ވާހަކަ

ކުރު ވާހަކަ: ކޮޅިގަނޑު

ދެން އެމްވީ ، ދެން އޮންލައިން

މެންދުރު ބާރައަށް ކަށި ގޮސް ލެފުމުގެ ކުރިން ދިލަ ހޫނުގެ އަސަރުން ދުނިޔެ ފިއްސައިލައިފިއެވެ. ނަމަވެސް އަހަރެންނަށާ އަހަރެންގެ ހިތަށް ފިނިކަމެއް ލިއްބައި ދެނީ ވަށައިގެން ހެދިފައިވާ ބިޔަ ގަސްތަކެވެ. ޖެހިލާ ކޮންމެ ވައިރޯޅިއަކުން ފަރި ގޮތަކަށް އެގަސްތަށް ޙަރަކާތް ކުރެއެވެ. އިރުގެ ދޯދިތައް ގަސްތަކުގެ ތެރެއިން ފުރޭނެމުން އައިސް އަހަރެންގެ މޫނާ ކުޅެމުންދެއެވެ. ނަމަވެސް ސަމާލުކަމެއް ނުދީ އޮވެވުނީ އެދިލަ ހޫނަށް ވުރެ އަހަރެންގެ ހިތުގައި އަޅާވޭން ގަދަވީމައެވެ.

Ads by STELCO

އަހަރެންގެ އުމުރުން އެންމެ ނަވާރަ އަހަރުގައި، އާދިލާއެކު ކައިވެނީގެ ގޮށް ޖަހާލީ ވަރަށް ފޮނި އުއްމީދު ތަކަކާއެކުގައެވެ. ކިތަންމެ ބޮޑު ރާޅެއް ކުރިމަތިވި ކަމުގައި ވިޔަސް މިނަވުގެ މާލިމީއަށް އިތުބާރު ކޮށްގެންނެވެ. ފޮނި ހިޔާލުތަކުގެ ތެރޭގައި މާތައް ފޮޅުވަމުން އަހަރެން އުޅުނީ މަސައްކަތުގައި މަސްޢޫލުވެއެވެ. އެނބުރި ބަލާލެވުނީ އާދިލްގެ ފިރިހެންވަންތަ އަޑު ޖެހުމުންނެވެ.

"އައްމަޑޭއާ ދެމީހުން ވާހަކައިގަ ޖެހިފަ ތިބެވުނީމަ ގަޑި ދިޔަ ގޮތް ވެސް ނޭނގުނީ. ހަނާއަށް ވެސް އިނގޭނުދޯ ކަޅޭ އަންހެނުން ސީމާ. އައްމަޑޭ ބުނީ ވަރަށް ބިޓިން މީހެކޯ އެއީ".

އަހަރެންނަށް ޖަވާބެއް ނުދެވެނީސް ނިތްކުރީގައި ބޮސް ދިނުމަށް ފަހު އަވަސް އަރުވައިލައިފައި އާދިލް ވަނީ ފާހާނާއަށެވެ. އެއީ އާދިލްގެ އާދައެވެެ. ރެއާދުވާލު ހަތަރު ފަހަރު ކޮފީއަށް ގޮސް ހުރިހާ ވަގުތެއް ހުސް ކުރިޔަސް، ގެއަށް އައުމަށްފަހު އެ ހުރިހާ ކަމެއް ހަނދާން ނެތޭ ވަރަށް ލޯބިދެއެވެ. އާދިލް ފާހާނާއިން ނިކުންނަންވާއިރަށް އަހަރެން ބެލީ އަވަހަށް ސައި ހެދޭތޯއެވެ.

"ދަރިފުޅާ، ބަރަބޯކޮޅު ބާއްވާފަ މިއަދު މެންދުރަށް މަސްރިހަ ކައްކާލާ. ތިކޮތަޅު ތެރޭގަ އޮންނާނެ ހަވާދު ޕެކެޓު." ޖަވާބުގައި އަހަރެން ހިނިތުންވެލުމަށް ފަހު ބޯޖަހާލީމެވެ. އެވަގުތު އަހަރެންނަށް އިޙްސާސްވީ މަންމަ ދިން ތަރުބިއްޔަތުގެ ފުރިހަމަ ކަމެވެ. މަންމަ ފަދައިން މައިދައިިތަ ވެސް ހެވެވެ. އެކަމަކު އެވިންދު ނުޖަހާކަން ކޮންމެ އަމަލަކުން އިޙްސާސްވެއެވެ. އަހަރެންގެ އަމިއްލަ ނިންމުމަށް ކަންކުރުމުގެ އިޚްތިޔާރެއް މި ހަތަރުފާރުގެ އެެތެރޭގައި ލިބިދީފައެއް ނުވެއެވެ. ނަމަވެސް ހުރިހާ ކަމެއްގެ ޒިންމާ ބޮލު އަޅައިގެން ހިނގަން މި ހުރީ އަހަރެންނެވެ. ލޮލަށް ޖަމާވެފައިވާ ކަރުނަތައް އެތެރެއަށް ހިންދާލަން މަޖުބޫރުވީ އާދިލް ފާހާނާގެ ދޮރު ލެއްޕި އަޑަށެވެ.

