ދެން ރެސިޕީ | ވަޅޯމަސް ސްޕެގެޓީ
ބޭނުންވާ ތަކެތި:
250 ގްރާމް ސްޕެގެޓީ
1 ޖޯޑު ކުދިކޮށް ކޮށާފައިހުރި ވަޅޯމަސް
8 ލޮނުމެދު
¼ ގިތެޔޮ މިރުސް (ނޫނީ ބޭނުން ވަރަކަށް)
6 ހިކަނދިފަތް
2 ސައިސަމުސާ ރާޅުކޮށް މުގުރާފައި ހުންނަ ބާވަތުގެ ހިކިމިރުސް
½ ޖޯޑު ސަންޑްރައިޑް ޓޮމާޓޯ (ނެތިއްޔާ ބޭނުން ނުކުރިޔަސް ރަނގަޅުވާނެ)
¼ ޖޯޑު ކުދިކޮށް ކޮށާފައިހުރި ތާޒާ ކޮރިއެންޑަރ ފަތް
12 އޮލިވް
2 ސައިސަމުސާ އޮއިސްޓަރ ސޯސް
6 ޖޯޑު ފެން
4 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
½ މޭޒުމަތީ ސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)
ތައްޔާރުކުރާނެ ގޮތް:
ތެއްޔަކަށް ފެންކޮޅު އަޅާލުމަށްފަހު އުނދުން މައްޗަށް އުދާށެވެ. ފެންގަނޑު ބޮކިޖަހާ ކެކިގަންނަންދެން ކައްކާށެވެ.
ފެން ގަނޑު ކެކިގަތުމުން ސްޕެގެޓީއާއި ލޮނުކޮޅު ފެންގަނޑުގެ ތެރެއަށް އަޅާށެވެ.
ސްޕެގެޓީކޮޅު މަޑުވެލަންދެން ކައްކާށެވެ. ސްޕެގެޓީކޮޅު ކައްކާނީ އެއްކޮށް މަޑުވެ ޗަސްވާ ވަރަކަށް ނޫނެވެ. އޭގެ ބަދަލުގައި ކޮންމެވެސް ވަރަކަށް ހަފާލެވޭ ވަރަށެވެ.
ސްޕެގެޓީކޮޅު ފެންގަނޑުގެ ތެރެއިން ނަގާށެވެ. އަދި ސްޕެގެޓީ ކެއްކި ފެންގަނޑުގެ ޖޯޑެއް ހާވަރު ނަގާފައި ފަހުން ބޭނުން ކުރަން ބަހައްޓާށެވެ.
ލޮނުމެދުކޮޅު ކުދިކޮށް ތުނިކޮށް ކޮށާލާށެވެ. އަދި އޮލިވްތައްވެސް ދެފަޅި ކޮށްލާށެވެ. ގިތެޔޮ މިރުސްވެސް ތުނިކޮށް ކޮށާލާށެވެ. އަދި ސަންޑްރައިޑް ޓޮމާޓޯ ބޭނުންކުރާނަމަ އެވެސް ކުދިކޮށް ކޮށާލާށެވެ.
ތެއްޔަކަށް ތެޔޮކޮޅު އަޅައި އެ ރަނގަޅަށް ހޫނުކުރުމަށްފަހު އޭގެ ތެރެއަށް ލޮނުމެދު ކޮޅާއި ހިކަނދިފަތް ކޮޅާއި ގިތެޔޮ މިރުސްކޮޅު އަޅާށެވެ.
ލޮނުމެދު ކޮޅުގެ ކުލަ ބަދަލުވާން ފަށާއިރަށް ވަޅޯމަސްކޮޅާއި ހިކިމިރުސްކޮޅު އަޅާށެވެ. ރަނގަޅަށް އެއްކުރަމުން ދެތިން މިނެޓެއް ހާއިރު ކައްކާލާށެވެ. ތެލީގެ ތެރޭގައިވާ ތަކެތި ހުރީ މާހިކި ކޮށްހެން ހީވާނަމަ ސްޕެގެޓީ ކައްކަން ބޭނުން ކުރި ފެންގަނޑުގެ އެތިކޮޅެއް ތެއްޔަށް އަޅާލާށެވެ.
8. ދެން އޮއިސްޓަރ ސޯސްކޮޅާއި ކޮރިއެންޑަރއާއި އޮލިވްކޮޅު ތެއްޔަށް އަޅާށެވެ. ސަންޑްރައިޑް ޓޮމާޓޯ ބޭނުން ކުރާނަމަ އެވެސްއެވެ. ދެން އަނެއްކާވެސް ހުރިހާ އެއްޗެއް އެއްކުރަމުން ދެތިން މިނެޓު ކައްކާލާށެވެ.
9. ދެން ކުރިން ކެއްކި ސްޕެގެޓީކޮޅު ތެއްޔަށް އަޅައި އެއްކޮށްލާށެވެ. ތެލީގައިވާ ތަކެތި މާހިކިކޮށް ހުރިހެން ހީވާނަމަ އަނެއްކާވެސް ސްޕެގެޓީ ކައްކަން ބޭނުންކުރި ފެންގަނޑުގެ އެތިކޮޅެއް ތެއްޔަށް އަޅާލާށެވެ. އަހަރުމެން އެޅީ އޭގެ ބައިޖޯޑެއްހާ ފެނެވެ.