ނޫންކަމެވެ. އަޅުވެރި ވުމަކީ ތުންފަތުގައި ހިނިތުންވުމެއް، ހިތުގައި އުފާވެރިކަމެއް ނެތި ދުނިޔޭގެ އުފާތަކުން މަޙްރޫމްވެގެން އުޅުމެއް ނޫންކަމެވެ. މި ގޮތަށް އުޅެނީ ހިންދީ، ނަޞާރާ، ބުދުދީން ފަދަ ދީންތަކުގެ ފާދިރީންނެވެ. އަދި އެ ދީންތައް ދަސްކޮށް ދީފައިވާ މަގުން ހިނގާ މީހަކުވެސް އުޅެން ޖެހޭނީ މި ގޮތަށެވެ.

ނަމަވެސް އިސްލާމް ދީނަކީ މެދުމިނުގެ ދީނަކަށް ވުމުގެ ސަބަބުން، މި ދީނުގައި ވަނީ އަޅުކަމާއި ދުނިޔޭގެ ބަހުޖަތުން އުފާލިބިގަނެ، ފޫހި ފިލުވުމުގެ ފުރުޞަތު މުސްލިމުންނަށް ދީފައެވެ. އަޅުވެރި ވުމަކީ ރީތި ހެދުމެއް ނުލުން ކަމަށް ދެކޭ މުސްލިމަކީ އެއީ ދީން ނޭނގޭ މީހެކެވެ. ތަޤުވާވެރި ވުމަކީ ފޫހި ފިލުވުމެއް ނެތި އުޅުން ކަމުގައި ދެކޭ މީހަކީ ދީން ނޭނގޭ މީހެކެވެ. އުފާވެރި ކަން ލިބިދޭ މަގުތަކުން ހިނގާ މީހަކަށް ތެދުމަގުން ނުހިނގޭނެ ކަމަށް ހީކުރާ މީހަކީ ދީން ނޭނގޭ މީހެކެވެ.

ބައެއް ފަހަރު ހަވާ ނަފްސަށް ތަބާވެވުމުގެ ސަބަބުން، އަހަރެމެންނަށް ޢާއިލީ ގުޅުންތައް ކަނޑައިލެވެއެވެ. ރަޙްމަތްތެރިންނާއި ދުރަށް ދެވެއެވެ. ރަމަޟާން މަސް މިއީ ކެނޑިފައިވާ މިފަދަ ގުޅުންތައް އަލުން ގޮށްޖަހަން ލިބޭ ފުރުޞަތެކެވެ. އޭގެ ފަހުން މި އަންނަ ޢީދު ދުވަހަކީ ގުޅައިލެވުނު ހިތްތަކަށް އުފާވެރިކަމާއި ހިތް ހަމަޖެހުން ވައްދައިދޭން ލިބޭ ރަނުގެ ފުރުޞަތެކެވެ. މި ޒަމާނުގެ އަވަސް ދިރިއުޅުމުގެ ހާސްކަމުގައި ގިނަ ބަޔަކު އުޅޭތީ، ތިމާގެ މީހަކަށް ޒިޔާރަތް ކޮށްލާނެ ވަގުތެއް ނުލިބެއެވެ. އެފަދަ މީހުންނަށް ޢީދު ދުވަހުގެ ބޭނުން ހިފައިގެން ގާތް ތިމާގެ މީހުންނަށް ޒިޔާރަށް ކޮށް، ހަދިޔާ ދީ ކުޑަ ކުދިންނަށް މެޓާ ދީ ކަންތައް ކުރުމަކީ ކުރެވިދާނެކަމެކެވެ.