"ކާކަށް މާ ވަރުދައްކާލާފަ ތި މެސެޖު ކުރަނީ" އަހަރެންގެ އަނގައިން އެހެން ބުނުމާއި، އާދިލް ސިހިފައި ފޯނު ޖީބަށްލުމާ ދިޔައީ އެކުއެކީގައެވެ. އެވަގުތު އަހަރެންގެ މުޅި ދުނިޔެ ހުއްޓުނު ކަހަލައެވެ. އަހަރެންގެ ދެލޯ އަހަރެންނަށް ކެހި ދިނީބާއެވެ! ނޫނެކެވެ. އަހަރެންގެ ފިރިމީހާ ދުވަހަކު ވެސް އެފަދަ އަމަލެއް ނުކުރާނެއެވެ. އެއީ އަހަރެންގެ ފުރާނައެވެ. އިޚްތިޔާރެއް ނެތި ލޮލުން އޮހެން ފެށި ކަރުނަތައް ފޮހެލަމުން ބަލާލެވުނީ ފިރިމީހާގެ މޫނަށެވެ. ހިތާމައާއި ސުވާލުގެ ނަޒަރަކުންނެވެ. އެހެން އަންހެން ކުއްޖަކަށް 'އައި ލަވް ޔޫ' މެސެޖު ފޮނުވަންވީ އާދިލުގެ ކޮން ބޭނުމެއް ނުފުދިގެންބާއެވެ. އެ މޫނުމަތިން އަހަރެންނަށް ފެނުނީ ކުށްވެރިއެއް ބޭޒާރުވުމުން ގަންނާނެ ލަދާއި ވާނެ ދެރައެވެ. އާދިލް ރޮމުންރޮމުން މައާފަށް އެދުނު އަދަދު އަހަރެންގެ މި ދެ އަތުން ގުނާ އަދަދު ނުކުރެވޭނެއެވެ. އަހަރެން މަޢާފުކުރީމެވެ. ކައިވެނީގެ އަގަށްޓަކައެވެ. އަހަރެން އާދިލްދެކެ ވާ ލޯތްބަށް ކުޑަވެސް ބަދަލެއް ނާންނާތީއެވެ. މުޅި ދުނިޔެއަށް މި ސިއްރު އަހަރެން ވަންހަނާކުރީމެވެ. އާދިލްގެ އަގު ވެއްޓެން ބޭނުން ނުވާތީއެވެ. ކޮންމެ މީހަކަށް ވެސް މިކަހަލަ ކުށެއް ކުރެވިދާނެކަމަށް ޤަބޫލު ކުރެވުނީމައެވެ.

