ދުނިޔެ

ގަންގޯ ކޯރުން ފެންވެރުމުން ހުރިހާ ވައިރަހަކުން ސަލާމަތްވާނެ ކަމަށް ސައިންސް އިން ދައްކާ ކަމަށް ބުނި ފާދިރީއަކު ހޫނުފެނަށް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ހިންދޫ ދީނުގައި މާތް ކަމަށް ޤަބޫލު ކުރާ ގަންގާ ކޯރުން ފެންވަރައިފިނަމަ އެމީހެއްގެ ހަށިގަނޑަށް އެއްވެސް ވައިރަހެއް ނުވަތަ ބެކްޓީރިއާއަކަށް ނުވަދެވޭ ފަދަ ދިފާޢީ ބާރެއް ހަށިގަނޑަށް ލިބޭނެ ކަމަށް ސައިންސްވެރިން ބުނާ ކަމަށް ބުނުމުން އިންޑިއާގެ ފާދިރީއަކު ހޫނުފެނަށް ވެއްޓިއްޖެއެވެ.

Ads by Sosun Fihaara

ހިންދޫ ދީނުގެ މަޝްހޫރު ފާދިރީއެއް ކަމަށްވާ އަޖޭ ގުއަތަމް، "އިންޑިއާ ނައު" އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ބުނެފައި ވަނީ ގަންގާފެނަކީ އޭގައި އަޖައިބު ކުރުވަނިވި ކަންތައްތަކެއް ހިމެނޭ ފެނެއް ކަމަށެވެ. ފާދިރީ މިހެން ބުނެފައި ވަނީ އިންޑިއާގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި ހިންދޫ ދީނުގެ ފެސްޓިވަލެއް ފާހަގަ ކުރަން ގިނަ އަދަދެއްގެ ބަޔަކު ގަންގާ ކޯރަށް އެރޭތީ އެކަމާ ސުވާލު ކުރުމުންނެވެ.

ފާދިރީ އަޖޭ ބުނެފައި ވަނީ ގަންގޯ ކޯރުގައި އެފަރާތްތަކުން ކުރިޔަށް ގެންދާ ހަރަކާތަކީ ބަލިތަކުން ސަލާމަތް ވުމަށް ކުރިޔަށް ގެންދާ ހަރަކާތެއް ކަމަށެވެ.

މި ޕްރޮގްރާމުގައި ބައިވެރިވި އިންޑިއާގެ ޑޮކްޓަރެއް ކަމަށްވާ ޑރ.އަކްޝޭ މަރްޖަން ފާދިރީގެ މިވާހަކަތައް ދޮގު ކޮށްފައިވެއެވެ. މިގޮތުން ސައިންޓިފިކް އެއްވެސް ތަޙްލީލަކުން މިފަދަ ކަމެއް ނުދައްކާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

އިންޑިއާގައި ކޮވިޑް-19 އިންތިހާއަށް ފެތުރު ބައެއް ސްޓޭޓްތައް ވަނީ ލޮކްޑައުންކޮށްފައެވެ. އަދި ގިނަ ސްޓޭޓްތަކުގައި ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފައެވެ. މިގޮތަށް ކަންތައްކޮށްފައި ވަނީ ކޮވިޑް-19 ޖެހިގެން އެނދުމަތި ކުރަން ޖެހޭ މީހުންގެ އަދަދު އިންތިހާއަށް މަތިވެ، ހޮސްޕިޓަލްތައް ފުރި ފަރުވާ ނުދެވޭ ހާލަތަށް ދިއުމުގެ ސަބަބުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!