މުޖްތަމަޢުގައި އުޅޭ ނިކަމެތި ފަޤީރުންގެ ހިތަށް ހިތްހަމަ ޖެހުން ވައްދައި ނުދެވޭ ޢީދަކީ އެއީ ޢީދެއް ނޫނެވެ. ވީމާ ޢީދުގެ މަޤްޞަދު ފުރިހަމަވާނީ ފަޤީރުންގެ ބޭނުންތައް ފުއްދައިދީ އެ މީހުންގެ ތުންފަތުގައި ހިނިތުންވުން ކުރަހައިލެވޭނަމައެވެ. މުއްސަނދިން ކޮންމެ ޕާޓީއަކަށް، ކޮންމެ ހަފްތާއަކު ހެދުމެއް ގަތަސް، އަހަރަކު އާ އެންމެ ހެދުމެއްވެސް ނުގަނެވޭ މީހުން އުޅެއެވެ. މުއްސަނދިންގެ ކުދިން އަތުގައި މަދަރުސާއަށް ދާނެ 5 ޔުނިފޯމް އޮތަސް، ރަތްވެފައި އޮންނަ އެންމެ ޔުނިފޯމެއް ގެންގުޅޭ ކުދިންވެސް އުޅެއެވެ.

ވީމާ ތިމާގެ މުސްލިމް އަޚް ނުވަތަ އުޚްތު މިފަދަ ހާލެއްގައި ތިއްބާ އެ މީހުންނަށް އެއްވެސް އެހީއެއް ނުވެ ރީތި ހެދުންތައް ގަނެގެން މީރުވަސް ދުވާ ސެންޓު ޖައިގެން ބޭން ބަލަން ދިއުމަކީ ލަދު ގަންނަން ޖެހޭނެ ކަމެކެވެ. މުޖްތަމަޢްގައި ފަޤީރުން ތިބޭތީ ރީތި ހެދުމެއް ނުލާށޭ އަހަރެން ނުބުނަމެވެ. މައްސަލައަކީ އެ މީހުންނަށް އެހީގެ އަތެއް ފޯރު ނުކޮށް ދާތީއެވެ.

ޢީދު ދުވަހުގެ މަޤްޞަދުތެރޭގައި، ހުއްދަ ގޮތުގައި މަޖާކޮށް ހެދުމުގެ ފުރުޞަތު މުސްލިމުންނަށް ދިނުންވެސް ހިމެނެއެވެ. ޢީދު ދުވަހު ދީނީ މިންގަޑުތެރޭގައި މަޖާކޮށް، ހިތަށް އުފާވެރިކަން ގެނެސްދޭ ކަންތައް ކުރުން ކީރިތި ރަސޫލާ ވަނީ ހުއްދަ ކުރައްވާފައެވެ.

މި ޒަމާނުގައި އަމިއްލައަށް މަރުވާ މީހުންނާއި، ނަފްސާނީ ބަލިތައް ޖެހިފައި ތިބޭ މީހުންނާއި، ނުތަނަވަސްކަމެއްގެ ތެރޭގައި އުޅޭ މީހުން ގިނަވަނީ ކީއްވެގެންކަން އެނގޭހެއްޔެވެ؟ މައިގަނޑު ސަބަބަކީ ހިތުގައި އީމާންކަން ނެތުމެވެ. ﷲ ޛިކުރު ނުކުރުމެވެ. ނަމާދު ނުކުރުމެވެ. ސައުވީސް ގަޑިއިރު ނެށުމާއި ލަވަ ކިއުމުގައި މަޝްޣޫލުވުމެވެ. މަޖަލާއި އުފާވެރިކަން ހިސާބަށްވުރެ ބޮޑުވުމެވެ. ނުވަތަ ހައްދުން ނެއްޓުމެވެ.

