"އަޅުގަނޑު ، ތަޅައި ޕާޓީން ބޭރުކުރި އިރު އަތްޖަހަށް ތިބި މީހުންނަށް ތި އޮތީ އެ ދަތުރު ޖެހިފައި"
ރީކޯ މޫސާ މަނިކު އެމްޑީޕީން ވަކިކުރި އިރު އެކަމާ އުފާ ފާޅު ކުރި މީހުންނަށް މިއަދު އެފަދަ ކަމަކާ ދިމާވެފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
މޫސާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ހަމައެހެންމެ މި ފަދައިން މޫސަ ވިދާޅުވެފައި މިވަނީ އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުން ބޮޑުވެފައިވާ ކަމަށް އެ ޕާޓީގެ ޗެއަރޕަރސަން ޙަސަން ލަތީފް ހާމަ ކުރައްވައިފައިވާ ދަނޑިވަޅެއްގައެވެ.
ޙަސަން ލަތީފް މިއަދު ވިދާޅުވެފައި ވަނީ އެމްޑީޕީ ދެބައި ވެެއްޖެ ކަމަށާއި އެކަން އެހެން ދިމާވީ ރައީސް ނަޝީދާ އެކަހެރިކޮށް ޕާޓީ ހިންގަން އުޅުމުން ކަމަށެވެ.
"މަސައްކަތް ދެބައިވީ އެމްޑީޕީން ވައުދުވި ކަންކަން ކުރަން ސަރުކާރުން ބޭނުންނުވީމަ. އެމްއެމްޕީއާރސީއާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ސަރުކާރުން ފޫކަހަން ފެށީމަ. ސަރުކާރާއި ޕާޓީގެ ގުޅުން ހީނަރުކޮށްލީމަ. ޖުމްލަކޮށް ރައީސް ނަޝީދާއި ޕާޓީ އެކަހެރިކޮށް ސަރުކާރު ހިންގަން އުޅުނީމަ" ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
ޙަސަން މިހެން ވިދާޅުވެފައި ވަނިކޮށް މޫސަ ވަނީ ޙަޤީޤަތާ ކުރިމަތިލެއްވުމަށް އެމްޑީޕީގެ މެމްބަރުންނަށް ގޮވައިލައްވައިފައެވެ.
މޫސަ ވިދާޅުވީ އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ގޯގޯ ލަތީފާއި ޑރ.މުނައްވަރު އަދި އިބްރާގެ އިތުރުން ޑރ.ޑީޑީއާއި އަލްހާން ފަހުމީ އަދި އަލީ ވަޙީދާއި މޫސަ ފަދަ އެތައް ބަޔަކު ތަޅައި އެ ޕާޓީން ބޭރުކުރި އިރު އަތްޖަހާ މަލާމާތް ކުރަން ބަޔަކު ތިބި ކަމަށާއި އެ މީހުންނަށް މިއަދު އޮތީ އެ ދަތުރު ޖެހިފައި ކަމަށެވެ.
"އަބަދުވެސް އެމްޑީޕީއަށް ހެޔޮ އެދެން" މޫސަ ވިދާޅުވިއެވެ.
ރައްޔިތުން މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނަވަނިކޮށް މޫސަ އެމްޑީޕީ ޕާލިމެންޓް ގުރޫޕުން ވަކި ކުރީ ސްޕްރީމް ކޯޓްގެ ފަނޑިޔާރުން ވަކި ކުރުމަށް އެމްޑީޕީގެ ވިޕާ ޚިލާފަށް ވޯޓް ދެއްވުމުންނެވެ. ނަމަވެސް އެ މައްސަލައިގައި ވިޕާ ޚިލާފަށް ވޯޓް ދިން ފަސް މެމްބަރަކަށް ނަސޭހަތް ދިނުމަށް ފަހު މޫސަ ޕީޖީ ގުރޫޕުން ވަކި ކުރި ކަމަށް ބުނެ އޭނާ ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭގެ ފަހުން އެ ޕާޓީއާ ވަރަށް ދުރުގައި އުޅުއްވުމަށް ފަހު މޫސަ އެންމެ ފަހުން ފެނުނީ އޭރު ވެރިކަން ކުރި ޕީޕީއެމްއިންނެވެ. ނަމަވެސް ޕީޕީއެމް ވެރިކަމުން ވެއްޓުމަށް ފަހު އޭނާ ވަނީ ޕީޕީއެމުން ވެސް ވަކިވެވަޑައިގެންފައެވެ.
އަޅުގަނޑު ތީ މިހާރު ބޭކާރު މީހެއަ