ރިޕޯޓް

ބައްޕަގެ އެހީތެރިއަކަށް ދާން އެތައް އާދޭހެއް ކުރި ، 18 ދުވަސް ފަހުން ބައްދަލުވީ ފުރާނަ ނެތް މަސްގަނޑާ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
ފޮޓޯ:އަދަދު.ކޮމް

ކޮވިޑް-19ގައި މަރުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ. މަރަކަށްފަހު މަރެކެވެ. އޮންލައިން ނޫސްތަކާއި ޓީވީ އަދި ރޭޑިއޯތަކުން އިވެނީ މަރުގެ ޚަބަރުތަކެވެ. ކޮވިޑްގައި މިދިޔަ ހޯމަ ދުވަހު ރާއްޖެއިން 13 މީހުން ނިޔާވިއެވެ. މިއީ ހަމައެކަނި ނަންބަރުތަކެއް ނޫނެވެ. މިއީ އެތައް އާއިލާއަކަށް ލިބޭ ހިތްދަތިކަމަކާއި ވޭނެކެވެ. މެއި މަހުގައި މިހާރު 77 މީހުން މި ދުނިޔެއާ އަލްވަދާއު ކިޔާފައިވާއިރު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 150އަށް އަރައިފައެވެ.

Ads by STELCO

މިއީ ކޮވިޑް ބަލީގައި ބައްޕަ ނިޔާވި ޒުވާން އަންހެން ކުއްޖެއްގެ ވާހަކައެވެ. 18 ދުވަހު ބައްޕަ ލޮލަށް ނުފެނި ހުރުމަށް ފަހު ބައްޕަގެ މަރުގެ ހަބަރު ލިބުމުން އޭނާއަށް ލިބުނު ފުން ހިތާމައެވެ. އޭނާގެ ބައްޕައާ މެދު ހުޅުމާލޭގެ ކޮވިޑް ފެސިލިޓީއިން ވީ އިހުމާލުގެ ވާހަކައެވެ

ބައްޕަ ކޮވިޑަށް ފައްސިވުން، އިތުރު ބޮޑު ބައްޔެއް ނުހުރޭ

އާއިޝަތު ޒައުޝަން ޒާހިރުގެ ބައްޕައަކީ 2017ވަނަ އަހަރުން ފެށިގެން ކްލޮސްޓްރޯލް ބޭސް ކަމުން އައި މީހެކެވެ. އެހެން ނަމަވެސް އުޅޭ އުޅުމުގައި ވެސް ބަލި މީހެއް ނޫނެވެ. އަދި ބޮޑު ބައްޔެއް ހުންނަ މީހެއް ވެސް ނޫނެވެ.

ޒައުޝަންގެ ބައްޕަ ކޮވިޑަށް ފައްސިވީ މެއި މަހުގެ 09ވަނަ ދުވަހުއެވެ. އޭގެ ކުރިން ޒައުޝަންމެންނާ އެކު ބައްޕަ އުޅުނީ ވަރަށް އުފަލުގައެވެ. މިފަދަ ކަމެއް ވާން އުޅޭކަމުގެ އެއްވެސް ހިލަމެއް ވެސް ނެތިއެވެ.

ކޮވިޑް ފެސިލިޓީއަށް، ގިނަ އިހުމާލުތަކެއް

"އެންމެ ފުރަތަމަ ވެސް ކޮވިޑަށް ފައްސިވާ މީހުން ގެންދާނީ ފެސިލިޓީ އަށޭ ބުނީ" ކޮވިޑަށް ފައްސިވުމުން ބައްޕަ އޭގެ އަނެއް ދުވަހު ފެސިލިޓީއަށް ގެންދިޔަ ކަމުގައި ޒައުޝަން ކިޔައިދިނެވެ. އޭނާ ބުނި ގޮތުގައި ބައްޕަ ފެސިލިޓީއަށް ގެންދިޔައީ އޮކްސިޖަން ލެވެލް ދަށްކޮށް ހުރުމުން ކަމަށް ބުނެއެވެ.

