އެމެރިކާއިން ބޭނުންނުކޮށް ހުރި ވެކްސިންތައް ބަހަން ނިންމައިފި

އެމެރިކާގައި ހުރި އެސްޓްރާޒެނިކާގެ ވެކްސިނުގެ 60 މިލިޔަން ޑޯޒް ބޭނުން ޖެހިފައިވާ ޤައުމުތަކަށް ބަހަން އެޤައުމުން ނިންމައިފިއެވެ.
އެމެރިކާގެ ވައިޓްހައުސް އިން ވިދާޅުވީ މި ވެކްސިނަކީ ރައްކާތެރި ވެކްސިނެއް ކަމަށް އެމެރިކާގެ ސިއްޙީ އިދާރާތަކުން ނިންމިހާ އަވަހަކަށް މިހާރު އެމެރިކާގައި ހުރި 60 މިލިޔަން ޑޯޒް އޮކްފޯޑް އަދި އެސްޓްރާޒެނިކާއާ ގުޅިގެން އުފެއްދި ވެކްސިން ބެހުމަށް ނިންމާފައިވާ ކަމަށެވެ. އެމެރިކާގައި އޮކްފޯޑް ވެކްސިން ޖެހުމުގެ ހުއްދަ ދީފައެއް ނުވެއެވެ. އެޤައުމުގައި މިހާރު ޖަހަމުން ގެންދަނީ ފައިޒާއިން ތައްޔާރު ކުރި ވެކްސިނާއި މޮޑާނާއިން ތައްުޔާރު ކުރި ވެކްސިނުގެ އިތުރުން ޖޯންސަންސްއިން ތައްޔާރު ކުރި ވެކްސިނެވެ.
އެމެރިކާގައި ބޭނުން ނުކުރާ އެތައް މިލިޔަން ވެކްސިނެއް ހުރުމާއެކު ގިނަ ބައެއްގެ ފާޑު ކިޔުން އެޤައުމަށް ވަނީ އަމާޒުވެފައެވެ. މިގޮތުން އެކި ޤައުމުތަކުން ވެކްސިނަށް ބޭނުންވެފައިވާ މިދަނޑިވަޅުގައި ބޭނުންނުކޮށް ވެކްސިން ބަހައްޓާތީ އެމެރިކާގެ އިދިކޮޅު ފަރާތްތަކުން ވެސް އެޤައުމުގެ ސަރުކާރަށް ދަނީ ޕްރެޝަރު ކުރަމުންނެވެ. މިކަމާ ގުޅިގެން އެމެރިކާއިން ވަނީ މެކްސިކޯއަށާއި ކެނެޑާއަށް ވެކްސިން ފޯރުކޮށްދޭން ނިންމާފައެވެ. އަދި އިންޑިއާއަށް ވެސް ވެކްސިން ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް އެޤައުމުގެ މީޑިއާތަކުން ހާމަކުރެއެވެ.
އިންޑިއާއަކީ ދުނިޔޭގެ އެންމެ ގިނައިން ވެކްސިން އުފައްދާ އެއް ޤައުމެވެ. ނަމަވެސް ވެކްސިން ހަދަން ބޭނުންވާ ރޯ މެޓީލިރަލްސް ބޭރު ކުރަން އެމެރިކާއިން މަނާކުރުމާ އެކު، އިންޑިއާގެ ވެކްސިން އުފައްދާ ރޭޓް ވަނީ ވަރަށް ބޮޑުތަން ދަށްވެފައެވެ. އިންޑިއާގައި ކޮންޓްރޯލެއް ނެތި ކޮވިޑް ފެތުރުމާ ގުޅިގެން، އެޤައުމުގެ ބޮޑު ވަޒީރު މޯދީ އެމެރިކާގެ ސަރުކާރުގެ އެހީއަށް އެދުމުން، ވެކްސިން ހެދުމަށް ބޭނުންވާ ތަކެތި އެމެރިކާއިން ވަނީ އިއްޔެ ފޯރުކޮށްދެން ފަށައިފައެވެ.