ދެން ދެމީހުންގެ ދިރިއުޅުމަށް ވެސް އައީ ބަހާރު މޫސުމެކެވެ. ދެމީހުންގެ ލޯބި ދުވަހަކު ފަނޑު ނުވާނެ ފަދަ އިތުބާރާއި ޔަޤީން ކަމެކެވެ. ދެމީހުންގެ ދިރިއުޅުމުގައި އެއްފަހަރު ޖެހުނު ކުންޏެއްގެ ހިޔަނި ވެސް އެޅުނަ ނުދީއެވެ. ދެމަފިރިން ލޯބިން އެކުގައި އުޅޭނަމަ ޙަސަދަވެރިވާނެ ކިތަންމެ ބަޔަކު ތިބޭނެކަން އަހަރެންނަށް އެނގެއެވެ. އެކަހަލަ އެތަކެއް ބައިވަރު ޙަސަދަވެރިން އަހަރެން ދަންނަމެވެ. އާދިލްގެ ކިތަންމެ ރަށްޓެހިންނެއް ވެސް އަހަރެންނަށް ނުސީދާގޮތުން ބަސް އުކިއެވެ. 'އާދިލްއަށް ބަލައްޗެވެ. ތެޔޮނާށި ކާޅު ޖަހައިގެންފާނެވެ. އިއްޔެވެސް އަންހެން ކުއްޖެއް އަރުވައިގެން މިމަގުން ދިޔައެވެ. އާދިލްދެކެ އެހާބޮޑަށް ލޯބިނުވައްޗެވެ'. އެންމެން ވެސް މަޖާ ރާގުގައި ބުނާތީ އަހަރެން ދުވަހަކު ވެސް ސީރިއަސްކޮށް އެއްވެސް ވާހަކައެއް ނުނަގަމެވެ. އެމީހުންނަކީ އަނގަ ގަދަ، ޖެހުނުހާ ވާހަކައެއް އަނގަ މަޖަލަށް ދައްކާ ބަޔަކަށްވުމުންނެވެ. އެކަމަކު ނުސީދާގޮތުން ލިބެމުން ދިޔަ އެ އިންޒާރުތަކުގެ ޒަައްރެއްގެ މިންވަރު ވެސް އަހަރެންގެ މި ޅަ ސިކުނޑިއަކަށް ނަގައެއް ނުގަނެވުނެވެ.

ލޯބީގެ ހުވަފެނީ ގަނޑުވަރު ދެމީހުން ދިޔައީ ބިނާކުރަމުންނެވެ. އަހަރެން އެންމެ ދެކެމުން އައި ދުވަހަކީ އަހަރެމެން ދެމީހުންގެ ކައިވެންޏަށް ތުއްތު ލޯބިލޯބި އަންހެން ކުއްޖެއް އުފަންވާނެ ދުވަހެކެވެ. އަބަދާއަބަދު އާދިލްގެ ގާތު އެ ވާހަކަ ދެއްކެނީ ވެސް އެހެންވެއެވެ.

"އަހަރެން އެންމެ ފުރަތަމަ ވެސް ބޭނުމީ އަންހެން ކުއްޖެއް. ކިޔާނީ ހައްވާ އަމީރާ އާދިލް". އަހަރެން މިވާހަކަ ތަކުރާރު ކުރާ ކޮންމެ ފަހަރަކު އާދިލް ހިނިތުންވެލުމަށް ފަހު ބޮސްދޭނެއެވެ. އެއްވެސް އެއްޗެކޭ ނުބުނާނެއެވެ.

ގޭތެރޭގައި އުޅޭއުޅުމުގައި އެކިއެކި މައްސަލަތައް ވެސް ޖެހޭނެއެވެ. އެކަން ޤަބޫލުކުރަން ވެސް ޖެހޭނެއެވެ. ނަމަވެސް ކޮންމެ ފަދަ ހިތްހަމަ ނުޖެހޭ ކަހަލަ ކަމެއް ދިމާވިޔަސް ރައްދެއް ނުދިނުމަކީ އަހަރެންގެ މަންމަގެ އިރުޝާދެވެ. އަހަރެންގެ މައިދައިތައާއި ބަަފައިބެއަކީ ވެސް ތަފާތުވެދާނެ ބައެއްކަން އަހަރެން ޤަބޫލުކުރަމެވެ. އަމިއްލަ މައިންބަފައިންނެކޭ އެއްގޮތަށް ދުއްޓަސް ވެސް ދެރައާއި ހިތްހަމަ ނުޖެހޭ ކަންތައްތަކާ ކުރިމަތިލާން ޖެހޭ ފަހަރު މަދެއް ނޫނެވެ. ފުރަތަމަކޮޅު އަހަރެން އާދިލްއާ އެވާހަކަތައް ޙިއްސާއެއް ނުކުރަމެވެ. އަމިއްލަ އާއިލާއަށް ހިތް ކަޅުވެދާނެތީއެވެ. އެހެން ނަމަވެސް ދުވަހެއް ދުވަހަކަށް އަހަރެންގެ ކެކުޅުންތައްވީ އިތުރެވެ. އެވާހަކަތައް އާދިލްއަށް ކިޔައިދެން ފެށީ އެކަން ޙިއްސާ ކުރުމަށް އަހަރެންގެ ހިތް އެދި އާދޭސް ކުރަން ފެށުމުންނެވެ.

