ވާހަކަ

ކުރު ވާހަކަ: ފަންސާސް އިންސައްތަ

ދެން އެމްވީ ، ދެން އޮންލައިން

ސައިބޯނި ބޮތްކެއްހެން އެ ހިޔާލުތައް ވައިގެ ތެރެއަށް ފެވިގެން ދިޔައެވެ. ނަމަވެސް ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުތައް މަސައްކަތް ކުރަމުން ދިޔައީ އެ ހަނދާންތައް އަހަރެންގެ ވަށައިލާށެވެ. ފެވިގެން ދިޔަ ހިޔާލުތައް އަހަރެންގެ ސިކުނޑީގެ މަކާނުގައި ކުރުހައިލަދެމުން ދިޔައެވެ. ލޯ ކުރިމައްޗަށް އެ މަންޒަރުތައް ސިފަވަމުން ދިޔައެވެ. އެޅި ވޭނާއި ވި ތަދު އިހުސާސް ވާން ފެށިއެވެ.

Ads by Hajj Corporation

އަހަރެންވެސް ބޭނުންވީ އުފާވެރި ދިރިއުޅުމެކެވެ. ސައިބޯނި ބޮތްކަކަށް އަރާ ކުލަތައް އަހަރެންގެ ދިރިއުޅުމަށް އަރަން ބޭނުންވިއެވެ. އެކުލަތައް އަހަރެންގެ ދިރިއުޅުގައި ޖެހެން ބޭނުންވިއެވެ. އެ ހުރިހާ ކުލަތަކަކުން އަހަރެންގެ ދިރިއުޅުމުގައި ކުލަ ޖައްސާލަން ބޭނުންވިއެވެ. ނަމަވެސް ވީ އަހަރެން ބޭނުންވި ގޮތެއް ނޫނެވެ. ހިތަށް ދުވަހަކު އަރުވައިލި ގޮތެއް ވެސް ނޫނެވެ.

އާނއެކެވެ. އަހަރެން ވީ ލޭ އަޅާ ކުއްޖަކަށެވެ. ތެލެސީމިއާ ކުއްޖަކަށެވެ. ކޮންމެ ދުވަހަކުމެ އެ ވޭނުގައި އުޅެން ޖެހުނެއެވެ. ކޮންމެ ރެޔަކުމެ ޑެސްފަރޯލް ގުޅައިގެން އޮންނަން ޖެހުނެއެވެ. ކޮންމެ މަހަކު ޓެސްޓް ހަދައި ލޭ އަޅަން ޖެހުނެއެވެ. އެތައް ގަޑިއިރެއް ދިޔައެވެ.

ކިޔެވުން އޮތް ގިނަ ދުވަސްތައް ބޭކާރުވެގެން ދިޔައެވެ. ކޮންމެ މަހަކު ސުކޫލަށް ނުދާ ދުވަސްތައް ގިނަ ވާން ފެށިއެވެ. ކިޔެވުމަށް ކުރި ފޮނި އުންމީދުތައް ވެއްޔާލާ މޮޑެވިގެން ދިޔައެވެ. ދިރިއުޅުމުގައި ދުއް ފޮނި ހުވަފެންތައް ފެނަށް ވެގެން ދިޔައެވެ.

