ދިވެހި އުޚްތެއްގެ ދުލުން: ނިޤާބް އެޅުމުން ފާޑުކިޔުން ކުރިމަތިވި ކަމުގައި ވިޔަސް، ލިބޭ ހިތްހަމަޖެހުން މާ ބޮޑު!
ނިޤާބް އެޅުން ނުވަތަ އާންމުކޮށް ގިނަ މީހުންނަށް އެނގޭ ނަމުންނަމަ "މޫނު ބުރުގާ" އެޅުމަކީ އަޅުގަނޑުމެން ދިވެހީންގެ ތެރޭގައި، އެއް ޒަމާނެއްގައި ވަރަށް ބިރުވެރިކަމެއްގެ ގޮތުގައި ދުއް ކަމެކެވެ. މޫނު ބުރުގާ އަޅައިފައި ހުންނަ އަންހެނެއް ނަމަ އެއީ "ތަރިތަކަށް އަޅުކަން ކުރާ ބައެކޭ" ބުނެ އުޅުނު ޒަމާނެއް ވެސް ގޮސްފިއެވެ. އަލްޙަމްދުޅިﷲ މިހާރު މިއީ އެ ޒަމާނެއް ނޫނެވެ. މިހާރު ނިޤާބް އަޅާފައި ތިބޭ އަންހެނުންނާ ދިމާލަށް އެފަދަ ބަސްތަކެއް މީހުން ނުބުނެއެވެ. އަދި ނިޤާބް އަޅައިގެން އުޅޭ އުޚްތުން ވެސް އަޅުގަނޑުމެންގެ ތެރޭގައި ގިނަ ވެއްޖެއެވެ.
ނަމަވެސް، ނިޤާބް އަޅައިގެން އުޅޭ އުޚްތުންނަށް އަދިވެސް މި ރާއްޖޭގައި ވެސް ކުރިމަތިވާ އެހެން ކިތަންމެ ކަމެއް ހުރެއެވެ.
ނިޤާބް އަޅައިގެން އުޅޭ އަންހެނަކު (ނަން ހާމަ ނުކޮށް) "ދެން" އަށް ދިން ޚާއްސަ ބަސްދީގަތުމެއްގައި ބުނީ އޭނާއަށް ވެސް އެފަދަ ބައެއް ކަންކަމާ ކުރިލަތިލާން ޖެހުނު ކަމަށެވެ.
ނިޤާބް އެޅީ ކީއްވެ؟
ނިޤާބް ނުވަތަ މޫނު ބުުރުގާ އަޅާފައި ހުންނަ ފެނުމުން ބައެއް މީހުން ބުނާ އެއްޗެކެވެ. "ޔަގީން އެ ވާނީ ކޮންމެވެސް މީހަކު ވަސްވާސް ދީގެން ކުރުވި ކަމެއްކަމަށް"
އެހެންކަމުން މި އުޚްތާ ވެސް މޫނު ބުރުގާ އެޅީ މީހެއްގެ ނުވަތަ ބައެއްގެ ނުފޫޒުންތޯ، މޫނު ބުރުގާ އެޅީ ކީއްވެތޯ ސުވާލު ކޮށްލީމެވެ.
"ނިޤާބް އެޅީ މީހުންގެ ފިތުނައިން ސަލާމަތްވުމަށާއި މާތް ﷲ އެންގެވި މަގުން، އަދި އެކަލާނގެ ލޯބިފުޅު ވެވަޑައިގަންނަވާނެ ގޮތަށް އުޅުމަށް. ކުރިން މީހުންނަށް އަޅުގަނޑުގެ މޫނު ފެނުމުން ބުނޭ ހާދަ ރީއްޗޭ، ހާދަ ޒުވާނޭ، އުމުރުން 40 އަހަރު ވާން ކައިރިވެފަ ހުރިހެން ވެސް ހިއެއް ނުވެޔޭ. އެހެންވެ އަޅުގަނޑަށް އަމިއްލަައަށް ހަމަ ވިސްނުނީ އެންމެ ރަނގަޅު ގޮތަކީ މޫނު ނިވާކުރުން ކަމަށް. އެއީ މީހުންގެ އެފަދަ ފިތުނައިން ސަލާމަތްވުމަށް ޓަކައި. އަދި އަޅުގަނޑުގެ މޫނު ފެނިގެން އެމީހުންނަށް ބުނެވޭ އެއްޗަކުން އެމީހުންނަށް ވެސް ލިބިދާނެ ފާފައަކުން ސަލާމަތް ކޮށްދިނުމަށް ޓަކައި" ޖަވާބުގައި އެ އުޚްތާ ބުންޏެވެ.