އެންމެ ފުރަތަަމަ އޭނާގެ ބައްޕަ ގެންދެވުނީ ހުޅުމާލެ ފެސިލިޓީގެ ވޯޑަށެވެ. އޭރު ބައްޕައާ ވާހަކަ ދެއްކޭ ކަމަށާއި ބައްޕަގެ ފަރާތުން މާ ބޮޑު ކަންބޮޑުވުމެއް ނުފެންނަ ކަމަށް އޭނާ ކިޔައިދިނެވެ. ނަމަވެސް އޭގެ އެއް ދުވަސް ފަހުން ބައްޕަ އައިސީޔޫއަށް ލެވުނު ކަމަށް ޒައުޝަން ބުންޏެވެ.

އައިސީޔޫގައި ހަ ދުވަހު ބޭއްވުމަށް ފަހު ދެން އޭނާގެ ބައްޕަ ބަދަލު ކުރެވުނީ ހުޅުމާލޭ ފެސިލިޓީގެ "ހައި ޑިޕެންޑެންސީ ޔުނިޓް (އެޗްޑީޔޫ)" އަށެވެ. އެތަނަށް ބައްޕަ ގެންދެވުނު ފަހުން ބައްޕަގެ ފަރާތުން ގިނަ ކަންބޮޑުވުންތަކެއް ޒައުޝަން މެންނަށް އަޑު އިވުނެވެ.

ކާން ނުދޭ ވާހަކަ ބުނޭ، އެދުނީ އެހެން ތަނަކަށް ބަދަލު ކޮށްދިނުމަށް

ބައްޕަ ފެސިލިޓީއަށް ބަދަލު ކުރުމަށް ފަހު ޒައުޝަންއަށް އޭނާގެ ބައްޕައާ ވާހަކަ ދެކެވުނީ ފޯނުގެ ޒަރީއާއިންނެވެ. އެހެން ނަމަވެސް ބައްޕަގެ ކަންބޮޑުވުންތަކާއި ހިތާމަތައް އޭނާއަށް އަޑު އިވެއެވެ. ބައްޕައަށް ގުޅާ ކޮންމެ ފަހަރަކު ބައްޕައަށް ކާން ނުދޭ ވާހަކަ ބައްޕަ ބުނާ ކަމުގައި އޭނާ ބުންޏެވެ. އަދި އެހެން ބުނުމުން ކޮންމެ ފަހަރަކު ވެސް ފެސިލިޓީއަށް ގުޅާ ބައްޕައަށް ކާންދިނުމަށް އެދި އާދޭސް ކުރާ ކަމުގައި އޭނާ ފާހަގަ ކުރިއެވެ. އެހެން ނަމަވެސް އެތަނުން ބުނަނީ ބައްޕައަށް ބަރާބަރަށް ކާންދޭ ކަމަށެވެ.

“ބައްޕަ ގުޅާފަ ދައްކާ ވާހަކައެއް ސާފެއް ނުވޭ، ދެން ކައިރީގައި ހުރި ދައްތަ ފޯނު އަތުލާފަ ބުނީ އެތާ މީހުން ގާތު ބުނާށޭ ބައްޕަ ގާތަށް މީހަކު ފޮނުވައިދޭށޭ. ނޫނީ ބައްޕަ ހަލާކު ވެދާނޭ” ޒައުޝަންއަށް އެވާހަކަތައް ކިޔައިދިނުން ވީ އުނދަގޫ ކަމަކަށެވެ.

ޒައުޝަންގެ ބައްޕަ އޭނާގެ ގާތުގައި އެންމެ ފަހުން ވާހަކަ ދެކެވުނު ފަހަރު އެދުނީ އެތަނުން ބައްޕަ ބަދަލު ކޮށްދިނުމަށެވެ.

"އައިޖީއެމްއެޗްއަށް ގެންގޮސްދޭށޭ، ނުގެންދެވެންޏާ ދ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސްދޭށޭ" ދ.ރިނބިދޫއަށް ނިސްބަތްވާ ޒައުޝަންގެ ބައްޕަ އަސަރާއެކު ބުނި ކަމަށް އޭނާ ކިޔައިދިނެވެ.