ކޮންމެ ގޮތަކަށް ކަންތައް ވެގެން ދިޔަ ނަމަވެސް އަހަރެން އުންމީދުކުރަމުން ދިޔައީ މިކަމުން އަރައިގަނެވޭނެ ދުވަހަކަށެވެ. އަހަރެންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވޭނެ ދުވަހަކަށެވެ. ކަންތައް ވީވެސް އެހެންނެވެ. އަހަރެންނަށް މިކަމުން އަރައިގަނެވޭނެ މަގެއް ފެނުނެވެ. އުމުރުން ނުވަ އަހަރުގައި ބޯންމެރޯ ހަދަން އިންޑިއާއަށް ދިޔައީމެވެ. މަންމަ އަދި ބައްޕައާ ގުޅޭތޯ ބަލަން ޓެސްޓްތައް ހަދަން ފެށީމެވެ. ނަމަވެސް ނަތީޖާތަކުން ދެއްކި ގޮތުގައި މަންމާއާ ގުޅޭ ގޮތަށް އިނީ އެންމެ ފަންސާސް އިންސައްތައެވެ. އުންމީދުގެ ހުޅުކޮޅު ނިވިގެން ދިޔައެވެ. އަނެއްކާވެސް މިކަމުން އަރައިގަނެވޭނެ ދުވަހެއް ނޭނގި މާޔޫސްކަމުގެ ތެރެއަށް ވެއްޓިގެން ދިޔައެވެ. ފަންސާސް އިންސައްތަ ކަމުން އިންޑިއާއިން ބޯން މެރޯ ނަހަދައިދިނުމުން އަލުން އަނބުރާ އަމިއްލަ ވަޒަނަށް އަންނަން ޖެހުނެވެ. މާޔޫސްކަމާއި ހިތްދަތިކަމާ އެކުއެވެ.

ކިތަންމެ ކުޑަ އިންސައްތައަކުން ގުޅިފައި އިން ކަމުގައި ވިޔަސް އަހަރެންގެ މަންމައާއި ބައްޕަގެ އުންމީދު ކަނޑައެއް ނުލައެވެ. ތިބީ ވަރުގަދަ އަޒުމެއްގައެވެ. އަހަރެންނަށް ޓަކައި ކޮންމެ ގޮތަކުން ވިޔަސް ގުރުބާންވާން ތިބީ ތައްޔާރަށެވެ. އެހެންކަމުން އަހަރެންގެ ހަށިގަނޑަށް ލުއިކަމެއް އިހްސާސް ކޮށް ދިނުމަށް ޓަކައި އާސަންދަ ހޯދަން ފެށިއެވެ. ނަމަވެސް ފަންސާސް އިންސައްތަ އޭ ބުނެ އާސަންދަ ވެސް ނުލިބުނީއެވެ.

ފަރުވާއެއް ހޯދުމަށް ދެވޭނެ މަގު ވަރަށް ވެސް ހަންޏެވެ. ގިރާކުރަން ޖެހޭ ބޮޑެތި އަޑިގުޑަންތައް ގިނައެވެ. ކަށި ގިނަ ޖަންގައްޔެއް ފަދައެވެ. ނަމަވެސް އުންމީދު ކަނޑައެއް ނުލަމެވެ. ވަރުގަދަ އަޒުމަކާ އެކު މަސައްކަތް ކުރަމުން ދިޔައީމެވެ. އެތައް އޮފީހަކަށް އަދި އެތައް ފަރާތްތަކަކަށް އެހީއަށް އެދި ސިޓީ ލެވުނެވެ. ސަރުކާރުގެ ވުޒާރާ ތަކަށެވެ. ޕްރައިވެޓް އޮފީސްތަކަށެވެ. މާލޭގެ މުއްސަނދި މަހުޖަނުންނަށެވެ. ނަމަވެސް މަންމައާ ފަންސާސް އިންސަންތަ ގުޅިފައިވާތީ އެފުރުސަތު ވެސް ނުލިބުނީއެވެ.

ކާކުގެ ނަސީބެއް ކަމެއް ނޭނގެއެވެ. އެގޮތުގެ މަތިން އެހެން ކުއްޖަކަށް ލިބިފައިވާ ފުރުސަތެއް އަހަރެންނަށް ލިބިގެން ދިޔައީއެވެ. އުފަލުގެ ކޮޅެއް ވެސް ނެތެވެ. ކިޔަވަމުން ދިޔަ ސުކޫލުގައި ފަންޑު ފޮށި ހުޅުވައި އެހީއަށް އެދެމުން ދިޔައީމެވެ. ވަރަށް ވެސް އުންމީދާއެކުއެވެ. ނަމަވެސް މީހުންގެ ފަރާތުންނާއި އާއިލާ މީހުންގެ ފަރާތުން އިވެމުން ދިޔަ ބަސްތަކުން ލިބުނު ހިތްވަރު ވެސް އެލިގެން ދާން އުޅޭ ކަހަލައެވެ. އަޒުމު ފުނޑުފުނޑު ވާން އުޅޭ ފަދައެވެ.

