ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒާއެކު 65 އިންސައްތަ ރައްކާތެރިކަން
ކޮވިޑް-19އިން ރައްކާތެރިވުމަށް ބޭނުން ކުރަމުން އަންނަ ވެކްސިންތަކުގެ ތެރެއިން އޮކްފޯޑުން އަދި މޮޑާނާއިން ތައްޔާރުކޮށްފައިވާ ވެކްސިނުގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު 65 އިންސައްތަ ރައްކާތެރިކަން ލިބޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
އޮކްފާޑް ޔުނިވަރސިޓީއާއި އިނގިރޭސިވިލާތުގެ ނޭޝަނަލް ސްޓެޓިސްޓިކްއިން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ ވެކްސިނުގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު 21 ދުވަސް ފަހުން ކޮވިޑް-19 ވައިރަހުން 65 އިންސައްތައިގެ ރައްކާތެރި ކަމަށް ލިބިގެންދާ ކަމަށެވެ.މިކަން ތަހްލީލް ކޮށްފައި ވަނީ، ޑިސެންބަރާއި އޭޕްރީލްއާ ދެމެދު ހެދި ކޮވިޑް-19 ޓެސްޓްތައް ތަހްލީލް ކުރުމަށް ފަހުގައި ކަމަށާއި މި ތަހްލީލްތަކުގައި 350,000 މީހުން ބައިވެރި ކުރި ކަމަށް ވެސް އެފަރާތުން ނެރުނު ރިޕޯޓްގައި ބުނެފައިވެއެވެ.
އަދި ދެވަނަ ޑޯޒް ޖެހުމަށްފަހު ވެކްސިނުން ލިބެނީ ކިހާ ވަރެއްގެ ރައްކާތެރި ކަމެއްކަން އަދި ބުނަން ކަށަވަރު ނުވާ ކަމަށް ވެސް އޮކްފޯޑުން ބުނެއެވެ، ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ އޮކްފޯޑް ވެކްސިން މާކެޓަށް ނެރެފައި ވަނީ ފަހުން ކަމަށާއި އަދި ވެކްސިންގެ ދެ ޑޯޒްގެ ދެމެދުގައި ބޮޑު މުއްދަތެއް ހޭދަ ކުރަން ޖެހޭތީ ކަމަށެވެ.
ފައިޒާއިން މީގެ ކުރިން ވަނީ އެ އެފަރާތުން އުފެއްދި ވެކްސިންގެ ދެ ޑޯޒް ހަމަ ކުރުމުން ބަލިން 90 އިންސައްތަ ރައްކާތެރިކަން ލިބޭނެ ކަން އަންގައިދޭ ރިޕޯޓެއް ޝާއިޢުކޮށްފައެވެ.
އޮކްފޯޑުން އިތުރަށް ބުނެފައި ވަނީ ކޮވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިނުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމަށް ވައިރަހާ ހަނގުރާމަ ކުރަން ދަސްވާ ކަމަށާއި އަދި ބަލި ޖެހުނަސް ބޮޑުވަރުވުމުން ދުރުކޮށްދޭ ކަމަށެވެ.