ޖިމް، ސެލޫން އަދި ސިނަމާތައް ވެސް ބަންދުކުރަން އަންގައިފި

ރާއްޖޭގައިި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން ދާތީ އެކަން ހުއްޓުވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މާލޭގައި ހުރި ޖިމްތަކާއި، ސެލޫންތަކުގެ އިތުރުން ސިނަމާތައް ވެސް ބަންދު ކުރަން އަންގައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެންގި އެންގުމުގައި ވަނީ މި މަހު 7 އިން ފެށިގެން ވަކި ގޮތެއް އެންގުމާ ހަމައަށް ޖިމްތަކާއި ކަސްރަތު ކުލާސްތައް އަދި ސިނަމާތަކާއި ސެލޫންތައް ބަންދު ކުރަން އަންގާ ކަމަށެވެ.
މާލޭ ސަރަހައްދުގެ ފިޔަވަޅުތައް ހަރުކަށި ކުރުމުގެ ގޮތުން ރެއިން ފެށިގެން ކޮންމެ ރެއެއްގެ ވެސް ރޭގަނޑު 9 އިން ފަތިހު ހަތަރަކަށް ބޭރަށް ނިކުމެ ނޫޅެވޭނެ ގޮތަށް ވަނީ ކާފިއު ހިންގަން ފަށައިފައެވެ. އަދި ސަރުކާރު އޮފީސްތައް ބަންދުކޮށް ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ހަމަޖައްސައި ޕާކުތަކާއި އެކި މައިޒާންތައް ވެސް ވަނީ ބަންދު ކުރެވިފައެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ، ބައްޔަށް ފައްސިވާ އަދަދުތައް މިފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ ވެސް 746 މީހުން ވަނީ ރާއްޖެއިން މި ބައްޔަށް ފައްސި ވެފައެވެ.