''ފަންސާސް ޕަސެންޓް ވިއްޔާ ކީއްކުރަން މާވަރެއްކޮށް ތިއުޅެނީ.. ހަމަ ގެއްލުމެއްވެސް ލިބިދާނެ އެއްނު.. ވާނެ ގޮތެއް ކާކަށް އެނގޭނީ.. ބޮޑު ހަރަދެއް ކުރުމަށްވުރެ މާ ރަނގަޅެއްނު ކޮންމެ މަހަކު ލޭ އަޅައިގެން އުޅުން..'' އެތައް މީހަކު މިހެން ބުނަމުން ދިޔައެވެ. ނަމަވެސް ލިބުނު ފުރުސަތުގެ ބޭނުން ހިފައި އިޓަލީއަށް ދާން ފުރީމެވެ. އުފާވެރިކަމާއެކުއެވެ. އަހަރެންގެ ވޭންތަކަށް ނިމުމެއް އަންނަން އުޅޭތީއެވެ.

އިޓަލީގެ ޑޮކްޓަރުގެ ފަރާތުން އިވުނު ވާހަކަތަކުން ބައްޕަގެ ހިޔާލު ވެސް ބަދަލުވެގެން ދިޔައެވެ. އަހަރެންނަށް ސަލާމަތް ވެވޭނެ ކަމުގެ ފަންސާސް އިންސަންތަ އޮތުމުގެ ސަބަބުން އެކަން ކުރަން ބޭނުން ނުވީއެވެ. އަލުން އަނބުރާ ރާއްޖެ ދާން ބޭނުން ވީއެވެ. އެމީހެއްގެ ހުރި ދޮށީ ދަރިފުޅު މަރުގެ ތުންފަތް މައްޗަށް ވައްޓާލާން ބޭނުން ވާނީ ކާކު ހެއްޔެވެ؟ ނާޒުކު ދަނޑިވަޅަކަށް ވައްޓާލަން ބޭނުން ވާނީ ކާކު ހެއްޔެވެ؟ އެނގި ހުރެ އެދަރިފުޅަށް ގެއްލުމެއް ވާން އެދޭނީ ކާކު ހެއްޔެވެ؟

''ތިހެން ނުބުނޭ.. މިހިސާބަށް އައިސް އަލުން އަނބުރާ ދިޔުން ރަނގަޅެއް ނޫން. މިކަން ކޮށްގެން ދާނީ.. އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ވާނީ ރަނގަޅަކަށް. އަހަރެމެން ކުރާނީ ދުޢާ.. ދުޢާ އަކީ މުއުމިނުންގެ ހަތިޔާރަކީ.. އިންޝާﷲ އަހަރެމެންގެ ދަރިފުޅު ސާރާއަށް ދެރަގޮތެއް ނުވާނެ.'' މަންމަގެ ހިތްވަރުގެ ބަސްތަކުން ބައްޕައަށް ވެސް އައު އުންމީދެއް ލިބުނު ކަހަލައެވެ. އެތައް ދުޢާ އަކާ އެކު އަހަރެންގެ ބޯން މެރޯ ހެދުން ފެށިގެން ދިޔައެވެ. ރަނގަޅުވާނެ ކަމުގެ އެތައް އުންމީދަކާއެކުއެވެ. ވާނީ އެންމެ ރަނގަޅު ގޮތް ކަމަށް ބަލައިގެންނެވެ.