ދެމީހުންގެ މެދުގައި ބަހުސްތައް ގިނަވާން ފެށީ ދެނެވެ. އަހަރެން ބޭނުންވީ ވަކިން ދިރިއުޅޭށެވެ. އެއްވެސް ޙާލަތެއްގައި ރުޅިމޫނު ހަދާފައެއް ނޫނެވެ. އެކަމަކު އަހަރެންގެ ނިންމުމާ އާދިލް ދެކޮޅެވެ. ފައިސާގެ ގޮތުން ދަތިވާނެތީއާއި އަހަރެންގެ ޝަކުވާ ބޮޑީއެވެ. ރޯންޖެހޭ ކޮންމެ ފަހަރަކު އާދިލްގެ އެބަސްތަކުގެ ސަބަބުން ދެގުނަ އިތުރަށް އަހަރެން ރޯންޖެހެއެވެ. އަނބިމީހާ ތަޙައްމަލް ކުރަމުންދާ ވޭނަށް އިތުރަށް ދަރު އަޅާ އެންދުމަކީ މައިންބަފައިން ދިފާއުކުރުން ބާވައެވެ؟ މައިންބަފައިންނާ ވާހަކަ ދައްކައިގެން ޙައްލެއް ހޯދުމަކީ އެބުނާ 'އުފް' ބާވައެވެ؟ މައިންބަފައިންގެ ނުފޫޒު އާދިލްގެ މައްޗަށް ހިނގާވަރު އެހިނދު އަހަރެންނަށް އަންދާޒާކޮށްލެވުނެވެ. ކިތަންމެ ވޭނެއް ތަޙައްމަލް ކުރަން ޖެހުނަސް އަހަރެން ޢަޒުމް ކަނޑައެޅީ ކެތްކުރާށެވެ. އެ ފަސްގަނޑުގައި ހުރި ހަމައެކަނި މީހަކީ އަހަރެންގެ ފިރިމީހާ ކަމުގައި ވީ ނަމަވެސް ލިބޭނެ އޯގާތެރިކަމެއް ނެތީމައެވެ. އަހަރެންގެ ކައިވެންޏަށް ޓަކައެވެ.

ކައިވެނީގެ ދުވަސްތައް މަސްތަކަށް ބަދަލުވަމުން ދެއެވެ. ނަމަވެސް އަހަރެންގެ ޙާލަތަށް މާބޮޑު ބަދަލެއް ނާދެއެވެ. އައިހާ ވެސް ބަދަލަކީ ކެކުޅުންތައް އިތުރުވިކަމެވެ. އާދިލް އަހަރެންނާ ދުރުވިކަމެވެ. އެ ބީހުންތަކުން މުޅިންހެން އެއްފަރާތް ކުރިކަމެވެ. ނަތީޖާއަކީ އަހަންނަށްވެސް އާދިލްއާ ދިމާލަށް ނުރުހުމުގެ ބަސްތައް ރައްދު ކުރެވުމެވެ. އަހަރެން އެއްޗެކޭ ބުނާ ކޮންމެ ފަހަރަކު މަޢާފަށް އެދުމަށް ފަހު ބޮސްދޭނެއެވެ. ނޫނީ ބައްދާލާނެއެވެ. އެހުރިހާ ވަގުތަކު އަހަރެން ހުރި ނާޒުކު ފައްތަރު އަހަރެން ހަނދާން ނެތެއެވެ. ހިނގަމުން މިދަނީ ކޮންކަހަލަ ކަށި ޖަންގައްޔެއްގައިކަން ނުދަނެ ހުރެއެވެ.

