ކެފޭ، ރެސްޓޯރެންޓުތަކާއި، ފިހާރަތައް ހުޅުވިފައި ބެހެއްޓޭ ގަޑިތައް އާންމު ކޮށްފި
ކޮވިޑް-19 އާ ގުޅިގެން މާލޭގެ ފިޔަވަޅުތައް ހަރުކަށި ކުރުމުގެ ގޮތުން ކެފޭ، ރެސްޓޯރެންޓުތަކާއި ފިހާރަތައް ހުޅުވިފައި ބެހެއްޓޭ ވަގުތުތައް އާންމު ކޮށްފިއެވެ.
6 މެއި އިން ފެށިގެން 12 މެއި ގެ ނިޔަލަށް މުދާ ވިއްކާ ތަންތަން އާންމުންނަށް ހުޅުވައިލައިގެން ޚިދުމަތް ދެވޭނެ ގަޑިއަކީ ހެނދުނު 8 އިން ރޭގަނޑު 9 ޖެހުމާ ހަމައަށެވެ. އަދި ރޭގަނޑު 9 އިން މެންދަމު 12 ޖެހުމާ ހަމައަށް މުދާ ވިއްކާ ފިހާރަތަކުން، ފުލުހުންގެ ހުއްދައާއެކު، ޑެލިވަރީގެ ޚިދުމަތް ދެވޭނެ ކަމަށް ވެސް އިއުލާނުގައި ވެއެވެ.
މީގެ އިތުރުން 6 މެއި އިން ފެށިގެން 12 މެއި ގެ ނިޔަލަށް ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަނުގައި އަމަލު ކުރެވޭނެ ގޮތް ވެސް ވަނީ އާންމުކޮށް އިއުލާން ކޮށްފައެވެ. އެގޮތުން ކުރިން ދެންނެވުނު މުއްދަތާ ހަމައަށް، ސައިހޮޓާ، ކެންޓީން، ކެފޭ. ރެސްޓޯރެންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން ހުޅުވިފައި ބެހެއްޓޭނެ ގަޑިއަކީ ހަވީރު 5:30 އިން ރޭގަނޑު 9 ޖެހުމާ ހަމައަށެވެ.
މީގެ އިތުރުން ރޭގަނޑު 9 އަކުން ފެށިގެން މެންދަމު 3 ޖެހުމާ ހަމައަށް އެފަދަ ތަންތަނުން ވެސް ޑެލިވަރީގެ ޚިދުމަތް ދެވޭނެ ކަމަށާއި އެހެން ނަމަވެސް އެ ޚިދުމަތް ދެވޭނީ ފުލުހުންގެ ހުއްދަ ލިބިގެން ކަމަށް ވެސް އެ އިއުލާނުގައި ފާހަގަ ކޮށްފައި ވެއެވެ.
މާލޭ ސަރަހައްދުގެ ފިޔަވަޅުތައް ހަރުކަށި ކުރުމުގެ ގޮތުން ރެއިން ފެށިގެން ކޮންމެ ރެއެއްގެ ވެސް ރޭގަނޑު 9 އިން ފަތިހު ހަތަރަކަށް ބޭރަށް ނިކުމެ ނޫޅެވޭނެ ގޮތަށް ވަނީ ކާފިއު ހިންގަން ފަށައިފައެވެ. އަދި ސަރުކާރު އޮފީސްތައް ބަންދުކޮށް ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ހަމަޖައްސައި ޕާކުތަކާއި އެކި މައިޒާންތައް ވެސް ވަނީ ބަންދު ކުރެވިފައެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ، ބައްޔަށް ފައްސިވާ އަދަދުތައް މިފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ ވެސް 746 މީހުން ވަނީ ރާއްޖެއިން މި ބައްޔަށް ފައްސި ވެފައެވެ.