ކޮވިޑް-19: އެއް ދުވަހުގެ ތެރޭގައި އިންޑިއާއިން ރެކޯޑު ޢަދަދަކަށް މީހުން ފައްސި ވެއްޖެ
![](https://dhen.mv/wp-content/uploads/2021/04/0CA8C79D-74FA-45AE-A30E-E8F3E7E15482-850x548.jpeg)
އެއް ދުވަހުގެ ތެރޭގައި އިންޑިޔާގައި ރެކޯޑް އަދަދަކަށް މީހުން ކޯވިޑް-19 އަށް ފައްސިވެއްޖެއެވެ.
އިންޑިއާގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ އެގައުމުން 314،835 މީހުންނަށް ކޯވިޑް-19 ޖެހިފައިވެއެވެ. އެއީ އެއް ދުވަހުގެ އެއް ޤައުމެއްގައި ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހުނު ޢަދަދެވެ.
އިންޑިޔާގެ ޙާލަތު ގޯސްވީ ފިޔަވަޅުތައް އެޅުމުގައި ބޮޑެތި ދޫތަކެއް ދިނުމުންކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. ލުއި ދީ ބޮޑެތި އެއްވުންތައް ބޭއްވުމަށް ހުއްދަ ދިނުމާ އެކު ފާއިތުވި ހަފުތާތަކުގެ ތެރޭގައި ސިޔާސީ އަދި ދީނީ ގިނަ އެއްވުންތަކެއް އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ބާއްވާފައިވެއެވެ.
ދުނިގެ ނިސްބަތުން ބަލާއިރު އިންޑިއާ އަކީ ދެވަނައަށް އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައިވާ ގައުމެވެ. އެގޮތުން ޖުމްލަ 16,263,695 މީހުން ބައްޔަށް ފައްސިވި އިރު 186,928 މީހުން ބަލީގައި މަރުވެފައި ވެއެވެ. އަދި ބަލި ޖެހި، ހާލު ދެރަ 8,944 މީހުންނަށް ދަނީ ފަރުވާދެމުންނެވެ.
އިންޑިޔާގައި ބަލި ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވުމުން އެ ޤައުމުގެ ޞިއްޙީ ނިޒާމަށް ވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފައެވެ. ބަލިމީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ އޮކްސިޖަނާއި ބޭސްފަދަ ތަކެތި ލިބުމުގައި ބައެއް ސްޓޭޓުތަކުގައި ދަތިތަކަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ.