ލޯބިވެރިޔާއަށް އައިފޯނެއްގަނެދޭން ސޯނޫ ސޫދުގެ އެހީއަށް އެދިއްޖެ
އިންސާނީ އެހީދިނުމުގައި މިސާލު ދައްކައިފައިވާ ބޮލީވުޑްގެ އެކްޓަރ ސޯނޫ ސޫދުގެ ހަބަރެއް މީޑިޔާއަށް ނާންނަ ދުވަހެއް ނުދެއެވެ. އެހީތެރިކަން ބޭނުންވާ ބަލި މީހުންނަށް އެހީވުމާއި އޭނާގެ ދީލަތިކަމުގެ ވާހަކަ ކޮންމެ ދުވަހަކުހެން ބޮލީވުޑްގެ ޚަބަރުތަކުގައި އޮވެއެވެ.
ފާއިތުވީ ދެ އަހަރެއްހާ ދުވަސް ތެރޭ އޭނާ ފާހަގަވެގެން ގޮސްފައި ވަނީ ވަރަށް ވެސް ދީލަތި އަދި މީހުންނަށް އެހީތެރިވާ މީހެއްގެ ގޮތުގައެވެ. ކޮވިޑް-19ގެ ބަލި ހާލަތާ ގުޅިގެން އެތައް ބަޔަކަށް ކާބޯތަކެއްޗާއި އެ ނޫން ވެސް އެހީތައް ފޯރުކޮށްދިނުމުގައި ސޯނޫގެ ވަރަށް ބޮޑު ދައުރެއް އޮވެއެވެ.
ނޫސްތަކުގެ ފަލަ ސުރުހީން މިއަދު އަޅައިގަތް ޚަބަރަކީ އިންޑިޔާ މީހަކު އޭނާގެ ލޯބިވެރިޔާއަށް އައިފޯނެއް ގަނެދިނުމަށް ސޯނޫ ސޫދުގެ އެހީއަށް އެދިއްޖެކަމަށް ބުނެ ރިޕޯޓްކޮށްފައިވާ ޚަބަރެކެވެ. އެގޮތުން ލޯބިވެރިޔާ އައިފޯނެއް ދޭން އެދޭ ކަމަށާއި އެކަމަށް އެހީއެއް ދެވިދާނެތޯ މީހަކު ވަނީ ޓްވިޓާގައި ސޯނޫއާ ސުވާލުކޮށްފައެވެ.
"އަހަންނަކަށް ތިއެއް ނޭނގެ އެކަމަކު އަހަރެން އޭނާއަށް އައިފޯނެއް ގަނެދިނަސް އޭގެން ތިބާއަށް ވާނެ ފަައިދާއެއް ނޯންނާނެ" އެސުވާލަށް ރައްދު ދެމުން ސޯނޫ ބުނެފައިވެއެވެ.
ކޮވިޑްގެ އެންމެ ދަތި ދުވަސްވަރު ސޯނޫ ސޫދު ވަނީ އެތައް ކްރޯޑް ރުޕީސްއެއް އެހީގެ ގޮތުގައި ޚަރަދުކޮށްފައެވެ. މިފަދަ ބޮޑު އެހީތެރިކަމެއް ފޯރުކޮށް ދިނުމަށް ސޯނޫ އެވަރަށް ފައިސާ ހޯދި ގޮތަކާ މެދު ބައެއް މީހުން ސުވާލުކުރަމުން ދާއިރު މީހުންނަށް އެހީ ވުމަށް ސޯނޫ ވަނީ 10 ކްރޯޑް ރުޕީސްގެ ލޯނެއް ނަގައިފައެވެ. އޭނާ އެލޯނު ނެގީ މުމްބާއީގެ ޖޫޙޫގައި ހުންނަ އޭނާގެ އަށް ޕްރޮޕަޓީ މޯގޭޖް ކޮށްފައި ކަމަށް ފަހުން ވަނީ އެނގިފައެވެ.