ރިޕޯޓް

ދަރަވަންދޫން ހައްޔަރު ކުރި ފާތިހުއަކިީ ގޮއްވައިލި ސައިކަލު ބެހެއްޓިކަމަށް ތުހުމަތު ކުރެވޭ މީހާ

ޢާލިމް އަބްދުއްލަތީފް

ބ.ދަރަވަންދޫގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގައި ބުދަ ދުވަހުގެ ރޭ ހައްޔަރު ކުރީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގައި ގޮއްވާލި ސައިކަލު އެތަނުގައި ބެހެއްޓި މީހާކަން ކަށަވަރު ވެއްޖެއެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި ބާރުގަދަ އައިއީޑީއެއް ސައިކަލު ތެރެއަށް ލާ ގޮއްވާލީ އެމަނިކުފާނު ދިރިއުޅުއްވާ ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީ މަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އެރުއްވުމަށް ހިންގަވައިފައި ވަޑައިގަންނަވަނިކޮށެވެ. އޭރު ގޮއްވައިލި ސައިކަލު ބަހައްޓާފައި ހުރީ ނީލޯފަރު ހިނގުމާއި މަޖީދީމަގާ ވީ ކަންމަތީގައެވެ.

"ދެން"އަށް ކަށަވަރުވެފައިވާ ގޮތުގައި ދަރަވަންދޫން ހައްޔަރު ކޮށްފައި ވަނީ އަހުމަދު ފާތިހު ނަމަކަށް ކިޔާ ޒުވާނެކެވެ. އެނގިފައިވާ ގޮތުގައި ފާތިހު ނަމަކަށް އެ ޒުވާނާ ދަރަވަންދޫއަށް ގޮސް ހުރީ ކައިވެނި ކުރުމަށެވެ. އަދި އޭނާ ކައިވެނި ކުރަން ގޮސްހުރީ ކުއްޖާއާއި އާއިލާގެ ރުހުމުގައި ކަމަށާއި އޭނާ އެ ރަށުގައި ހުރީ ވެސް އަންހެން ކުއްޖާގެ ގޭގައި ކަމަށް ވެސް "ދެން"އަށް މައުލޫމާތު ލިބިފައި ވެއެވެ. އަދި އޭނާ ހައްޔަރު ކޮށްފައިވަނީ ކަރަންޓީނުގައި ހުއްޓާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ފާތިހުއަކީ މީގެ ކުރީން ކެބިން ކުރޫއެއްގެ ވަޒީފާގައި އުޅުނު ޒުވާނެކެވެ. ނަމަވެސް ވަޒީފާ ދޫކޮށްލައި އޭނާ ގަމުގައި އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. އޭނާއަކީ ސްނާމީ ކާރިސާއަށް ފަހު ލ.ގަމަށް ހިޖުރަކުރި ކަޅައިދޫ ރައްޔިތެކެވެ. ހިޖުރަކުރި އެންމެން ވެސް މިހާރު ވަނީ އެމީހުންގެ ރަޖިސްޓްރީ ގަމަށް ބަދަލު ކޮށްފައެވެ.

ފުލުހުން މިހާރު ވަނީ ފާތިހު ގޮވައިގެން އެ އަތޮޅު އޭދަފުއްޓަށް ގޮސްފައެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މާދަމާ އޭނާ އެ ރަށު ކޯޓަށް ހާޒިރު ކުރެވޭނެއެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ފާތިހު ހިމެނޭހެން 4 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެ ސަރަހައްދުން ހަތަރު މީހަކަށް ޝައްކު ކުރެވޭ ކަމަށް އެ ހަމަލާއާ ގުޅިގެން ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ހަމަލާގައި ހައްޔަރު ކުރެވުނީ ބޮން ގޮއްވައިލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހުމަދު އާއި މއ. ފޭރުގެ މުޖާޒް އަހްމަދު އާއި ގއ.ކޮނޑޭ ފޮޅޭމާ، ތަހުމީން އަހުމަދުއެވެ. ތަހުމީން އަކީ ގޮއްވާލި ސައިކަލުގެ ވެރިފަރާތްކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މިރޭ ހައްޔަރު ކުރެވުނު ފާތިހުއާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް މީގެ ކުރިން ހައްޔަރު ކުރި ތިން މީހުންނަކީ ވެސް ހަރުކަށި ފިކުރާ ގުޅުންހުރި ބައެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގައި ގޮއްވައިލި އައިއީޑީގެ ތެރެއަށް އަޅައިފައިވާ ރޭޒާ ފުއްތައް އެމަނިކުފާނުގެ ހަށިކޮޅުގެ އެކި ތަންތަން ފޫ އަޅުވާލިއެވެ. އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމަކުން 16 ގަޑިއިރުގެ ސާޖަރީތަކަށް ފަހު އާންމު ކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި އެމަނިކުފާނު ސަލާމަތްވީ ހަމަ ކިރިޔާއެވެ.

އެމަނިކުފާނު މިހާރު ދަނީ ޖަރުމަނުގައި އިތުރު ފަރުވާ ހޯއްދަވަމުންނެވެ.

  1. ސުވައިއްތަ

    މިކަހަލަ ރީތި ފިރިހެން ކުދިން ކުށުގެ ވެށިގައި ފިޔަޖަހާތީ އޭ އަހަރެމެން ކަހަލަ ޖިންސުން ލަތީފުން ހުހަށް މިތިބެނީ

    • ަމުހައްމަދު

      ވިދާހާއެއްޗަކީ ރަނެއްނޫން

      • ހަސީނާ

        އެކަމް ރީތި ސިފައެއް ދެއްވީމަވެސް ރީއްޗަށް އުޅެން ނޭންގެ

    • ނުބުނި

      ހިނި އަންނަނީ