މާތް ﷲ ގެ އިރާދަފުޅާއެކު އަހަރެންގެ ހުރިހާ ކަމެއް ވެސް ވީ ވަރަށް ރަނގަޅަށެވެ. ބޯން މެރޯ ވެސް ކާމިޔާބުވީއެވެ. ހީވީ އައު ދިރިއުޅުމެއް ފެށުނު ހެންނެވެ. އައު ހަޔާތެއް ލިބުނު ހެންނެވެ. އަހަރެންގެ ހުރިހާ ކަމެއް ބަދަލު ވެގެން ދިޔައީއެވެ. ނަމަވެސް މިކަމުގެ ސަބަބުން އަހަރެންގެ ބޮލުގައި ހުރި ހުރިހާ އިސްތަށިތަކެއް ފައިބައިގެން ދިޔައެވެ. ނިޔަފަތިތައް ބަދަލުވެގެން ދިޔައެވެ. ދޮންކޮށް ހުރި ގައިގެ ހަންގަނޑު ކަޅުވިއެވެ.  ތުންފަތް ހުދު ވިއެވެ. ނަމަވެސް މިކަމަކަށް މާ ބޮޑު ފަރުވާލެއް ނެތެވެ.

ބޯންމެރޯ ކާމިޔާބުވެ ކުރި ހުރިހާ ދުޢާތަކެއް އިޖާބަވުމުގެ ސަބަބުން އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ އުޖާލާކަމާއި އުފާވެރިކަމުގެ ރިވެއްޔެކެވެ. ހާއްސަކޮށް އަހަރެންގެ އުފާވެރިކަން ވަނީ ދެގުނަ އިތުރުވެފައެވެ. ދެން ދުވަހަކުވެސް ޑެސްފަރޯލް ގުޅައިގެން އެނދުމަތީގައި އޮންނަން ނުޖެހޭނެތީއެވެ. ކޮންމެ މަހަކުމެ ލޭ އަޅައި ޓެސްޓްތައް ހަދަން ނުޖެހޭނެތީއެވެ. އަހަރެންގެ ހުރިހާ ވޭންތަކަކަށް ލުއިކަމެއް ލިބުނީތީއެވެ.

ބޯން މެރޯ ހަދައިގެން ލޭ އަޅަން ނުޖެހުނު ނަމަވެސް އޭގެ ފަހުން އަހަރެންނަށް އުޅެން ޖެހުނީ މާސްކް އަޅައިގެންނެވެ. އެއް އުމުރުގެ ކުދިންނާއިއެކު ކުޅެލާ މަޖާކޮށް ހަދާކަށް ފުރުސަތެއް ނުލިބުނެވެ. އެހެން ކުދިން ފަދައިން ބިންމަތީގައި ކުޅެ ހިރަފުހަށް އަތްލާނެ ފުރުސަތެއް ނުލިބުނެވެ. ސުކޫލަށް ވެސް ދާންޖެހުނީ މާސްކް އަޅައިގެންނެވެ. އަހަރެންގެ އުމުރުގައި އެއް އަހަރު ފާއިތުވެގެން ދިޔައީ މާސްކް އަޅައިގެންނެވެ. ކިތަންމެ އުނދަގުލެއް ވި ނަމަވެސް ކެތްކުރީމެވެ. ކެތްތެރިވީމެވެ.

ހުރިހާ ކަމެއް ހަމަޖެހުމުން އަހަރެންގެ ކިޔެވުމުގެ ހަޔާތް ކައިރި އެހެން ރަށަކަށް ބަދަލުވެގެން ދިޔައެވެ. ތައުލީމުން ކުރިއަރާފައިވާ ރަށަކަށެވެ. ކިޔެވުމުގެ ފުރަތަމަ ދުވަސްކޮޅު ކުރިމަތިލާން ޖެހުނީ ހިތްދަތި ބަސްތަކާއެވެ. މަލާމާތް ކުރަމުން ދިޔައީ އަހަރެން ކަޅުވީމައެވެ. ތުންފަތް ހުދުވެފައި ހުންނާތީ އެކަމާއެވެ. ނަމަވެސް އެމަލާމާތްތަކުގެ މައްޗަށް އަހަރެންގެ އަމިއްލަ ނަފުސު ވަރުގަދަ ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައީމެވެ. އާ ފެށުމަކުން އަހަރެންގެ ކިޔެވުމުގެ ހަޔާތް ފެށުމަށް ޓަކައި އެތައް ކަންތައްތަކެއް ރާވައިލީމެވެ.

