ދެމީހުންގެ ވެސް ފުރަތަމަ ލޯބިވެރިޔާ، އެކީގައި އުޅޭތާ 14 އަހަރު: ފިލްމީތަރި ޝާރިފް ވެސް ކައިވެނި ކޮށްފި

އެކުވެރި މަޖާ މިޒާޖެއްގެ ވެރިއެކެވެ. އެކުގައި މަސައްކަތް ކުރާ މާހައުލުގައި، އޭނާގެ ވަށައިގެން ވާހާ ބަޔަކު ހެއްވާލުމަކީ، ނުވަތަ އުފަލުގައި ބެހެއްޓުމަކީ ވެސް އޭނައަށް ވަރަށް މުހިންމު ކަމެކެވެ. މި ދައްކަނީ ކާމިޔާބު ވެބްސީރީޒް "އެހެނަސް" އިން ދިވެހި ފިލްމީ ދާއިރާއަށް "ޝިނާޒް" ގެ ރޯލުން ތަޢާރަފްވި އަހުމަދު ޝާރިފް ގެ ވާހަކައެވެ. އެ ސީރީޒްގައި އޭނާ ކުޅެދީފައިވާ ރޯލުގެ ފުރިހަމަ ކަމުން ގިނަ ބަޔަކަށް "ޝިނާޒް" ގެ ކެރެކްޓާ ވަރަށް ރަނގަޅަށް ތަސްވީރުވެ، "އެހެނަސް" އަށް އިތުރު ފުރިހަމަކަމެއް ލިބިގެންދިޔައެވެ.
ކޮންމެއަކަސް ޝާރިފް ގެ ތަޢާރަފްގައި "އެހެނަސް"ގެ ވާހަކަ ހިމަނައިލިޔަސް، މިއަދު މިއުޅެނީ ހަގީގަތުގައި އެ ވާހަކައަށް އެކަނި ފޯކަސް ކޮށްލާކަށް ނޫނެވެ. މިއަދަކީ ޝާރިފްގެ ޙަޔާތަށް ވަރަށް މުހިންމު ދުވަހަކަށްވާތީ، މި ދުވަހުގެ އުފާވެރި ޚަބަރު ތިޔަ އެންމެހާ ކިޔުންތެރިންނާ ހިއްސާ ކޮށްލާށެވެ.
މިއަދަކީ ޝާރިފް އަލަތު ކައިވެނި ކުރި ދުވަހެވެ. ކައިވެންޏާ ބެހޭގޮތުންނާއި އޭނާގެ ލޯބިވާ އަނބިމީހާ ޝަޒްރާ ސަލީމްއާ ބެހޭގޮތުން "ދެން" އަށް ދިން ޚާއްސަ ބަސްދީގަތުމެއްގައި ޝާރިފް ބުނީ، އޭނާ ކައިވެނި ކޮށްފައި މިވަނީ ޝަޒްރާއާ އެކު ލޯބިން، އެކުގައި 14 އަހަރު އުޅުމަށް ފަހު ކަމަށެވެ.

"ދެ މީހުންގެ ވެސް ފުރަތަމަ ލޯބިވެރިޔާ އަހަރުމެންނަކީ. ލޯބީގެ ގޮތުން ގުޅުނީ 2007 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 26 ވަނަ ދުވަހު. ކައިވެނި ކުރަން ބޭނުންވީ ވެސް އަސްލުގައި މިމަހުގެ 26 ގައި، އެއީ އެނިވާސަރީ ވީމަ. އެކަމަކު ކުޑަ ޑިލޭއަކާ ހެދި މިއަދަށް ފަސް ކޮށްލަން ޖެހުނީ" ޝާރިފް ބުންޏެވެ.
ޝާރިފްގެ އަންހެނުން ޝަޒްރާއަކީ މިހާރު ކްރިމިނަލް ލޯއިން ޚާއްސަ ވެފައިވާ ޤާނޫނީ ވަކީލެކެވެ. ކައިވެނި ކުރީ ޝަރީޢާ އެންޑް ލޯ ގެ މާސްޓާސް ފުރިހަމަކޮށް، ޢާއިލާއާއި ޤައުމު ފަޚުރުވެރި ވާނެ ފަދަ ވަކީލަކަށް ވުމަށް ފަހުގައެވެ. ޝަޒްރާގެ ކިޔެވުމުގެ ދުވަސްވަރުގައި ޝާރިފްގެ ހިތްވަރާ އެހީތެރިކަން އޭނާއަށް އިންތިހާއަށް ލިބުނެވެ.
ޝާރިފް އަކީ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ތަރިއެކެވެ. އެކްޓު ކުރުމުގެ އިތުރުން އޭނާއަކީ ފިލްމުތަކާ ސީރީޒްތަކުގެ ސައުންޑް ރިކޯޑިންގެ މަސައްކަތް ވެސް ކުރާ ނުހަނު ބުރަކޮށް އުޅޭ ހީވާގި ފަންނާނެކެވެ.