އެއްދުވަހެއްގެ ހަވީރެވެ. މާބޮޑު ޚިޔާލެއް ފިކުރެއްނެތި އަހަރެން އިނީ ފިރިމީހާގެ ފޯނުން ފޭސްބުކް ހާވާށެވެ. އަހަރެން ފޭސްބުކް ބޭނުން ނުކުރާތީ ގިނަ ކަންތައްތަކެއްގެ މަޢުލޫމާތު ނުލިބޭތީއެވެ. ލޮލުގައި އަޅައިގަތީ ބުރުގާ އަޅައިގެން އިން ނަލަ އަންހެން ކުއްޖެއްގެ ދެތިން ފޮޓޯގަނޑަށް އަހަރެންގެ ފިރިމީހާ ހިތް 'ރިއެކްޓް' ކޮށްފަ އިންދާ ފެނުމުންނެވެ. އަހަރެންގެ ފިރިމީހާއަކީ ދުވަހަކު ވެސް އަންހެން ކުދިން ލާ ފޮޓޯއަށް ޝައުގުވެރިކަން ހުންނަ މީހެއް ނޫނެވެ. މީ އާދިލަށް އޮޅުމަކުން ކުރެވުނު ކަމެއްތޯ ބަލަން އެ އަންހެން ކުއްޖާގެ 'ޕްރޮފައިލަށް' އަހަރެން އަވަސް އަވަހަށް ވަނީމެވެ. އަނެއްކާ ވެސް އަހަރެންގެ ދެލޯ އަހަރެންނަށް ކެހިދިނީބާއެވެ؟ އަހަރެންގެ ހިނިތުންވުމުގެ ޖާދޫގައި ޖެހުނު އަހަރެންގެ އާދިލް އެހެން އަންހެނެއްގެ ހިނިތުންވުމަށް ތަޢުރީފްކޮށް ރަތްކުލައިގެ ހިތް ފޮނުވީ ކީއްވެ ހެއްޔެވެ؟ އާދިލަށް، އަހަރެންމީ މިދުނިޔެމަތިން ލިބުނު އަގުބޮޑު ނިޢުމަތަކަށް ވީއިރު އެ އަންހެންކުއްޖާއާ އަޅާކިޔޭނެ އެހެން އަންހެނެއް ނެތް ކަމަށް ބުނީ ހަމަ އަހަރެންގެ އަލީ އާދިލް ހެއްޔެވެ؟ ތަޤުދީރު އަހަރެންނާ މި ކުރަނީ ކޮންކަހަލަ ސަމާސާއެއް ހެއްޔެވެ؟ ރުޅި އާދެވުނު ނަމަވެސް އޭގެ މައްޗަށް ވެރިވެގަތީ ކަރުނައެވެ.

އަހަރެންނަށް އަހަރެންގެ ކައިވެނީގެ ނާޒުކުކަން ވިސްނުނެވެ. އަހަރެންގެ މި އުފާވެރި ޙަޔާތް ވެއްޓިފައިވާ ވަޅުގަނޑުގެ ފުންކަން ހިތަށް ތަޞައްވަރު ކުރެވުނެވެ. ދުވަހަކު ނުމޮހޭނެކަމަށް ހީކުރި ގޮށް ނޭނގި ހުއްޓައި މޮހި ރޮދި ފަށަކަށް ވެއްޖެކަމުގެ އިޙުސާސް ކުރެވުނެވެ. މިޙާލަތުގައި ދެފަރާތުން ވެސް ދޫ ނުދީފި ނަމަ ކަނޑައިގެންދާނެކަމުގެ ރަނގަބީލު އަހަރެންނަށް އަޅަން ފެށިއެވެ. އާދިލްއާއ ވާހަކަ ދައްކައިގެން ލިބުނު ހަމަހިމޭންކަން ފިޔަވައި އިތުރު އެއްވެސް ޖަވާބެއް އަހަރެންނަކަށް ނުލިބުނެވެ. އަހަރެންގެ ހިތުގައި އަދިވެސް އާދިލާ މެދު އޮތް ލޯތްބަކަށް ކުޑަވެސް ހީނަރުކަމެއް ނާދެއެވެ. އެއީ އަހަރެންގެ އަލަތު ލޯތްބެވެ. އަލަތު ލޯބިވެރިޔާއެވެ. މި ގަދަ ކޮޅިގަނޑުގެ އާޚިރު ނިމުމަކީ ވަރި ކަމަށްވާ ނަމަ އެއީ އާޚިރު މަންޒިލްކަމަކަށް އަހަރެންގެ ނަވެއް ނުނިންމާނެއެވެ.

އެކަމަކު މިޙާލުގައި އަހަރެން ދާނެ އެހެން ދިމާލެއް ވެސް ވަކި ނެތެވެ. ފިރިއެއް ހުއްޓެއް ކަމަކު އެއީ ނެތް މީހެކެވެ. ވޭން ފިޔަވައި ލިބޭ އެއްޗެއް ނެތެވެ. ދެން އަހަރެން ނިންމީ ދެފަރާތުގެ އާއިލާއާ ވާހަކަ ދައްކައިގެން މައްސަލަ ޙައްލު ކުރާށެވެ. އަހަރެން ފުރަތަމަ ވާހަކަ ދެއްކީ އަހަރެންގެ މަންމައާއެވެ. ނަމަވެސް މަންމަ އާދިލާ ވާހަކަ ދައްކައިގެން ނިކުތް އެއްވެސް އެދެވޭ ނަތީޖާއެއް ނެތެވެ. އާދިލްގެ ބޯ މާބޮޑަށް ވެސް ހަރެވެ. އެއަށް ފަހު، ދެން އަހަރެންނަށް ލިބެމުން ދިޔައީ އާދިލްގެ އިންޒާރުގެ މެސެޖްތަކެވެ.

