ބަޔާން ލީކު ކޮށްލީ ރައީސް ޔާމީންގެ ވަކީލުން: ޕީޖީ
ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރިޝްވަތު ނެންގެވި ކަމަށް ބުނާ މައްސަލައިގައި ދެއްވި ބަޔާން ލީކު ކޮށްލީ އެ މަނިކުފާނުގެ ވަކީލުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ޙުސެއިން ޝަމީމް ތުހުމަތު ކުރައްވައިފިއެވެ.
އޮންލައިން ނޫސް "ސަން"އަށް މައުލޫމާތު ދެއްވަމުން ޕީޖީ ޝަމީމް މިރޭ ވިދާޅުވީ ކޯޓުން އެންމެ ފަހުން އެ ބަޔާންތައް ދޫކުރީ ރައީސް ޔާމީންގެ ވަކީލުންނަށް ކަމަށާއި އެހެންކަމުން ބަޔާންތައް ލީކު ކޮށްލުމުގެ ފުރުސަތު އެ ބޭފުޅުންނަށް ވެސް އޮންނާނެ ކަމަށެވެ.
ޕީޖީ އޮފީހާއި ފުލުހުންގެ އަތުގައި އެ ބަޔާން އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް، ބަޔާމް ލީކު ވެފައި ނުވާ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.
"ފުލުހުންނާއި ޕީޖީ އޮފީހުގައި އެ ބަޔާން އޮންނަތާ އަހަރަކަށް ވުރެ ގިނަ ވެއްޖެ. ބަޔާން ނެގި ދުވަހުން ފެށިގެން އަޅުގަނޑުމެންގެ އަތުގައި އެ ބަޔާން އޮވޭ. ލީކެއް ނުވޭ. ރައީސް ޔާމީންގެ ވަކީލުންނަށް ވަރަށް ފަހުން ވާނީ ދޫކޮށްފައި. އެހެންވީމަ އެބޭފުން އަތްޕުޅުގައިވެސް އެ ބަޔާން އޮންނާނެ. އެބޭފުޅުން ވެސް އޭތި ލީކު ކޮށްލުމުގެ ފުރުސަތު އޮންނާނެ ދެއްތޯ؟،" ޕީޖީ ޝަމީމް ވިދާޅުވެފައިވެއެވެ.
ބަޔާންތައް ލީކު ވެގެން އުޅެނީ ޕީޖީ އޮފީސް ތެރެއިން ނޫން ކަމުގެ ޔަގީންކަން ދެއްވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.