މުޅި އަހަރު ދުވަހު މަޖާ ކުރާ މީހަކަށް ޢީދު ދުވަހުން ލިބޭނެ އުފަލެއް ނޯންނާނެއެވެ. އެފަދަ މީހުންނަށް ޢީދު ދުވަސް އައިކަންވެސް ނޭނގޭނެއެވެ. ވަށައިގެން އުޅޭ މުއްސަނދި ފަންތީގެ މީހުންނަށް ނިކަން ނަޒަރު ހިންގާލަ ބަލާށެވެ. މި އަދު އެ މީހުން އެހާ އުފާވެގެން އުޅޭ ތަނެއް ނުފެންނާނެއެވެ. މަގުމަތީގައި، އުފަލާއިއެކު ދުވެ ދުވެ އުޅޭނީ މި ފަންތީގެ ދަށު ފަންތީގެ މީހުންނެވެ. ދެމަފިރިން ހިނގާލަން ނުކުންނާނީވެސް ފަހުން މި ބުނި ފަންތީގެ މީހުންނެވެ. އުފާވާނީވެސް އެ މީހުންނެވެ. ދަންޖެހޭ މީހުން މަދުވާނީވެސް މި މީހުންގެ ތެރޭގައެވެ.

ފަހު ޒަމާނަށް އައިސް ރޫމީން (ރޯމް) ހަނި، ދަތި ނުބައިވަސް ދުވާ ހޮރަކަށް ވަނަސް މުސްލިމުންގެ ބަޔަކު ފަހަތުން ގޮސް ވަންނާނެކަމުގެ ޚަބަރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ދެއްވާފައެވެ. އެކަން މި އަދު ކޮންމެ ދިމާލަކަށް ބަލައިލިއަސް އެބަފެނެއެވެ. ރީތިވަނީ ހުޅަނގުގެ ފެޝަނެވެ. ކަޅު ކުލައިގެ އިސްތަށިގަނޑުގެ ބަދަލުގައި ރީތިވަނީ ރަތް އިސްތަށްޓެވެ.

ޔޫރަޕް މީހުންނަކީ ދޮން ބަޔަކަށް ވީމާ އެ މީހުންގެ ތުންފަތަކީ ރަތް ކުލައިގައި ހުންނަ އެއްޗެކެވެ. އެ ގޮތުން އެ މީހުން ތުންފަތް ރަތް ކުރުމަކީ އިތުރަށް ރީތިކަން ގެނެސްދޭ ކަމެކެވެ. އެކަމަކު ހެއްވާ ކަމަކީ ހަމުގެ ކުލަ ކަޅު ޤައުމުތަކުގެ މީހުންނަށްވެސް އެ ބައިމީހުންގެ ޠަބީޢަތަށް ނުވިސްނައި ތުންފަތް ސީދާ ރަތް ކުރާތީއެވެ.

ހަމަ އެހެންމެ މުސްލިމުންގެ ގިނަ ބަޔަކަށް މިއަދު ޢީދު ދުވަހަކަށް ވަނީވެސް "ކްރިސްމަސް'' ދުވަހެވެ. ފާހަގަ ކުރަނީ "ވެލަންޓައިން" ދުވަހެވެ. ކުލަ ބޮކި ދިއްލެނީ "ނިއު ޔިއާރ" ގައެވެ. ނަމަވެސް މިއީ މިކަން އޮންނަންވާނެ ގޮތެއް ނޫނެވެ. މުސްލިމުންނަކީ އެ މީހުންގެ އަމިއްލަ ޝަޚްޞިއްޔަތަކާއި ގޮތްގަނޑެއް ހުންނަން ޖެހޭ ބައެކެވެ. މުސްލިމުންނަކީ އެހެން ދީންތަކުގެ މީހުންގެ ދީނީ އާދަތައް ނަކަލު ކޮށްގެން ނުވާނެ ބައެކެވެ. ވީމާ މި ފިޠްރު ޢީދުފަދަ ދުވަސްތަކަކީ އަހަރެމެން އަލުން ދިރުވައި އާލާ ކުރަން ޖެހިފައިވާ ދުވަހެކެވެ. އަހަރެމެން ކުޑައިރު އޮންނަ ފަދަ އުފާވެރި ރޫޙެއް މި ޢީދަށް އަޅުވަން އެބަޖެހެއެވެ.

މަސްދަރު: ދިސަލަފިއްޔާ.ނެޓު

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!