އެކަމުގައި އޭނާއަށް ކުރެވޭނެ ކަމެއް ނެތެވެ. ބައްޕަގެ އެ އެދުން ފުރިހަމަ ކޮށްދިނުމަށް އޭނާ އެތައް ބައެއްގެ ގާތުގައި އާދޭސް ކުރިއެވެ. ނަމަވެސް ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދަނީ އެންމެ ހާލު ދެރަ މީހުން ކަމަށާއި އޭނާގެ ބައްޕަ އަދި ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދަން ނުޖެހޭ ކަމަށް ހުޅުމާލެ ފެސިލިޓީން ވެސް ބުނި ކަމަށް އޭނާ ކިޔައިދިނެވެ.

އެތަނުން ބައްޕަ ބަދަލު ނުކުރެވުމުން ދެން ޒައުޝަންއާއި އޭނާގެ އާއިލާއިން މަސައްކަތް ކުރީ ބައްޕަގެ ގާތަށް ފެސިލިޓީއަށް މީހަކަށް ދެވޭތޯއެވެ. އެހެން ނަމަވެސް އެޗްޑީޔޫގައި އޮންނަ ބަލި މީހުންގެ ގާތަށް ބެލެހެންޓުންތެރިންނަށް ނުދެވޭނެ ކަމަށް ހުޅުމާލެ ފެސިލިޓީން ބުންޏެވެ. އެހެންކަމުން ޒައުޝަން އަމިއްލައަށް ދަރުބާރުގެއަށް ގޮސް އެތަނުގައި ވެސް އާދޭސް ކުރިއެވެ.

"އެޗްޑީޔޫގައި އޮންނަ މީހުނަށް އެހީތެރިއަކަށް އެލައުއެއް ނުކުރެވޭނެ، އެއީ މިނިސްޓަރުގެ މަންމަ ކަމުގައި ވީ ނަމަވެސް" އޭނާއަށް އެތަނުން ލިބުނު ޖަވާބަކީ މިއީއެވެ. އެހެން ނަމަވެސް އޭނާ އެވަރަކުން ދުލެއް ނުކުރެއެވެ. އެތައް ވަރަކުން އާދޭސް ކޮށްގެން އޭނާގެ ދޮންބެއަށް ބައްޕަގެ ގާތަށް ދެވުނީ މެއި 22ގައެވެ.

18 ދުވަހު ލޮލަށް ނުފެނި ހުރުމަށް ފަހު ދެން ފެނުނީ ބައްޕަގެ ފުރާނަ ނެތް މަސްގަނޑު

ޒައުޝަންއަށް އޭނާގެ ބައްޕައާ ބައްދަލުވުމުގެ ފުރުސަތު ލިބުނީ ބައްޕަ ފެސިލިޓީއަށް ގެންދިއުމުގެ ކުރިންނެވެ. ބެލެހެއްޓުންތެރިއެއްގެ ގޮތުގައި ދޮންބެއަށް ފެސިލިޓީއަށް ދެވޭ ގޮތް ވީ ކަމުގައި ވިޔަސް އެކަމަކުން އެ އާއިލާއަށް ލިބުނު ހިތްހަމަ ޖެހުމެއް ނެތެވެ. ސަބަބަކީ ދޮންބެއަށް އެތަނަށް ދެވުނު ދުވަހު ރޭ އޭނާގެ ބައްޕަ އައިސީޔޫއަށް ލުމުންނެވެ.

ޒައުޝަންއާއި އާއިލާއަށް ލިބުނީ އިތުރު ހިތްދަތިކަމެކެވެ. ކަންބޮޑުވުން ވީ އިތުރެވެ. ނަމަވެސް ކެތްތެރިކަމާއެކު ދުއާ ކުރުން މަތީ ދެމިތިބުން ނޫން ގޮތެއް ނެތެވެ. އޭގެ ދެ ދުވަސް ފަހުން އޭނާގެ ބައްޕަ ވެންޓިލޭޓަރަށް ލެވުނެވެ. އަދި ވެންޓިލޭޓަރުގައި އޮވެ އޭނާގެ ބައްޕަ ދުނިޔެ ދޫކުރީ އިއްޔެ މެންދުރުގެ ވަގުތެއްގައެވެ.

