ފުރަބަންދަށް ފަހު ‘ޓައިގަރ 3'ގެ ޝޫޓިންއަށް ކެޓްރީނާ ތައްޔާރު

‘ޓައިގަރ 3’ގެ ޝޫޓިން ފެށުމަށް ކުރަން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރަމުން އަންނަ ކަމަށާއި ފިލްމުގެ އިސް ރޯލެއް އަދާކުރާ ކެޓްރީނާ ކައިފް ޝޫޓިންއައް ތައްޔާރުކަމަށް ބޭރުގެ ޚަބަރުތަކުން ބުނެފިއެވެ.
'ޓައިގަރ ޒިންދާ ހޭ' އަދި 'އެކްތާ ޓައިގަރ'އިން ވެސް ކެޓްރީނާގެ މަސައްކަތް ފެނިގެން ދިޔައެވެ. މި ދެ ފިލްމަކީ ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ 2 ފިލްމެކެވެ. މިހާރު ފިލްމުގެ މަސައްކަތް ކުރެވެމުން އަންނަ ‘ޓައިގަރ 3’ އޭނާއާ ވަރަށް ގާތް ފިލްމެއްކަމަށް ކެޓްރީނާ ބުނެފައިވާކަމަށް ޚަބަރުތައް ބުނެއެވެ.
މި ފިލްމުގައިވެސް ކެޓްރީނާގެ ވަރުގަދަ އެކްޝަން ސީންތަކެއް ފެންނާނެކަމަށް މީޑިއާތަކުން ރިޕޯޓް ކުރެއެވެ. ކޮވިޑް-19އާ ގުޅިގެން ފިލްމުގެ ޝޫޓިން ކުރިޔަށް ގެންދިޔުމަށް ވަކި ގަޑިތަކަކާއި ވަކި ސަރަހައްދުތަކުން ހުއްދަ ދިނުމަށް ވަނީ ނިންމައިފައެވެ. ކެޓްރީނާ ބުނި ގޮތުގައި އޭނާ ހުރީ ޝޫޓިން ފަށާނެ ދުވަހަކަށް ކެތްމަދުވެފައެވެ.
މި ފިލްމުގައި ކެޓްރީނާ އަދި ސަލްމާނުގެ އިތުރުން އިމްރާން ހާޝްމީ ނެގެޓިވް ރޯލަކުން ފެނިގެންދާނެއެވެ.
‘ޓައިގަރ 3’ އިތުރުން ކެޓްރީނާ ދެން ފެނިގެންދާނީ ރޯހިތް ޝެޓީގެ އެކްޝަން ފިލްމު 'ސޫރަޔަވްންޝީ' އަދި ބިރުވެރި ކޮމެޑީ ފިލްމު 'ބޫތު ޕޮލިސް' އިންނެވެ.