"އަހަރެންގެ ބައްޕަމެން ކައިރީ ނުބުނާތި. ބުނެފިއްޔާ ނިމުނީ" އާދިލުގެ އިންޒާރުތަކަށް ނިމުމެއް ނުވެއެވެ.

ކޮންމެ މަގަކުން ކަންކަން ދިޔަ ނަމަވެސް އަހަރެންގެ ހިތް ބުނަމުން ދިޔައީ އަހަރެންގެ މައިދައިތައާއި ބަފައިބެއާ މައްސަލަ ޙިއްސާ ކުރުމަށެވެ. އެމީހުން ގާތު ބުނުމަށް އަހަރެންގެ މި ހަށިގަނޑުގައި ހުރިއްޔާ ހުރި ހިތްވަަރެއް ނެރުނީމެވެ. އަހަރެން އުންމީދު ކުރީ މިޙާލަތުގައި އެމީހުން އަހަރެންނަށް މަަދަދުދޭނެ ކަމަށެވެ. އަހަރެންގެ ހިތުގެތެރޭގައި މިހިނގާ ކެކުޅުންތަކަށް ކުޑަ ނަމަވެސް ލުޔެއް ހޯދައިދޭނެ ކަމަށެވެ. މައިދައިތައާއި ބަފައިބެއަށް މިވާހަކަތައް ކިޔައިދެމުން ދިޔައިރު އަހަރެންގެ ލޮލުން އެއްވެސް ހިފެހެއްޓުމެއް ނެތި ކަރުނަތައް އޮހެމުން ދިޔައެވެ. ލަގޮނޑީގައި ހިފައިފައިވާ ތަދާއެކު ވާހަކަ ދެކެވެނީ ވެސް އެހާމެ އުނދަގުލުން އަދި ކެނޑިކެނޑިގެންނެވެ. އަހަރެންގެ އަނގައިން އެހުރިހާ އެއްޗެއް ބޭރުވުމާއެކު ހަމަ އެބާރުމިނުގައި އަހަރަންނަށް ޖަވާބުވެސް ލިބުނެވެ.

"ދެމީހުން ރީއްޗަށް ނޫޅެންޏާ ވަރިވޭ. ނޫނީ އުޅޭ" ބަފައިބެގެ އެ އަޑުގައި ވަނީ ނުރުހުންކަމެއް ނުވަތަ ޙަމްދަރުދީ ކަމެއް އަހަރެންނަކަށް ވަކިކުރާކަށް ނޭނގުނެވެ.

އެކަމަކު އެމީހުންގެ ވާހަކަތަކުން ސާބިތުވި ކަމަކީ އެމީހުން އާދިލްގެ ހަގީގަތް ދެނެތިބި ކަމެވެ. އެހެންކަމަށްވާ ނަމަ އަހަރެންނަށް އެކަން ނުއެންގުމުގެ ސަބަބަކީ ކޮބައި ހެއްޔެވެ؟ އަހަރެން މީ އަމިއްލަ ދަރިއެކޭ ބުނެ އަމިއްލަ ދަރިންނާ ދޭތެރޭ ކަންތައް ކުރާ ފަދައިން ކަންތައް ނުކުރީ ކޮން ސަބަބެއް އޮވެގެން ހެއްޔެވެ؟ އަހަރެންނަށް ގޯސްކޮށް ކުރެވުނު ކަމަކީ ކޮބައި ހެއްޔެވެ؟ އެއީ އާދިލު ކައިރީގައި ޝަކުވާ ކުރުން ކަމުގައިވާ ނަމަ ދިރިއުޅުމުގެ ހައްލެއް ހޯދަން ފިރިމީހާއާ ވާހަކަ ދެއްކުމަކީ ހަމަ އަސްލު ޝަކުވާބާއެވެ؟

އަހަރެން ހަދާނެ ގޮތް ހުސްވެއްޖެއެވެ. އެކަނިވެރިވެ ބާކީވެއްޖެއެވެ. ވަރުނެތި ކުރިއަށް ދާނެ މަގު އޮޅިއްޖެއެވެ. ދެން ވެސް އަހަރެން ނިންމީ އާދިލާ ވާހަކަ ދައްކައިގެން މައްސަލަ ޙައްލު ކުރެވޭތޯއެވެ. އަހަރެންގެ ހުރިހާ ސުވާލެއް އާދިލަށް ބަންޑުން ކޮށްލީމެވެ.