ބައްޕައާ ބައްދަލު ނުވެ ބައްޕަ ގެއަަށް އަންނާނެ ދުވަހެއްގެ އިންތިޒާރުގައި ނުވަތަ ބައްޕަ ފެންނާނެ ދުވަހެއްގެ އިންތިޒާރުގައި ހުރި ޒައުޝަންއަށް އެކަމުގެ ސަބަބުން ލިބުނީ ބަޔާން ކުރަން ދަތި ހިތްދަތި ކަމެކެވެ. ބައްޕަގެ މަރުގެ ހަބަރުން އޭނާގެ ހިތުގައި އެތައް ޒަހަމްތަކެއް ލެވުނެވެ. އޭނާގެ ބައްޕައާ މެދު ބަޔަކު އިހުމާލުވި ކަމަށް އޭނާއަށް ގަބޫލު ކުރެވުނެވެ.

އެތައް ދުވަހަކު ނުފެނި ހުރުމަށްފަހު ބައްޕަގެ ފުރާނަ ނެތް މަސްގަނޑު ފެނުމުން އޭނާއަށް ކުރެވުނު އިހްސާސްތައް ކިޔައިދޭކަށް ޒައުޝަންއަކަށް ނޭނގުނެވެ. ބައްޕަ އޮތީ ވަރަށް ހިކި އަނަރޫފަ ވެފައި ކަމުގައި އޭނާ ކިޔައިދިނެވެ. އަދި ބައްޕަ އަބަދުވެސް އޮކްސިޖަން މާސްކު އަޅުވައިފައި އޮންނާތީ ބައްޕަގެ މޫނު ވަރަށް ބޮޑަށް ފާރުވެފައި ހުރި ކަން އޭނާ ފާހަގަ ކުރިއެވެ.

ބައްޕަ އެހާލުގައި އޮތްތަން ފެނުމުން ޒައުޝަންއަށް ކުރެވުނު އިހްސާސްތައް ބުނެދޭން އުނދަގުލެވެ. ބައްޕައާ އެގޮތަށް ބައްދަލުވާލަށް އޭނާ އުއްމީދެއް ނުކުރެެއެވެ.

"ރޮވުނު ބާރަށް، ހެޔަށް ކޮންމެވެސް ވަރަކަށް ގޮތް ވެސް ވި" އިހްސާސްތައް ބަޔާން ކުރަން ދަތި ހާލު ޒައުޝަން ބުނީ މިހެންނެވެ.

ޒައުަޝަން ބުނީ އޭނާގެ ބައްޕަގެ ހަށިގަނޑު ފެނުނު ވަގުތު އޭނާ ހުއްޓުން އެރި ކަމަށެވެ. ނަމަވެސް ފަހު ފަހަރަށް ބައްޕައަށް ހިތް ފުރޭވަރަށް ބަލައިލެވޭތޯ މަސައްކަތް ކުރިން ކަމަށް އޭނާ ބުންޏެވެ.

"ބައްޕަ ވަކިވެގެން އެ ދިޔައީ އެންމެ ފަހުގެ ވަސިއްޔަތް ކޮށްލަން ވެސް ފުރުސަތު ނުލިބި، އެންމެ ފަހު ފަހަރަށް މަންމައާ ވެސް ބައްދަލު ނުވެ. މިއީތޯ ހައްގު މިންވަރަކީ؟ މިކަމުގަ ކާކުތޯ ޒިންމާ ނަގާނީ؟ އަޅުގަނޑުމެން ރޯޔަލް ފެމިލީއަށް ނުވީމަތޯ؟" ޒައުޝަންގެ ހިތުގައި ފުނި ޖެހިފައިވާ ހިތްދަތިކަމާއި ކެކުޅުންތައް ފާޅުވީ ހިތްހަމަނުޖެހުމާއި ކަރުނައިގެ ތެރެއިންނެވެ،

