ޣައްޒާ: ވީރާނާ ކޮށްފައިވާ ބިމެއްގައި ދަތި ހާލުގައި ވެސް އުފަލާއެކު މާތް ﷲ އަށް އަޅުކަން ކުރުމުގައި

މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް މިވަނީ އަޅުގަނޑުމެންނާ ބައްދަލު ކޮށްފައެވެ. އަޅުގަނޑުމެންނެކޭ އެއްފަދައިން މި ބަރަކާތްތެރި މައްސަރުގެ ސަވާބާއި ދަރުމަ ލިބިގަތުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުގެ މުސްލިމުން މަސައްކަތް ކުރަމުން ދެއެވެ.
އެގޮތުން އަޅުގަނޑުމެންގެ ލޮބުވެތި މުސްލިމު އަޚުންނާ އުޚްތުން ހިމެނޭ ފަލަސްތީނުގެ ޣައްޒާ ގައި މި ބަރަކާތްތެރި ރަމަޟާން މަސް ހޭދަވަމުންދާ ގޮތް ހޯދައިލުމަށް ޓަކައި ކުޑަ ދިރާސާއެއް ކޮށްލެވޭތޯ މަސައްކަތް ކުރީމެވެ.
ފެންނަމުން ދިޔައީ ހިތަށް އުފާވެރިކަން ގެނުވި މަންޒަރުތަކަކާއި އަދި ހަމަ އެހެންމެ، ހިތްދަތިކަން ވެސް ގެނުވި މަންޒަރުތަކެކެވެ.
މާތް ﷲ ގެ އިރާދަފުޅާއެކު، އަހަރެމެން ރޯދަ ވީއްލާށާއި ހާރުކާން މި ތިބެނީ ހާދަހާ އަރާމެއްގައެވެ. ރީތިކޮށް ރާނާފައިވާ ހަތަރު ފާރު އެތެރޭގައި، އާއިލާއާއެކު އެއް ސުފުރާއެއް ގައެވެ. އަލިކަމާ ފިނިކަމާ ވެސް އެކުގައެވެ.
ނަމަވެސް ޣައްޒާއިން ފެންނަނީ، އެތަނުގައި ދިރިއުޅޭ މުސްލިމުންގެ ވަށައިގެން ހުރި ފާރުތައް ވެއްޓި ވެފައިވާ މަންޒަރެވެ. އިމާރާތްތައް އެ ވަނީ އިޒްރޭލުގެ ރަހުމު ކުޑަ ސިފައިންގެ އަނިޔާވެރިކަމުގެ ސަބަބުން، ވީރާނާވެފައެވެ. އެތަނުގައި ކަރަންޓެއް ވެސް ނެތެވެ. ހާރުކާން ވެސް އެމީހުން އެ ތިބެނީ އުއްބައްތީގެ އަލިކަމުގައެވެ.

ނަމަވެސް މިފަދަ ހިތްދަތި ކަމުގެ ތެރެއިން، އުފާވެރި ކަމެއް ވެސް ފެނެއެވެ. ވީރާނާވެފައިވާ ބިމެއްގައި، ދިގު މޭޒެއް ކައިރީގައި އެބައިމީހުން ރޯދަ ވީއްލަން ތައްޔާރުކުރި ކާބޯތަކެތި އެ ވަނީ އަތުރައިލައިފައެވެ. އާއިލާތައް މޭޒުކައިރީ ޖަމާވެފައި އެވަނީ މި ބަރަކާތްތެރި މައްސަރުގައި، ހިތްދަތިކަމާއެކު ވެސް އާއިލާއާއެކު މި ވަގުތުކޮޅު ހޭދަ ކޮށްލުމަށެވެ. އެބައިމީހުންގެ މޫނުމަތިން ހިނިތުންވުމާއި އުޖާލާކަން ފާޅުވާން އެބަ ހުއްޓެވެ. އެބައިމީހުންނަކީ ކެތްތެރިކަމުގެ ލާމަސީލު ނަމޫނާއެއް ނޫން ހެއްޔެވެ؟
ފަލަސްތީނަށާއި ޣައްޒާއަށް އިޒްރޭލުގެ ނުބައި ޔަހޫދީން ދެމުން ގެންދާ އުދުވާނީ ހަމަލާތަކަކީ އެއްވެސް އަސާސެއް ، އިންސާފެއް ނެތި ދެމުންދާ ހަމަލާ ތަކެކެވެ. ފަލަސްތީނުގެ ބައެއް މިހާރު ވެސް އިޒްރޭލުން ޚިޞާރު ކޮށްފައިވާ އިރު ކުށެއް ނެތް އެތަކެއް މުސްލިމުންނެއް ދަނީ ގަތުލު ވެސް ކުރަމުންނެވެ. މި ރަމަޟާން މަހު ބަންގީގެ އަޑު އިވުނަ ނުދޭން އިޒްރޭލު ސިފައިން ވަނީ ފަލަސްތީނުގެ ބައެއް މިސްކިތްތަކުގެ އަޑު ވެސް ކަނޑައިލައިފައެވެ. އެންމެ ހިތްދަތިވާ އަނެއް ކަމަކީ، އަޅުގަނޑުމެންގެ މުސްލިމު އަޚުންނާ އުޚްތުންނަށް މިފަދަ ދަތި ހާލެއް ޖައްސާފައިވާއިރު ވެސް ބާރުގަދަ، ނުފޫޒު ގަދަ ޤައުމުތަކުން މިކަމާ އަޅައި ނުލުމެވެ. އެހީތެރިކަމުގެ ނުވަތަ މަދަދުގެ އަތެއް ވެސް ދިއްކޮށް ނުލުމެވެ. މުސްލިމް އަޚުންނާއި އުޚުތުންނަށް ލިބެމުންދާ ހިތްދަތިކަމުގެ މައްޗަށް ، ސިޔާސީ މަންފާ އިސްކޮށް އެބައިމީހުންގެ ލޯތައް ކަނުވެ، ކަންފަތްތައް ބީރުވެފައި ވުމެވެ.
މާތް ﷲ ފަލަސްތީނުގެ މުސްލިމުންނާއި ދުނިޔޭގައި އަނިޔާ ލިބެމުންދާ އެހެން ޤައުމުތަކުގެ މުސްލިމުންނަށް ވެސް ކެތްތެރިކަން ދެއްވައި އިސްލާމީ އުއްމަތް ވަރުގަދަ ކުރައްވާށިއެވެ. އާމީން!
އާމީން����