"އަޑުއަހާ. އަހަރެން ކަލެއާ ކައިވެނިކުރީ ލޯބިން. ތީ ތެދެއް. ތިރީތިކަމުގެ ޖާދޫގަ އަހަރެން ޖެހުނު. އަހަރެންގެ މަންމައަށްް ފަސޭހަ ކޮށްދެން މިގެއަށް ދަނބިދަރިއެއް ގެންނަން ބޭނުންވި. އެކަމަކު އަހަރެންނަކީ ތިކުރާ ހުރިހާ ޑިމާންޑަކާ އެއްގޮތަށް އުޅޭނެ މީހެކޭ ހީނުކުރާތި. ތިނޫނަސް އަހަރެން ލޯބިވާ އަންހެެން ކުދިން މިދުނިޔެމަތީގައި އެބަތިބި. ނަމާ އަބުރު ސަލާމަތްކުރަން މަށާ އިނދެގެން އުޅުމަކުން އަހަރެން ކޮއްޕާ ދުރަކަށް ނުލާނަން" އަހަރެންގެ ފައި ދަށުން ހީވީ ބިންގަނޑު ދެމިގެން ދިޔަހެނެވެ. އަހަރެންގެ ހިތް ބާރުބާރަށް ތެޅެންފެށިއެވެ. އާދިލް އޭނާގެ ވާހަކަ މެދުކަނޑައިނުލައި ކުރިއަށް ގެންދިޔައެވެ.

" ހަޤީގަތަށް ބުނަންޏާ އަސްލު މަށެއް ވެސް ބޭނުމެއްނޫން ކަލެއެއް. ވަރަށް ދެރަކޮށްލަންތަ؟ މިހާރު މިއުޅެނީ ސީމާއާއި ރަށްޓެހިވެގެން. ހަމަ މަޖާ އިނގޭ. ހަށިވިއްކާ އަންހެންކުދިން ވެސް އެތިބީނު މަށާއެކު މަޖާކުރަން. ތިކަހަލަ ހަރުކަށި އަންހެނަކާ އެއްކޮށް ނަގައިލެވޭނީ އަހަރެންގެ އުފާވެރި ދުވަސްތައް. އެހެންވީމަ ބުނޭ، ވަރިކުރަންވީތަ؟ ނޫނީ ކެތްކޮށްގެން އިންނާނީތަ؟"

ހުއްޓުމެއްނެތި އަހަރެންގެ ލޮލުން ކަރުނަ ފައިބަމުން ދެއެވެ. ބަޔާންކުރަން ދަތި ވޭނީ އިޙްސާސްތަކެކެވެ. އަހަރެންގެ ލޯތްބާއި މަންމަމެންގެ އުންމީދާއި އަހަރެންގެ އާއިލާއަށް މީހުން ދިއްކުރާނެ އިނގިލި ހިތަށް އެރުމުން ވަރިއަށް ފަސްޖެހެވުނެވެ. އެކަމަކު ﷲއަށް އުރެދުން ބޮޑު، ދުނިޔެއަށް ގޮސް ގެއްލި ހުސްވެފައިވާ މީހަކާ އެއްކޮށް ރިވެތި ދިރިއުޅުމެއް ނޫޅެވޭންކަން ޔަޤީނެވެ. ނުވަތަ މާދަމާ މި ޙާލަށް ވެސް ކެތްނުކުރެވިގެން ވަޒަނަށް ދާންވީ ދަރިއެއް ވެސް ގޮވައިގެން ހެއްޔެވެ؟ ދެެން ތަޙައްމަލް ކުރަން ޖެހޭނީ ކިހައި ވޭނެއް ހެއްޔެވެ؟ އަހަރެން ނިންމީ ވަރިވާށެވެ. ﷲއަށް ޓަކައެވެ. ނަމަވެސް އެ ލޯތްބަށް ޓަކައި މި ހިތުގައި ޖަހާ ވިންދަށް ކުޑަ ނަމަވެސް ފަނޑުކަމެއް ނާދެއެވެ.

