ބޯޑަރު ބަންދު ކުރުމުގެ އެއްވެސް މަޝްވަރާއެއް ނުކުރަން: މަބްރޫކް

ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމުގެ އެއްވެސް މަޝްވަރާއެއް ނުކުރާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަބްދުލްޢަޒީޒް ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 ފެތުރުން އިތުރުވެ ބަލި ޖެހޭ މީހުންނާއި ބަލީގައި ނިޔާވާ މީހުންގެ އަދަދު ވަނީ އިންތިހާއަށް އިތުރުވެފައެވެ. ގުޅިގެން މިދިޔަ ބުދަ ދުވަހުން ފެށިގެން ހަރުކަަށި ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅައިފައެވެ.
މި ފިޔަވަޅުތަކުގެ އިތުުރުން އެހެން ފިޔަވަޅުތަކެއް އެޅުމަށް ނިންމާ ބޯޑަރު ބަންދު ކުރުމުގެ މަަޝްވަރާތަކެއް ވެސް ހިނގަމުންދާ ކަމަށް ބުނެ ވާހަކަތަކެއް ދަނީ ފެތުރެމުންނެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި މަބުރޫކް ވިދާޅުވީ ބޯޑަރު ބަންދު ކުރުމުގެ އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށެވެ. އަދި ބޯޑަރު ބަންދު ކުރާތީ އެކަން ބޭރުގައި ކިޔަވަން ތިބި ދަރިވަރުންނަށް އަންގާފައިވާކަމަށް ދެކެވޭ ވާހަކަތަކަކީ ވެސް ހަގީގަތެއް ނޫން ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެން ފެށުމުން މިދިޔަ އަހަރު ބޯޑަރު ބަންދު ކުރިއެވެ. ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް އެ ފަހަރު ބޯޑަރު ބަންދު ކޮށްފައި ވަނީ މާޗް 27 ވަނަ ދުވަހުގައެވެ. އޭގެ ފަހުން ގާތްގަނޑަކަށް ހަތަރު މަހަށް ފަހު އަލުން ބޯޑަރު ހުޅުވީ ޖުލައި 15، 2020 ގައެވެ.