މޫނު ފޮރުވުމުން ގާތް މީހުން ބުނީ ކީކޭ؟
ކުރިން ވެސް ބުނި ފަދައިން، ގިނަ އަންހެނުން މިހާރު މޫނު ބުރުގާ އަޅާފައިވީ ނަމަވެސް، މިކަމަކީ އަދިވެސް އެތައް ބައެއްގެ ކިބައިން ފާޑުކިޔުމާ އެކި ކަހަލަ ފުރައްސާރަ ވެސް ކުރިމަތިވެފައިވާ ކަމެކެވެ. އެފަދަ ބައެއް ފާޑުކިޔުންތަކާ މި އުޚްތާއަށް ވެސް ކުރިމަތިވިއެވެ.
"އަޅުގަނޑުގެ އާއިލާގައި ވެސް އަޅުގަނޑު ފުރަތަމަ މޫނު ބުރުގާ އެޅީ. މޫނު ބުރުގާ އަޅަން އުޅުނީމަ ވެސް ބައެއް މީހުން ބުނި ކީއްކުރަން އަޅާ އެއްޗެއްހޭ، މިހާރު ވެސް ނިވާ ވެގެން ނޫންހޭ ތިހުރީ، ހަމަ ދޫ ހެދުން ނޫންހޭ ލަނީ. ވަރަށް ހޫނު ވާނެއޭ. މޫނު ބުރުގާ އެޅި ފަހުން ބައެއް ރައްޓެހިން ވެސް ބުނި މިއީ ކާކު މި ކުއްޖާއަށް ދިން ލަނޑެއްހޭ. ކާކުގެ ބާރުން ކުރި ކަމެއްހޭ. މިކަހަލަ ބަސްތައް އިވުމުން ވަރަށް ދެރަވެސް ވި. އެކަމަކު އަޅުގަނޑު ނިޤާބް އެޅީ އެއްވެސް މީހެއްގެ ބާރަކުން ނުވަތަ ނުފޫޒަކުން ނޫން. އަދި އަޅުގަނޑު ދެރައެއް ވެސް ނުވޭ މޫނު ބުރުގާ އެޅިގެންނެއް. ފަޚުރުވެރި ވަނީ" އެ އުޚްތާ ބުންޏެވެ.
މީގެ އިތުރުން އޭނާ ބުނީ އޭނާއަކީ އަބަދުވެސް ވަރަށް ހޫނުވެ، ވަރަށް ދާ ވެސް ހިއްލާ މީހެއް ކަމަށާއި، އެހެންކަމުން މޫނު ބުރުގާ އެޅުމުގެ ކުރިން އެގޮތަށް ވަރަށް ހޫނު ވެދާނޭ، އަދި ބޮލުގައި ފޮތިގަނޑެއް އައްސާފައި ހުރުމުން ބޮލަށް ވެސް ތަދު ވެދާނޭ ހީވި ކަމަށެވެ. ނަމަވެސް މާތް ﷲ ގެ އިރާދަފުޅުން އެކަހަލަ އެއްވެސް ކަމެއް ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.
މޫނުބުރުގާ އެޅިފަހުން ވަޒީފާ ހޯދަން ދަތިވިތަ؟
މޫނު ބުރުގާ އަޅައިފިނަމަ، ވަޒީފާއެއް ހޯދުމުގެ ދަތިކަން ކުރިން ވެސް އަދި މިހާރު ވެސް ބައެއް މީހުންނަށް ދަނީ ފޯރަމުންނެވެ.