މާޒީގެ ކެހިވެރި ޞަފުހާތަކުން ސިކުނޑި ހޭލެވުނީ ތުއްތު ރުއިމެއްގެ އަޑަށެވެ. އެއީ އަހަރެންގެ ލޯބިލޯބި އާނާ އެވެ. ހަބެއިން ކުޅެން އުޅުމުގެ ތެރޭގައި އާނާ ވެއްޓި ހަން މަށައިގެން ދިޔައީއެވެ. ހަކުދިންނަކީ އަހަރެންގެ ދޮށްޓަށްތިބި ތިންބެއިންގެ ދަރިންނެވެ. އަހަރެންނަކީ މަންމައާއި ބައްޕަގެ އެންމެ ހަގު ދަރިފުޅެވެ. އަހަރެން ވަރިއަކަށް ދާން ބޭނުން ނުވި އެންމެ ބޮޑު އެއްސަބަބަކީ ވެސް މިއެވެ. ދޮށްޓަށް ތިބި ތިން ބެއިން ވެސް ކައިވެނިކޮށް ޖަވާހިރެއް ފަދަ ދަރިންތަކެއް ލިބުުމުން ތަޤުދީރު ނިޔާކުރީ އެކުދިންގެ އުފާވެރި ޙަޔާތުގައި ނިމުމުގެ ސިއްކަ ޖަހާށެވެ. ހުރިހާ ބުރައެއް އުފުލަން ޖެހުނީ މުސްކުޅިވެ ގައިގެ ބާރު ދެރަވެފައިވާ އަހަރެންގެ ބައްޕައަށެވެ. އެ ބައްޕައާއި މަންމަގެ ހުރިހާ އުންމީދެއް ދެން ގުޅުނީ އަހަރެންނާއެވެ. އެމީހުން އަހަރެން ދުށީ އެމީހުންގެ ހުރިހާ ހުވަފެންތަކެއްގައި ކުލަ ޖައްސައިދޭނެ ދަރިއެއްގެ ގޮތުގައެވެ.

ވަރިވިތާ ތިންމަސް ހަމަވާން ކައިރިވާ އިރު ވެސް އަހަރެންގެ ހިތުގައި އަޅާ ވޭނަކަށް ކުޑަވެސް ލުއިކަމެއް ނާދެއެވެ. ނަމާދަށް ހުއްޓި ހުންނައިރު ވެސް އަހަރެންގެ ލޮލުން ކަރުނަ ނުހިކެއެވެ. އެކަމާ މެދު ނުވިސްނުނަސް ރޮވެނީއެވެ. އެކަމަކު އަހަރެންގެ އުންމީދު އަބަދުމެ އާލާވެއެވެ. އެ ލޯތްބަށް އެދިއެދިއެއް ނޫނެވެ. އަހަރެންނަށް ކުރިމަތިވީ އިމްތިޙާނެއްކަން ޤަބޫލުކޮށް އެއަށްވުރެ ރަނގަޅު ރިޒްޤެއް އެކަލާނގެ ދެއްވަވާނެކަމުގެ އުންމީދުގައެވެ. މިހައި ދުވަަސް ވީއިރު ވެސް އާދިލް ނުވަތަ އޭނާގެ މައިންބަފައިން ވެސް އެންމެ ފަހަރަކު ނަމަވެސް އަހަރެންނަށް ގުޅައިލައި ޙާލު ވެސް ބަލައެއް ނުލައެވެ. އެމީހުންގެ ހިތުގައި އަހަރެންނާ ދޭތެރޭ ކުޑަ ނަމަވެސް ރަޙުމެއް ޙަމްދަރުދީއެއް ނެތީތާއެވެ. އަހަރެންގެ ޙަޔާތުން މި ކޮޅިގަނޑުގެ އަސަރު ފިލުވައި ނުލެވިގެން އުޅޭއިރު އެމީހުންގެ ދިރިއުޅުމުން އަހަރެން އެހައި ފަސޭހައިން ބޭރުކޮށްލީއެވެ.

= ނިމުނީ =

ނޯޓް: މިއީ މި ރަމަޟާން މަހަށް "ދެން"އިން ހުޅުވާލި ކުރުވާހަކަ ލިޔުމުގެ މުބާރާތަށް ހުށަހެޅި ވާހަކައެކެވެ. މިވާހަކަ ލިޔެފައިވަނީ މަރިޔަމް ލައުޒާ އެވެ. ވާހަކަ ހުށަހެޅުމަށް، [email protected] އަށް މެއިލް ކުރައްވާށެވެ.

  1. އައިމިނަތު

    ވަރަށް ބޮލަށް ތުރާ