މޮސްޓާ ރައީސް ނަޝީދަށް: ޑިމޮކްރަސީގެ ބައްޕަ ހެދިގެން ރައްޔިތުންގެ ނިންމުން ގަޑުބަޑު ކުރަން ނޫޅޭ!

ޑިމޮކްރަސީގެ ބައްޕަ ހެދިގެން ރައްޔިތުންގެ ނިންމުން ގަޑުބަޑު ކުރަން ނޫޅުއްވުމަށް ވިދާޅުވެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) ރައީސް ނަޝީދަށް ފާޑު ވިދާޅުވެއްޖެއެވެ.
މޮސްޓާ ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
" ބޮޑުވަޒީރު ހުވަފެން ބަލަން ، މުޙައްމަދު ނަޝީދު އިނގެރޭސިވިލާތަށް ދާންވީނު ، ކަމެއް ޖެހޭއިރަށް ފިލަން ދަނީ އަބަދުވެސް އެތަނަށް ، ތި ބޭނުންވާ ބަރުލަމާނީ ނިޒާމު ފެންނާނެ އޭރުން" މޮސްޓާ ވިދާޅުވެފައި ވެއެވެ.
މޮސްޓާ މިހެން ވިދާޅުވެފައި މިވަނީ ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބޮޑު ވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ރައީސް ނަޝީދު ، ރައީސް ޞާލިޙްގެ އަރިހުން އެދިވަޑައިގެންފައި ވަނިކޮށެވެ.
ރައީސް ޞާލިޙަށް އިއްޔެ ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ އެއްފަރާތްވެވަޑައިގެން ނުހުންނަވައި، ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާ ކަމަށެވެ. އަދި އެކަމުގައި ރައީސް ޞާލިޙާ މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ފޮނުއްވި މެސެޖުގައި އެދިވަޑައިގެންފައި ވަނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމް ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށެވެ. އަދި ރިޔާސީ އިންތިހާބު 2023 ގައި ނުބޭއްވުމަށް ވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން 2024 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާ އިރު ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށް ވެސް އެމަނިކުފާނު ހުށަހަޅުއްވައިފައި ވެއެވެ.