ދުނިޔެ

6 މަސް ކުރިން ވެކްސިން ފުރިހަމަ ކުރި މީހުންނަށް އަނެއްކާ ވެސް ވެކްސިން ޖަހަނީ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ރަޝިއާގައި އެރި ކޮވިޑް-19ގެ 3 ވަނަ ރާޅާއެކު، މީގެ 6 މަސް ކުރިން ކޮވިޑް-19 ވެކްސިން ފުރިހަމަ ކުރި ފަރާތްތަކުން އިތުރަށް ރައްކާތެރިވުމަށް އަނެއްކާ ވެސް ވެކްސިން ދެ ޑޯޒް ފުރިހަމަ ކުރުމަށް އެ ޤައުމުގެ ހެލްތް މިނިސްޓަރ މިޚައިލް މުރަޝްކޮ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރަޝިއާގައި ކޮވިޑް-19 ތިންވަނަ ރާޅެއް އަރައި ވަރަށް ހަލުވި ކަމާ އެކު އެޤައުމުގައި ކޮވިޑް-19 ވޭދަނަތައް ދަނީ ފެތުރެމުންނެވެ. ރަޝިއާގައި މިހާރު ފެތުރެމުން އަންނަނީ ކޮވިޑް-19 ޑެލްޓާ ވޭރިއަންޓެވެ. މި ވޭރިއަންޓަކީ އިންޑިއާއިން ފުރަތަމަ ފެނުނު ކޮވިޑް-19 ވޭރިއަންޓެކެވެ. ކޮވިޑް-19 ފެތުރެން ފެށި ފަހުން އެންމެ ގިނަ ވޭދަނަ 24 ގަޑިއިރުގެ ތެރޭގައި ރަޝިއާއިން މިހައިތަނަށް ފެނިފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

"މިއީ ދަތި ވަގުތުތަކެއް. ބަލި މީހުންނާއި ސިއްހަތު ރަނގަޅަށް ތިބި މީހުން ވެސް މީގެ 6 މަސް ކުރިން ވެކްސިން ޖަހައިފައި ވާނަމަ އަލުން ވެކްސިން ޖައްސަވާ. މިހާރު މި އުޅޭ ވޭރިއަންޓް ވަރަށް ބާރުގަދަ."  ވެކްސިން ޖެހުމުުން އުފެދޭ ކޮވިޑް-19 އެންޓި ބޮޑީސްއަށް ގިނަ ދުވަސްވުމުން އިންޑިއާގެ ވޭރިއަންޓަށް ނުކަތާ ކަމަށް ޤައުމީ ޓީވީގައި ރައްޔިތުންނާ މުޚާތަބު ކުރައްވަމުން މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ މުރަޝްކޮ ވިދާޅުވީ ޖޫން 25 އިން ފެށިގެން ސްޕްނިކް 5 ލައިޓް، އެއް ޑޯޒް ޖަހަން ޖެހޭ ވެކްސިން ލިބެން ހުންނާނެ ކަމަށާއި އަދި ދެވަނަ ފަހަރަށް ވެކްސިން ޖަހާ ފަރާތްތަކަށް މި ވެކްސިން ވެސް ޖެހޭނެ ކަމަށެވެ. އަދި މި ރާޅުން އަރައިގަތުމުން ދެން ވެކްސިން ޖަހަން ޖެހޭނީ އަހަރަކު އެއް ފަހަރު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ ޑިސެންބަރު މަހުން ފެށިގެން ރަޝިއާގައި ވެކްސިން ޖަހަން ބޭނުންވާ އެންމެންނަށް ސަރުކާރުން ހިލޭ ވެކްސިން ފޯރުކޮށްދިން ނަމަވެސް އެޤައުމުގައި މިހާތަނަށް ވެކްސިން ޖަހައިފައި ވަނީ، ވެކްސިން ޖެހޭ އާބާދީގެ އެންމެ 13 އިންސައްތަ މީހުންނެވެ. ރަޝިއާގައި ދާދިފަހުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ރަޝިއާގައި އުޅޭ ގިނަ ފަރާތްތަކުން ވެކްސިން ޖެހުމާ ދެކޮޅެވެ. ރަޝިއާއަކީ ޔޫރަޕްގައި އެންމެ ގިނަ މީހުން ކޮވިޑް-19 ޖެހިގެން މަރުވި ޤައުމު ވެސް މެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!