ލުއި ޚަބަރު

15 އަހަރު ވަންދެން ވަޒީފާއަށް ނުނިކުމެ މުސާރަ ނެގި މީހެއް!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
15 އަހަރު މުސާރަ ނެގިއިރު، މިކަން އެއްވެސް މީހަކަށް ނޭނގެ

15 އަހަރު ވަންދެން ވަޒީފާއަށް ނުނިކުމެ، ވަޒީފާގެ އިނާޔަތްތަކާއި މުސާރަ ނެގި މީހެއްގެ މައްސަލަ އިޓަލީގެ ފުލުހުން ބަލަން ފަށައިފިއެވެ.

Ads by MWSC

އިޓަލީގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މިމީހާ އިޓަލީގެ ކަޓަންޒަރޯގައި ހުންނަ ހޮސްޕިޓަލެއްގެ ވަޒީފާއަށް ނިކުންނަން ފަށައިފައި ވަނީ 2005 ވަނަ އަހަރު އެވެ. އަދި ވަޒީފާއަށް ނިކުންނަން ފެށިތާ ދެ ތިން ދުވަސް ފަހުން އޭނާ ވަނީ ވަޒީފާއަށް ނިކުތުން ހުއްޓާލާފައެވެ. ނަމަވެސް 15 އަހަރު ވަންދެން އެމީހާގެ އެކައުންޓަށް މުސާރަ ޖަމާވެފައި ވެއެވެ.

އިޓަލީގެ ފުލުހުން މިހާރު ދަނީ މި މައްސަލަ ތަޙްޤީޤް ކުރަމުންނެވެ. މިހާތަނަށް ބެލި ބެލުމުން، މިމީހާ ވަޒީފާއަށް ނިކުމެފައި ވަނީ ރިސެޕްޝަނިސްޓެއްގެ މަޤާމަށް ކަމަށާއި ވަޒީފާއަށް ނިކުތް 3 ވަނަ ދުވަހު، އޭރު އެޗްއާރު މެނޭޖަރަކަށް ހުރި މީހާއަށް ބިރު ދެއްކުމަށް ފަހު ވަޒީފާއަށް ނިކުތުން ހުއްޓާލި ކަމަށް ވެއެވެ. އަދި ފުރަތަމަ މަހު ފުލް މުސާރަ ނެގި ކަމަށާއި އެއަށް ފަހު އެޗްއާރ މެނޭޖަރު އަމިއްލައަށް ވަޒީފާއިން  އިސްތިއުފާދިން ކަމަށް ވެސް ފުލުހުންގެ ތަޙްޤީޤުން ހާމަވެފައެވެ. އޭނާއަށް ފަހު ދެން ހޮސްޕިޓަލުގެ އެޗްއާރ މެނޭޖަރަކަށް އައި މީހާއަށް، މި މީހާ ވަޒީފާއަށް ނުނިކުންނަކަން ފާހަގަ ނުވީ ކަމަށާއި 15 އަހަރު ވަންދެން މުސާރަ ދެވިފައި ވަނީ މިހެންވެގެން ކަމަށް ފުލުހުން ބުނެފައެވެ.

މީހާގެ މައްޗަށް ފްރައުޑް، އަދި ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ކުށުގެ ދަޢުވާ ފުލުހުން ވަނީ އުފުލާފައެވެ. މިދިޔަ 5 އަހަރުގެ ތެރޭގައި މުސާރައިގެ ގޮތުގައި މިމީހާ ވަނީ 538,000 ޑޮލަރު ނަގައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!