ޚަބަރު

ހައުސް ހޯލްޑް ޕާމިޓް މާދަމާ 8ގެ ކުރިން ލިބޭނެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލޭގައި އަޅައިފައިވާ ފިޔަވަޅުތައް މާދަމާއިން ފެށިގެން ހަރުކަށިކުރަން ނިންމައިފައިވާ މި ދަނޑިވަޅުގައި، ގޭބީސީތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ހައުސްހޯލްޑް ޕާމިޓަށް މިހާރު އެދިފައިވާ ހުރިހާ ގޭބިސީތަކުގެ ފާސްތައް މާދަމާގެ ހެނދުނު 08:00 ގެ ކުރިން އެސްއެމްއެސް މެދުވެރިކޮށް ލިބޭނެކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މާދަމާއިން ފެށިގެން އެސްއެމްއެސްއަކުން ހައުސްހޯލްޑް ޕާމިޓަށް އެދޭ އިރު، އެ މީހަކު ދިރިއުޅޭ ގޭގެ ކަރަންޓް މީޓަރު ނަންބަރު ޖެހުމަށް ފުލުހުން ވަނީ ހަނދުމަ ކޮށްދެއްވައިފައެވެ.

އަދި ބައެއް ފަރާތްތަކުން ފެންމީޓަރު ނަންބަރު ޖަހާފައި ރިކުއެސްޓް ފޮނުވާކަން ފާހަގަކުރެވޭ ކަމަށާއި އެގޮތަށް ފޮނުވާ ރިކުއެސްޓް ރިޖެކްޓް ކުރާނެ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

ހައުސްހޯލްޑް ޕާމިޓް ދޫކުރާނީ ވަކި މީހަކަށް ކަމަށާއި އެ ނޫން މީހަކަށް އެ ފާސް ބޭނުން ނުކުރެވޭނެ ކަމަށް ފުލުހުން ވިދާޅުވިއެވެ. ފާސް ދޫކުރާ މީހާ ނޫން އެހެން މީހަކު ފާސް ހިފައިގެން ބޭރުގައި އުޅޭނަމަ އެއީ އެއް ގޭބިސީއަކަށް ނިސްބަތްވާ މީހެއް ނަމަވެސް އޭނާ ހުއްޓުވާނެ ކަަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ކާފިއު ވަގުތު އެ ފާސް ބޭނުން ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅައިފައިވާ ފިޔަވަޅުތައް މާދަމާއިން ފެށިގެން ހަރުކަށި ކުރާނެއެވެ. އެ ގޮތުން ހަވީރު ހަތަރަކުން ހެނދުނު އަށަކަށް، 16 ގަޑިއިރުގެ ކާފިއު ހިންގާނެއެވެ. އަދި ކާފިއު ނޫން ވަގުތު ވެސް ބޭރުގައި އުޅެވޭނީ ފުލުހުން ދޭ ހާއްސަ ހުއްދައެއްގެ ދަށުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!