ދުނިޔެ

އަނދަމުން ދާ ބޯޓުގެ ތެލާއި ކުނިން ލަންކާގެ ރީތި ބީޗުތައް ތަޣައްޔަރުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޝްރީލަންކާ ކައިރިން އަނދަމުންދާ ބޮޑު ބޯޓުގެ ސަބަބުން އެ ޤައުމުގެ ހުޅަނގު ފަރާތުގެ ބީޗުތައް ތަޣައްޔަރުވެއްޖެއެވެ.

Ads by Sosun Fihaara

ރިޕޯޓުތަކުން ބުނެފައި ވަނީ ސިންގަޕޫރުގެ އެކްސް-ޕްރެސް ބޯޓެއްގައި ރޯވެ އަނދަމުން ދިޔުމުގެ ސަބަބުން، ލަންކާގެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ނެގޮމްބޯގެ ބީޗުތައް ތެލާއި ކުނިން ތަޣައްޔަރު ވެފައިވާ ކަމަށެވެ.

އެ ބީޗުތައް ތަޣައްޔަރު ވެފައިވާ ފޮޓޯތައް މިހާރު މީސްމީޑިއާގައި ވެސް އާންމު ވެފައިވާއިރު، އެކަމާ ގުޅިގެން އެތައް ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި އެ ބޯޓަކީ އެކި ފާޑުގެ ކެމިކަލްއާ ރީތިވާ ސާމާނު އުފުލަމުން ދިޔަ ބޯޓެކެވެ. އަލިފާންގަނޑު ރޯވިތާ މިއަދަށް އަށް ދުވަސްވެއްޖެއެވެ، އެ އަލިފާންގަނޑު ނިއްވައިލުމުގައި އިތުރު އެހީއަށް ވެސް ލަންކާ ސަރުކާރުން ވަނީ އެދިފައެވެ.

މިކަމާ ގުޅިގެން ލަންކާގެ ނޭވީއިންނާ އެކީ އިންޑިއާގެ ނޭވީއިން ވެސް މިހާރު ދަނީ ބޯޓުގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވައިލުމަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. އަދި އެ އަލިފާންގަނޑުގެ ދުމުގެ ސަބަބުން ތިމާވައްޓަށް ލިބިދާނެ ގެއްލުމަކާ ގުޅިގެން ވެސް ލަންކާ ސަރުކާރުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރިޕޯޓުތަކުން އިތުރަށް ބުނެފައިވާ ގޮތުގައި، އެ ބޯޓު އަޑިއަށް ގޮސްފިނަމަ، ކަނޑު އަޑިއަށް އެތައް ސަތޭކަ ޓަނުގެ ތެޔޮ ފެތުރިގެންދާނެ ކަމަށާއި އެހެން ވެއްޖެނަމަ ކަނޑުއަޑީގެ ދިރުންތަކަށް ވެސް ނޭދެވޭ އަސަރު ކުރާނެ ކަމަށް ތިމާވެއްޓާ ބެހޭ ތަޖުރިބާކާރުން ބުނެފައިވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!