  1. އަނިލް

    ހަމަ ރޯޔަލް ފެމިލީ މީހަކަށް ނުވީމަ އެހެންވީ. އަހަރެންގެ ބައްޕަވެސް ވަނީ ދާދިފަހުން ފެސިލިޓީގައި ނިޔާވެފައެވެ. ބައްޕައަކީ ބެޑް ރިޑިން ޕޭޝަންޓެއް. އެޗް.ޕީ.އޭއިން ބައްޕަ ހޮސްޕިޓަލަށް ގެންގޮސްދޭށޭ ބުނީމަ ބުނީ ވަރަށް ހާލު ދެރަވީމަޔޭ ގެންދެވޭނީ. އެހެން ކިޔާފަ ފެސިލިޓީއަށް ގެންގޮސް ކާކަށް ނުދޭ. ބައްޕަގެ ފުރާނަ ނެތް މަސްގަނޑު ލިބުނުއިރު މީހާ އޮތީ ހިކިގެން ގޮސް އަނަރޫފަ ވެފައި.

    • ޒައު

      ރައިސް މިހާގެ މަންމަ ދަރުމަވަންތަގައި ގަތު 3 ޑޮކުޓަރުން 5 ނަރުހުން ހިދުނަތުގައި. ވޯޓަން ނިކަން ޢަދެބަ

  2. ބިތުވެރިިކޮވިޑް

    ކޮންމެ ގޮތަކަށްވެސް ވާހަކަ ދެއްކިދާނެ. ހުރިހާ ކަމެއްވެސް މޮޅަށް ދެނެވޮޑިގެންވަނީ ކުޅަދުންވަންތަ ﷲ. މައްޔިތާއަށް ސުވަރުގެ މިންވަރު ކުރައްވާށި.

  3. ާެއަހުމަދު

    އަޅުގަނޑުގެ ދައްތަ ނިޔާވީ މީގެ 3 ދުވަސްކުރިން ، 6 ކުދިންގެ މަންމައެއް ، އުމުރުން 41 އަހަރުގައި ، 18 އަހަރުން ދަށުގެ ދެކުދިން އެބަތިބި…. ފެސިލީޓީގައި ވީ 7 ދުވަސް ކުއްލިޔަކަށް ހިތްހުއްޓުނީ ، ވެންޓިލޭޓަރ ގައި އޮތީ އޮކްސިޖަން ލެވެލް ނުހިފެހެއްޓުނީ …. ދަރުމަވަންތަ ހޮސްޕިޓަލް އިންޖާގަ އެއްނުލިބުނު ފައިސާ ދައްކާ ގޮތައްވެސް … ބޮޑުންނާ އަމީރުންނަށް ހަމައެކަނި އެންދުލިބޭތަނެއް އެއީ …

  4. ސުނިލް

    ޒައުސަން ބައްޕައަށް ހެޔޮރަހުމަތް ލަައްވާށި. މި ގައުމުގެ އާއްމު ރައްޔިތުންނަށް ވަރަށް އަނިޔާވެރި ވެރިން ތިބި ސަރުކާރެއްމީ، ހަމަ އިންޑިޔާ އުސޫލު

  5. ސައީދު މުހައްމަދު

    ހުރިހާކަމެއްވެސް އެންމެމޮޅަށްދެނެވޮޑިގެންވާ ފަރާތެއްވޭ، ޒައުޝަންގެ ބައްޕައަށް އިހުމާލުވެފައިވާފަރާތެއްވާނަމަ އެކަންއެގޭނެދުވަހެއްވޭ، މައްޔިތާގެ ފާފަފުއްސަވާ ސުވަރުގެ މިންވަރުކުރައްވާށި، ޢާއިލާއަށްކެތްތެރިކަން މިންވަރުކުރައްވާށި. ޢާމީން