ދުނިޔެ

ކޮވިޑް-19: އިންޑިއާގެ މުއްސަދިންގެ ގޭގެއަށް ގޮސް ފަރުވާ ދޭން ޖެހޭތީ ޑޮކްޓަރުން ރަތަށް!

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އިންޑިއާގައި މުއްސަދިންގެ ގޭގެއަށް ޑޮކްޓަރުން ގޮސް ފަރުވާ ދޭން ޖެހޭތީ ޑޮކްޓަރުން ނުރުހުން ފާޅުކޮށް ބޮޑު ވަޒީރު ނަރެންދްރާ މޯދީއަށް ސިޓީއެއް ފޮނުވައިފިއެވެ.

Ads by Sosun Fihaara

އިންޑިއާގެ ޑޮކްޓަރުންގެ ޖަމިއްޔާ، ފެޑެރަލް އޮފް އޯލް މެޑިކަލް އެސޯސިއޭޝަން (އެފްއޭއައިއެމްއޭ) އިން ބޮޑު ވަޒީރަށް ފޮނުވި ސިޓީއެއްގައި ވަނީ ސަރުކާރު ހޮސްޕިޓަލުތަކުގައި އޮންނަ ވީއައިޕީ އުސޫލާ މެދު ނުރުހުން ފާޅުކޮށް އެކަން ހުއްޓުވައިދިނުމަށް އެދިފައެވެ.

އެގޮތުން އެ ސިޓީގައި ބުނެފައި ވަނީ ސިޔާސީ އެކި އިސް ފަރާތްތަކާއި މުއްސަދިންގެ ގޭގެއަށް ގޮސް ބައްޔަަށް ޓެސްޓު ކޮށްދީ ފަރުވާ ދޭން ޖެހުމަކީ ޑޮކްޓަރުންނާއި ވަސީލަތްތައް މިހާ މަދު އިރެއްގައި ވަރަށް އުދަނގޫ ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެހީތެރިކަން ކޮންމެހެން ބޭނުންވާ ފަރާތްތަކަށް އެހީ ނުވެވޭ ހާލަތްތައް އަންނަ ކަން ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން އެ ސިޓީގައި ވަނީ ބަލި ފެތުރުމުގައި ސިޔާސީ މީހުން ބާއްވާ ބޮޑެތި ރެލީތަކާއި ޖަލްސާތަކުގެ ރޯލު ބޮޑުކަން ވެސް ފާހަގަކޮށްފައެވެ.

މީގެ އިތުރުން ވީއައިޕީ ހިދުމަތް މިފަދަ ސިޔާސީ ފަރާތްތަކަށް ލިބޭއިރު، ބުރަ މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރުން ބަލިވުމުން އެމީހުންނަށް އެ ޚިދުމަތް ނުލިބޭތީ ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގައުމުގެ ހެލްތު މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 161،736 އަށް އަރައިފައެވެ.

މިހާ ގިނަ އަދަދަކަށް އިންޑިއާއިން ކޮވިޑް-19 ގެ ކޭސްތައް ފެންނަން ފަށާފައި ވަނީ ކޮވިޑް-19 ގެ ކޭސްތައް 8،000 ގެ އަދަދުތަކަށް ދަށް ވިތާ ދެމަސްދުވަސް ފަހުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!