ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އަމިއްލަ ރަށަށް ނުދެވޭތާ އެތައް ދުވަހެއް، ހިތްދަތި އިހުސާސެއް
"މި ހާލަތު ރަނގަޅުވެ ރަށަށް ދެވޭނެ ދުވަހަކަށް އިންތިޒާރު ކުރެވެނީ، އާއިލާ މަތިން ވަރަށް ހަނދާންވޭ" ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ 21 އަހަރުގެ ޒުވާން އަންހެއް ކުއްޖަކު ބުންޏެވެ.
މައިންބަފައިންނާ ދުރުގައި، ލޯބިވާ އާއިލާގެ މެންބަރުންނާއި އެކުވެރިންނާ ދުރުގައި ހޭދަކުރާ ކޮންމެ ދުވަހެއް މިހާރު މިވަނީ ގަރުނަކަށް ބަދަލުވެފައެވެ. އަމިއްލަ ފަސްގަނޑު ހަމަ ލޮލަށް ނުފެންނަތާ އަހަރެއް ފާއިތުވެ ދެ އަހަރު ވަނީއެވެ. ކޮވިޑް-19ގެ ސަބަބުންނެވެ.
ކަރަންޓީނުވާން ރަށަށް ދެވުނަސް އެއީ ކޮންމެ ކޮންމެ މީހަކަށް ކުޅަދާނަ ކަމެއް ނޫނެވެ. ނަރުހުން، ޑޮކްޓަރުން، ފުލުހުން، ސިފައިން އަދި މީގެ އިތުރުން ވެސް މަގަތު ސަފުގައި މަސައްކަތް ކުރާ އެތައް ބަޔަކަށް އެ މަސައްކަތްތައް ދޫކޮށްލައި އަތްފޮޅައިލެވޭކަށް ނެތެވެ. ގައުމުގެ ސަލާމަތަށް ޓަކައެވެ. ރައްޔިތުންގެ ރައްކާތެރި ކަމަށް ޓަކައެވެ.
އެންމެ ހަނދާން ވަނީ މަންމަގެ ކެއުން
"ރަށަށް ނުދެވޭތީ އެންމެ ހަނދާންވަނީ މަންމަގެ ކެއުން، މަންމަގެ ބަތްތަށި މޮޑެދިނީމަ ކެއުމަކީ ލިބޭ އުފަލެއް" ކޮވިޑް-19ގެ މި ހާލަތުގައި މަގުމަތީގައި ފޯރިމަރަން އުޅޭ އެކުވެރި ފުލުހަކާ ވާހަކަ ދައްކާލުމުން ބުންޏެވެ.
މަންމަ އާއި ބައްޕަ ލޮލަށް ނުފެންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. ވީޑިއޯ ކޯލުން މަންމަ އާއި ބައްޕަ ފެނުނު ކަމުގައި ވިޔަސް އެ މަންމަގެ ލޯތްބާއި އޯގާވެރިކަމަށް އެދެވެނީއެވެ. އެ މަންމަގެ ފިރުމުންތަކާއި އަޅާލުމަށް އެދި ހިތް ރޮނީއެވެ. ނަމަވެސް ދެވޭކަށް ނެތެވެ. ރަށުގައި ކޮވިޑް-19 އޮތުމުން މަންމަމެންގެ ހާލަތާ މެދު ވެސް ކަންބޮޑުވެ ހާސްވެއެވެ. ގުޅާ ކޮންމެ ފަހަރަކު ބަލައިގެން އުޅުމަށް ބުނެދެއެވެ.
"ދަރިފުޅާ ރަށަށް އަންނަނީ ކޮން އިރަކުން؟"
ގުޅާ ކޮންމެ ފަހަރަކު މާމައާއި ކާފަ ކުރާ ސުވާލެކެވެ. ރަށަށް އަންނަނީ ކޮން އިރަކުންތޯއެވެ. މާމައާއި ކާފަގެ ގާތަށް ދާނީ ކޮންއިރަކުންތޯއެވެ. މާމައާއި ކާފައަށް އެދެމަފިރިންގެ ލޯބިވާ މާމަ ދަރީންނާއި ދަރީން ފެންނާނީ ކޮންއިރަކުންތޯއެވެ. ދެކިލުމަށް އެދި ކެތްމަދުވެފައި ވާތީއެވެ. ލޯބިން ބައްދާލަން ނުހަނު ބޭނުންވެފައިވާތީއެވެ.
މާމައާއި ކާފަގެ ވާހަކަތައް އަޑު އަހައިލަން ގޮސް ގާތުގައި އިނދެލުމަށް ވަރަށް ބޭނުންވެއެވެ. އެކަމަށް ހިތް އެދި ގޮވައެވެ. މާމައާއި ކާފަގެ މަތިން ނުހަނު ހަނދާން ވެސް ވެއެވެ. މާމައާއި ކާފަގެ ގާތަށް ދާން ނުހަނު ބޭނުން ވެސް ވެއެވެ. މާމަގެ ދިވެހި ކެއުމުގެ ރަހަ ބަލައިލާ ހިތްވެއެވެ. ކާފައާ އެކު މަސްބާނާލާ ދޮށި އުކާލަން ދާ ހިތްވެއެވެ.
އާއިލާ އެކުގައި ޕިކްނިކް ދަތުރުތައް ގޮސްލަން ބޭނުންވެއެވެ. އެކުގައި މޫދަށް ގޮސް މަޖާކޮށް އުޅެލަން ބޭނުންވެއެވެ. ހަވީރު ސައިބޯލަން ގޮނޑުދޮށަށް ގޮސްލަން ބޭނުންވެއެވެ، އިރު އޮއްސޭ ރީތި މަންޒަރު ބަލައިލާ އާއިލާއާ އެކު ހިތްގައިމު ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވެއެއެވެ.
ހާލަތު ތަނެއް ނުދޭ!
މިފަދަ އެތައް ބޭނުމެއް އެބަހުއްޓެވެ. އެތައް އެދުމެއް އެބަވެއެވެ. އަމިއްލަ ފަސްގަނޑަށް ދާން ބޭނުމެވެ. އަމިއްލަ ރަށުގައި މަޖާކޮށްލައި މިނިވަންކަމާ އެކު އުޅެލަން ބޭނުމެވެ. ނަމަވެސް މިއަދު ހާލަތު ތަނެއް ނުދެއެވެ. ކޮވިޑް-19ގެ ބަލިމަޑުކަން މުޅި ރާއްޖެއަށް ފެތުރިއްޖެއެވެ. މިބަލީގައި ހަފުސް ނުވާ ރަށެއް މަދެވެ.
އަހަރެމެންނަށް އޮތީ ކެތްތެރިވުމެވެ. ކެތްތެރިކަމާއެކު ﷲގެ ހަޒްރަތުގައި ދުއާ ދެންނެވުމެވެ. އަދި އުފަން ރަށަށް އާއިލާގެ ގާތަށް ގޮސް މަޖާ ކުރެވޭނެ ދުވަހެއް އަންނާނެއެވެ. އެ ދުވަހަކަށް އިންތިޒާރު ކުރަމެވެ.
އަހަރެމެންްގެ ވާހަކަ ހަނދާނައްވެސް ނައިދޯ ވަރައް ދެރަ
Gaumuge recovery ga enme muhinmu bai adhaa kuraa resort muvahzafunge mathi handhain kohlaane meehaku nuveyy