އަމިއްލަ ރަށް ނޫން ކަމުން އަމިއްލަ ރަށުގައި އުޅޭފަދަ ގޮތަކަށް ނޫޅެވެއެވެ. އެ މިނިވަންކަމާ އެކު އަމިއްލަ ރަށުގައި އެކުރެވޭ އިހުސާސެއް ނުކުރެވެއެވެ.

''ތިއީ މިރަށު މީހެއް ނޫން. ރަށަށް ދޭ.'' ބައެއް މީހުންގެ ފަރާތުން މިފަދަ ބަސްތައް އިވެމުން ދިޔައީ އަހަރެންނާ މެދު ކުޑަނަމަވެސް ހަމްދަރުދީއެއް ނެތިއެވެ. ހިތް ހީވީ ކުދިކުދިވެގެން ދާ ހެންނެވެ. ހިތުގެ ހުރިހާ ނާރުތަކެއް ބުރިބުރި ކޮށްލާފަދަ އިހްސާސެއް އެއިން ކޮންމެ ފަހަރަކު ކުރެވެމުން ދިޔައެވެ. އުފާވެރި ދިރިއުޅެމެއް ލިބުނީ ކަމުގައި އުންމީދު ކުރެވުނު ކަމުގައި ވިޔަސް ކަންތައް ވީ އެހެންނެއް ނޫނެވެ. ކަންތައްތައް ވެގެން ދިޔައީ މުޅިން ވެސް އިދިކޮޅަށެވެ. އުންމީދު ކުރި ގޮތާ ހިލާފަށެވެ.

އަބަދުވެސް ހިތަށް އަރައެވެ. އަހަރެންނަށް މިހެން މިވަނީ ކީއްވެ ހެއްޔެވެ؟ މިހުރިހާ ކަމަކާ އަހަރެންނާ ކުރިމަތި ލާން މިޖެހެނީ ކީއްވެ ހެއްޔެވެ؟ މިއީ ވެސް ހަމަ އިމްތިހާނު ހެއްޔެވެ؟ ވަރަށް ވެސް ކެތްކުރެވިއްޖެއެވެ. ވަރަށް ވެސް ހިތްވަރު ކޮށްފީމެވެ. އަދި ވެސް ކުރާނަމެވެ. ކޮންމެ ކަމެއް އަހަރެންގެ ދިރިއުޅުމުގައި ވީ ނަމަވެސް އެކަމަކާ ހިތްވަރާ އެކު ކުރިމަތިލާނަމެވެ. އަހަރެންނަށް ޓަކައި ގުރުބާންވީ އަހަރެންގެ މައިންބަފައިންނަށް ޓަކައެވެ. އަހަރެން ދުނިޔެއަށް އުފަންކުރުވައި ފަންސާސް އިންސައްތައިން އަހަރެންގެ ދިރިއުޅުން އުޖާލާކޮށްދެއްވި އަހަރެންގެ މަންމައަށް ޓަކައެވެ.

މިއަދު އަހަރެންނަށް ވިސްނެއެވެ. ކިތަންމެ ކުޑަ އިންސައްތައެއް އެކަމެއްގައި އޮތް ނަމަވެސް ހިތްވަރު އެލުވާނުލާށެވެ. ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށެވެ. މާތްﷲ ގެ ކުޅަދުންވަންތަ ކަމާ އެކު ކޮންމެ ކަމެއްވެސް ވާނީ އެންމެ ފުރިހަމައަށެވެ. މާތްﷲ އެއްވެސް އިންސާނަކަށް ނުއުފުއްލޭވަރުގެ ބުރައެއް ނުޖައްސަވާނެއެވެ. ހުދު އަހަރެން ވެސް އަހަރެންގެ ދިރިއުޅުމުގައި ކުރިމަތިވި ތަދުތަކަށާއި ހަށިގަނޑުގައި އެޅި ވޭންތަކަށް ފުރިހަމައަށް ކެތްކުރީމެވެ. ކޮންމެ ކަމެއްވިޔަސް އަލުން އާ ފެށުމަކުން ފަށަން އަޒުމު ކަނޑައެޅީމެވެ. ފަންސާސް އިންސައްތައިން އަހަރެން ސަލާމަތް ވިޔަސް މިއަދު އަހަރެންނަކީ ސަތޭކަ އިންސައްތައިގެ މީހެކެވެ. ހުރިހާ ކަމެއްގައިވެސް ކާމިޔާބު މީހެކެވެ.