ދެ މީހުންގެ ވެސް މަސައްކަތުގެ ދާއިރާ އެހާމެ ތަފާތެވެ. އެހެން ނަމަވެސް ދެ މީހުން ވެސް އެކަކު އަނެކަކުގެ މަސައްކަތަށް ދޭ ހިތްވަރު އެހާމެ ބޮޑެވެ.
"އަނބިމީހާގެ ފަރާތުން ފެންނަ އެންމެ ޚާއްސަ ކަމަކީ އަހަންނަށް އިތުބާރު ކުރުމާއި ހިތްވަރު ދިނުން. މި ދާއިރާގައި ކުރިއަށް އަސްލު މި ދެވެނީ ވެސް އޭނަގެ އިތުބާރާ ދޭ ހިތްވަރުގެ ބޮޑުކަމުން. " ޝާރިފް ބުންޏެވެ.
އެކުގައި މިހާ ގިނަ ދުވަސް ހޭދަކޮށްފައިވާއިރު، ޝާރިފްއަށް ޝަޒްރާ އާއެކު ހޭދަ ކުރެވުނު ހުރިހާ ވަގުތުތަކެއް ވެސް ވަރަށް އުފާވެރިއެވެ. އަދި އެހާމެ ޚާއްސައެވެ.
"ހިއެއް ވެސް ނުވޭ 14 އަހަރު ވެއްޖެހެން. އަދިވެސް ހީވަނީ ހަމަ އިއްޔެ މެންދުރު ރައްޓެހިވީ ދެ މީހުންހެން. އެހާ ލޯބިން އަދިވެސް އުޅެނީ. އޭނައާއެކީ މިހާ ދުވަސް ހޭދަ ކުރެވުނުއިރު ވަކި މިވެނި ވަގުތެކޭ ޚާއްސައީ އެހެން ނެތް ބުނެވޭކަށް. ހަމަ ކޮންމެ ވަގުތެއް ވެސް އެހާ އުފާވެރި، އެހާ ޚާއްސަ. އަހަރުމެން ތެރޭގައި ރުޅި އައިސްގެން ބޮޑު މައްސަލައެއް ވެސް ނުޖެހޭ. ދެން އެކީގައި އުޅޭއިރު ކޮންމެ ދެ މީހެއްގެ ދޭތެރޭގައި ވެސް ކޮންމެވެސް ކަހަލަ ކުދިކުދި ދެބަސްވުންތައް ދާނެތާ ދޯ. އެއީ ހުންނަން ވެސް ޖެހޭ ކަމެއް. އަނެއްހެން މާ ބޮޑު މައްސަލަތަކެއް ނުޖެހޭ" އެ ދެ މީހުންގެ ލޯބީގެ ވަރުގަދަކަމާ ބެހޭގޮތުން ކިޔައި ދެމުން ޝާރިފް ބުންޏެވެ.

"އެހެނަސް" ގައި "ޝިނާޒް" އަކީ ހަރުހިތެއްގެ ވެރިއެއް ނަމަވެސް، ހަގީގީ ދިރިއުޅުމުގައި ޝާރިފް އަކީ ވަރަށް ވެސް "ރޮމޭންޓިކް" މީހެއްކަން އޭނާގެ ޒާތީ ދިރިއުޅުމާ ބެހޭގޮތުން އެނގުނު މި މަދު މައުލޫމާތުކޮޅުން ވެސް ހާމަވެއެވެ.
"ދެން" ގެ ފަރާތުން ޝާރިފްއާއި ޝަޒްރާއަށް ވަރަށް ވެސް އުފާވެރި، ބާއްޖަވެރި ކައިވެންޏަކަށް އެދެމެވެ.
މީ ކޮން ފިލްފެއް ކުޅޭ ކުއްޖެއް؟
ކެމިސްޓްރީ ދިމަލެއް ނުވޭ..!
ދޮގެއް ވާ ނޫން!!
ޙުސް ދޮގު.