ދުނިޔެ

އަމިއްލައަށް މަރުވަން އުޅުވީ ފޭސްބުކް ލައިވްގައި އެކަން ހާމަކޮށްފައި، ފުލުހުންނަށް ދެވުނީ ހަމަ ކިރިޔާ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އިންޑިއާގައި ކޮވިޑް-19 ހާލަތު އަދިވެސް ވަރަށް ބޮޑަށް ގޯސްއިރު ގިނަ ސްޓޭޓްތައް އަދިވެސް އޮތީ ފުރަބަންދުކޮށްފައެވެ. މިއާއެކު ގިނަބައެއްގެ ވަޒީފާ ގެއްލި އާއްމުދަނީ ހޯދޭނެ މަގުތައް ވަނީ ބަންދުވެފައެވެ. މިފަދަ ހާލުގައި އިންޑިއާގެ ސްޓޭޓްތަކުގެ ވަކި ސަރުކާރުތަކުންނާއި ސެންޓްރަލް މައި ސަރުކާރުން ވެސް ވަޒީފާ ގެއްލި ހާލުގައި ޖެހިފައިވާ މީހުންނަށް އަޅައެއް ނުލައެވެ.

Ads by Sosun Fihaara

ސްވޯ ޗަކްރަބޯޓީއަކީ ވެސް ކޮވިޑް-19އާ އެކު ދިރިއުޅުން އެފުށް މިފުށަށް ޖަހައިލި މީހުންގެ ތެރެއިން މީހެކެވެ. ޖޫނިއަރ އެކްޓިންގްގައި ފިލްމްތަކާއި ސީރީޒްތަކުގައި ސެޓްގައި މަސައްކަތް ކުރަމުން އަންނަ ސްވޯއަށް މަސައްކަތެއް ނުލިބޭތާ މިހާރު އަހަރެއް ވަނީއެވެ. ސްވޯ ފޭސްބުކްއިން ކުރި ލައިވްއެއްގައި ބުނެފައި ވަނީ އޭނާއަށް އެންމެ ފަހުން އާއްމުދަނީއެއް ލިބޭފަދަ މަސައްކަތެއްކޮށްފައި ވަނީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައެވެ.

"އައި ކުއިޓް" މިހެން ލިޔެ ފޭސްބުކްގައި އޭނާ ކުރި ލައިވްގައި އޭނާގެ އުދާސްތައް ބަންޑުންކޮށްލިއެވެ. ކޮވިޑް-19 ޖެހިގެން ބައްޕަ މަރުވި ވާހަކައާއި މިހާރު ދިރިއުޅުމުގައި ކުރާނެ އެއްވެސް ކަމެއް ނޭނގޭ ވާހަކަ ކިޔައިދިނެއެވެ. އަދި އޭނާއަށް ދެން ނުވާނެ ކަމަށާއި މިހިސާބުން ނިމުނީ ކަމަށް ބުނެ ފޭސްބުކް ލައިވް މެދު ކަނޑައިލިއެވެ.

އޭރު އިންޑިއާގެ ފުލުހުން ތިބީ ސްވޯގެ ކޮޓަރީގެ ދޮރު ކައިރީގައެވެ. ފޭސްބުކް ލައިވް ބެލި މީހަކު ފުލުހުންނަށް މިކަން ރިޕޯޓް ކުރިއެވެ. ސްވޯ އުޅުނީ އަމިއްލައަށް މަރުވާށެވެ. އެހެން ނަމަވެސް ފުލުހުން ވަނީ އެކަން ހުއްޓުވައި އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!