މި ހިތްދަތި ވޭނީ ދުވަސްތަކަކީ ދުވަހަކުވެސް އަހަރެން ހަނދާން ކުރަން ބޭނުންވާ ދުވަސްތަކެއް ނޫނެވެ. ދުވަހަކު ވެސް އަހަރެންގެ ހިޔާލަށް ވެސް ގެންނަން ބޭނުންވާ ދުވަސްތަކެއް ނޫނެވެ. ނަމަވެސް މާޒީގެ އެ ދުވަސްތައް އިއްޔެ ވީ ކަމެއްހެން އަހަރެންގެ ހަނދާނުގައި، އެކި ވަގުތުތަކުގައި ހަނދާން ވަމުން ދަނީ ދުވަހަކު ވެސް އެކަންތައްތައް ހަނދާން ނައްތައި ނުލާށޭ ބުނާފަދައިންނެވެ. އެދުވަސްތައް ހަނދާން ނައްތާނުލައި އަމިއްލަ ދިރިއުޅުމައިގެން ކުރިއަށް ދާށޭ ބުނާ ބީދައިންނެވެ. ފަންސާސް އިންސައްތައިގައި ކަމެއް އޮތަސް އެކަމެއްގައި ކުރިއަށް ދާށޭ ބުނެ އިބްރަތެއް ހާސިލްކުރާށޭ ބުނާ ފަދައިންނެވެ. ނަމަވެސް އެދުވަސްތަކަކީ ހަނދާން ކުރަން ކިތަންމެ ބޭނުން ނުވާ ދުވަސްތަކަކަށް ވިނަމަވެސް އަހަރެންގެ ސިކުނޑިން އެދުވަސްތައް ހަނދާނުން ފިލައިގެން ދާނެހެން ހީވޭ ހެއްޔެވެ؟ އެދުވަހު އަހަރެންގެ ހަށިގަނޑުގައި އެޅި ވޭނާއި ތަދު މިއަދު ވެސް، އެދުވަސްތައް މަތިން ހަނދާންވުމުން ވާއިރު، އެހައި ފަސޭހައިން އެދުވަސްތައް ފަޒާގެ ތެރެއަށް ފަވާލެވިދާނެ ހެއްޔެވެ؟ އެވޭންތައް ވައިގެ ތެރެއަށް ދޫކޮށްލެވިދާނެ ހެއްޔެވެ؟

ނޯޓް: މިއީ މި ރަމަޟާން މަހަށް "ދެން"އިން ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތަށް ހުށަހެޅި ވާހަކައެކެވެ. މިވާހަކަ ލިޔެފައި ވަނީ މަރިޔަމް ނަފްހާއެވެ. ވާހަކަ ހުށަހެޅުމަށް، [email protected] އަށް މެއިލް ކުރައްވާށެވެ.

  1. ތަކުރު

    މާޝާﷲ، ހިތްވަރު ކުރާ ހިތްވަރުގަދަ ދަރިއެއް،

  2. ކަމަނަ

    މާޝާﷲ ވަރަށް ރީތި ވާހަކައެއް

    • ހުވާއީ

      ޙިތްވަރާއެކު ކުރިއަށްދޭ . ނަފްހާ މަރްޔަމް

  3. ފުރަދަން

    މާޝާﷲ، ހިތްވަރު ކުރާ ހިތްވަރުގަދަ ދަރިއެއް،

  4. ޟަރީ

    ޥަރަށް ރީތި