ޚަބަރު

މިރެއިން ފެށިގެން މިމަހު 18 ގެ ނިޔަލަށް ފިހާރަތައް ހުޅުވައިފައި ބެހެއްޓޭނެ ގަޑިތައް އާންމު ކޮށްފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ދެން އިމޭޖްސް/ އިބްރާހިމް ޝަމްވީލް

ކޮވިޑް-19 އާ ގުޅިގެން ފިޔަވަޅުތައް ހަރުކަށި ކުރުމުގެ ގޮތުން މާލެ ސަރަހައްދުގައި މުދާ ވިއްކާ ތަންތަން ހުޅުވައިފައި ބެހެއްޓޭނެ ވަގުތުތައް އާންމު ކޮށްފިއެވެ.

Ads by Hajj Corporation

12 މެއި އިން ފެށިގެން 18 މެއިގެ ނިޔަލަށް މުދާ ވިއްކާ ތަންތަން އާންމުންނަށް ހުޅުވައިލައިގެން ޚިދުމަތް ދެވޭނެ ގަޑިއަކީ ފަތިހު 5 އިން ހަވީރު 4 ޖަހަންދެނެވެ.  އަދި ހަވީރު 4 އިން މެންދަމު 12 ޖެހުމާ ހަމައަށް މުދާ ވިއްކާ ފިހާރަތަކުން، ފުލުހުންގެ ހުއްދައާއެކު، ޑެލިވަރީގެ ޚިދުމަތް ދެވޭނެއެވެ.

މާލޭ ސަރަހައްދުގެ ފިޔަވަޅުތައް ހަރުކަށި ކުރުމުގެ ގޮތުން މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4 އިން ފަތިހު ހަތަރަކަށް ބޭރަށް ނިކުމެ ނޫޅެވޭނެ ގޮތަށް ވަނީ ކާފިއު ހިންގަން ފަށައިފައެވެ. އަދި ސަރުކާރު އޮފީސްތައް ބަންދުކޮށް ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ހަމަޖައްސައި ޕާކުތަކާއި އެކި މައިޒާންތައް ވެސް ވަނީ ބަންދު ކުރެވިފައެވެ.

މީގެ އިތުރުން ޖަމާއަތުގައި ނަމާދު ކުރުން މެދު ކަނޑައިލެވިފައިވާއިރު، މިއަހަރުގެ ފިތުރު އީދު ދުވަހު އީދު ނަމާދު ނުކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފައެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ، ބައްޔަށް ފައްސިވާ އަދަދުތައް ވަނީ އިތުރުވެފައެވެ. އިއްޔެ އެކަނި ވެސް ރާއްޖެއިން މި ބައްޔަށް 1،501 މީހުން ފައްސިވެފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!