ކާފިއު ގަޑީގައި ފިހާރަތަކަށް ދެން ނުދާތި! ޖޫރިމަނާއަށް 5،000 ރުފިޔާ ދައްކަން ޖެހިދާނެ!
ކާފިއު ގަޑީގައި ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނަށް ވެސް ގޮސްފިނަމަ، އެންމެ މަދުވެގެން 5،000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެ ކަމަށް ސަރުކާރުގެ ފަރާތުން ރައީސް އޮފީހުގެ ތަރުޖަމާނު، މަބްރޫކް ޢަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އެޅިފައި މިހުރި ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ކާފިއުގެ ގަޑިތަކުގައި ފިހާރަ ފިހާރައަށް ވަދެ ވިޔަފާރި ކުރާނަމަ، ނުވަތަ ކެފޭ ރެސްޓޯރަންޓް ތަކުން ޓޭކްއަވޭ ހަދާކަން ފުލުހުންނަށް ފާހަގަ ކުރެވޭނަމަ އެންމެ މަދުވެގެން 5000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެ ކަމަށެވެ.
"މިހާރު އެޅިފައި މިހުރި ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ކާފިއުގެ ގަޑިތަކުގައި ފިހާރަ ފިހާރައަށް ވަދެ ވިޔަފާރި ކުރާނަމަ، ނުވަތަ ކެފޭ ރެސްޓޯރަންޓް ތަކުން ޓޭކްއަވޭ ހަދާކަން ފުލުހުންނަށް ފާހަގަ ކުރެވޭނަމަ އެންމެ މަދުވެގެން 5000 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެ" މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް-19 ކޮންޓްރޯލު ކުރުމަށްޓަކައި މާލެ ސަރަޙައްދުގެ ކާފިއު ގަޑިއަށް ވެސް މިވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން މި ހިނގާ މެއި މަހުގެ 26 ވަނަ ދުވަހުން ފެށިގެން ދެ ހަފްތާއަށް މާލެ ސަރަޙައްދުގެ ކާފިއު ގަޑިއަކީ ހަވީރު 4:00 އިން އަނެއް ދުވަހުގެ 8:00 އާ ހަމައަށެވެ.އަދި ކާފިއު ނޫން ގަޑިތަކުގައި ވެސް ބޭރުގައި އުޅެވޭނީ ރެސިޑެންޝަލް ޕާމިޓް އޮންނަ ފަރާތްތަކަށް އެކަންޏެވެ. އެއީ ކޮންމެ ގޭބިސީއަކަށް ދެ ފާހެވެ.
މި ފިޔަވަޅުތަކަކީ ރާއްޖޭގައި މިފަހަކަށް އައިސް ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދިޔުމާ ގުޅިގެން، އަދަދުތައް ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކެކެވެ.
އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު ވެސް ރާއްޖެއިން 55،924 މީހުން ވަނީ މި ބައްޔަށް ފައްސި ވެފައެވެ. އަދި މި ބަލީގައި ނިޔާވި މީހުންގެ އަދަދު މިހާރު 137އަށް އަރާފައިވެއެވެ.