އަދުލު އިންސާފު ޤާއިމް ކޮށްދިނުމަށް ފުލުހުންނާއި ސިފައިން ނިކުންނަން ޖެހޭ: އަދުރޭ
ޤައުމަކަށް ދިމާވާނެ އެންމެ ނުރައްކާތެރި ކަމަކީ އެ ޤައުމެއްގައި އަދުލު އިންސާފު ނެތުން ކަމަށާއި އަދުލު އިންސާފު ޤާއިމްކޮށްދިނުމަށް ފުލުހުންނާއި ސިފައިން ނިކުމެގެން މަސައްކަތް ކުރަން ޖެހޭ ކަމަށް އިދިކޮޅު ކޯލިޝަންގެ އެކްޓިންގ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ގޮވާލައިފިއެވެ.
އަދުރޭ މިހެން ވިދާޅުވެފައި ވަނީ، ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވި ފަނޑިޔާރުންގެ ބެންޗްގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރެއް، ރައީސް ޔާމީންގެ ޙުކުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާ ރިކޯޑިންގްތަކެއް ލީކްވެފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން ލީކްވެފައިވާ އޯޑިިއޯތަކުގައި ރައީސް ޔާމީންގެ ހުކުމުގައި އޮތް އެއްޗެއް އެނގިވަޑައި ނުގަންނަވާކަމަށް އެއް ފަނޑިޔާރަކު ވިދާޅުވިއިރު، ހުކުމްކޮށްފައި ވަނީ "ރަހީނު ކޮށްގެން" ކަމަށް ދޭހަވާ ފަދަ ގޮތަކަ ށްވެސް ފަނޑިޔާރުން ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.
ލީކްވި އޯޑިއޯތަކާ ގުޅިގެން އިދިކޮޅުން ބޭއްވި ޖޮއިންޓް ކައުންސިލްގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ، އަދުލު އިންސާފު ނުލިބި ރާއްޖެ މިއަދު ވެއްޓިފައި މިވަނީ ވަރަށްވެސް ބޮޑު ނުރައްކަލަކަށް ކަމަށެވެ. އަދި އަދުލު އިންސާފަށް ސަރުކާރުން އަރައިގަންނަ މަންޒަރު ބަލަން ސަލާމަތީ ބާރު ތަކުން ތިބެގެން ނުވާނެ ކަމަށާއި އަދުލު އިންސާފު ޤާއިމްކޮށްދޭން ސިފައިންނާއި ފުލުުހުން ނިކުތުމަށް އަދުރޭގެ ވާހަކަފުޅުގައި ގޮވައިލެއްވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ހާލަތު މިއީ ސަލާމަތީ ހިދުމަތްތަކުން ނިކުމެ މި ގައުމު ދިވެހި ރައްޔިތުންނަށް ހޯދައިދޭން ޖެހޭ ވަގުތު" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ، އަދުލު އިންސާފު ޤާއިމް ކުރުމުގެ އެންމެ ބޮޑު މަސްއޫލިއްޔަތު އަދާ ކުރަން ޖެހޭނީ ސަލާމަތީ ބާރުތަކުން ކަމަށެވެ. އަދި ރާއްޖޭގެ ކޯޓުތަކުންނާއި ރައްޔިތުންގެ މަޖިލީހުންނާއި ސަރުކާރުން އަދުލު އިންސާފު ޤާއިމް ކުރުމަށް މަސައްކަތް ނުކުރާ ކަމަށާއި މިހެން ކަމުން ރާއްޖެ އޮތް ދަތި ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރުމަކީ ސިފައިންނާއި ފުލުހުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމަށް ވެސް ވިދާޅުވިއެވެ.