"އަޅުގަނޑަށް ވެސް ވަރަށް ގިނަ ބައެއްގެ ފަރާތުން އިވުނު ވަޒީފާ ހޯދަން ދަތިވާ ވާހަަކައާއި، ވަޒީފާގައި އުޅެނިކޮށް ވަކިކުރި ވާހަކަ ވެސް. ނަމަވެސް ﷲ އިރާދަފުޅުން އަޅުގަނޑަށް ސަރުކާރު ވަޒީފާއެއް ވެސް ލިބުނު. އެހެން ނަމަވެސް މިހާރު އަޅުގަނޑު މިހުރީ އަނެއްކާ ވެސް ޒަވާޖީ ޙަޔާތެއް ފަށައިގެން، އެ ވަޒީފާއިން އިސްތިއުފާ ދީގެން" އޭނާ ބުންޏެވެ.
މޫނު ބުރުގާ އެޅުމަށްފަ ހު، އެހާރާ މިހާރު ކުރެވުނު ތަފާތު އިޙުސާސްތައް
"ހަގީގަތަށް ބުނަންޏާ ވަރަށް ބޮޑު ތަފާތެއް އިޙުސާސް ކުރެވޭ. ކުރިން ވެސް ބުރުގާ އަޅާފަ ދޫކޮށް ހެދުން އެޅިޔަސް، މިހާރު މޫނު ވެސް ނިވާ ކުރުމުން އިޙުސާސް ކުރެވެނީ އަޅުގަނޑު މިނިވަން ވެއްޖެކަމަށް. މީހުންގެ ލޯތަކުން ސަލާމަތް ވެވިއްޖެކަމަށް. އެހެންވެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބޭ. މާތް ﷲ ގެ އިރާދަފުޅާއެކު އަޅުގަނޑު ޙައްޖަށް ވެސް ދިޔައިން. އިޙުރާމުގައި ޙައްޖުގެ ދަތުރުގައި ހޭދަ ކުރިއިރު އަޅުކަމުގައި 8 ގަޑިއިރު ހޭދަ ކުރިން. އޭރުވެސް ހުރީ އިޙުރާމުގައި އަދި މުޅިން އެއްކޮށް ނިވާވެގެން. އަޅުގަނޑަކީ އެހާ ހޫނުވާ މީހެއް ކަމުގައިވީ ނަމަވެސް، އެހާ ހޫނުގަދަ ދުވަސްކޮޅަކު ވެސް އަޅުގަނޑަށް އެހާ ހޫނެއް ނުވި. މިއީ މާތް ﷲ ގެ ކުޅަދުންވަންތަކަން." އެއުޚްތާ ކިޔައިދިނެވެ.
އަޅުގަނޑަށް ހިދާޔަތް ދެއްވާ، ސީދާވެގެންވާ ތެދުމަގު ދައްކަވައިދެއްވީތީ އެކަލާނގެ ޙަޟްރަތަށް އަބަދުވެސް ޙަމްދު ކުރަން. މީހުންގެ ފާޑުކިޔުން އަމާޒުވި ކަމުގައިވިޔަސް، ނިޤާބް އަޅައިގެން ލިބޭ ހިތްހަމަ ޖެހުން އެ ހުރިހާ ކަމަކަށްވުރެ ބޮޑު
އެ އުޚްތާގެ ވާހަކަކޮޅު ނިންމާލީ، މޫނު ބުރުގާ ނުވަތަ ނިޤާބް އެޅުމަކީ ބިރުވެރި ކަމެއް ނޫންކަމާއި އެއީ ފަޚުރުވެރި އަދި ޝަރަފުވެރި ކަމެއްކަން ހާމަކޮށްދެމުންނެވެ.
ދީނުގައި އޮންނަނީ މީހާ ފެސަން ގޮތް ގޮތައް މޫނު އަޅާއިގެން ޕްރޮމޯޓް ކުރަކަށް ނޫނެވެ. މޫނު އެޅުމަށް ފަހު ވެސް ރައްކާތެރިވެ ސޯސިއަލް މީޑިއާ ފަދަ ފިތްނަ ތަކުން ދުރު ވުމަށެވެ.. މާނައީ އަމިއްލަ ފޮޓޯ ނުލުމަށެވެ މީހަގެ ޒީނަތްތެރިކަން ފޮރުވުމަށެވެ.. ތި އުޙްތީ އަށް ﷲ ހިދާޔަތް ދެއްކިވީތި އަލްހަމްދު ﷲ …