އަންކިތާ ސުޝާންތުގެ ފޭނުންނަށް: އެހެންމީހުން ދެކެ އަންނަ ރުޅި އަހަންނަށް ނުބާލާ
ޑްރާމާ ސީރީޒް "ޕަވިތުރަ ރިޝްތާ"ގެ ދެވަނަ ސީޒަންއާ އެކު ޑްރާމާގެ ލީޑް ބަތަލާ އަންކިތާ ލޮކާންޑޭއަށް، އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި "ޕަވިތުރަ ރިޝްތާ"ގެ ފުރަތަމަ ސީޒަނުގައި ލީޑް ރޯލް އަދާ ކުރި ސުޝާންތުގެ ފޭނުންގެ ފަރާތުން ފުރައްސާރައާއި ފާޑުކިޔުންތައް އިންތިހާއަށް އަމާޒުވެ އެންމެފަހުން ފާޑުކިޔުންތަކާއި ފުރައްސާރައަށް އޭނާ ވަރުގަދަ ރައްދެއް ދީފިއެވެ.
2020 ވަނަ އަހަރު ސުޝާންތު މަރުވުމާ އެކު ސުޝާންތުގެ އާއިލާއަށް ވަގުތު ހުސްކޮށް ހާއްސަ ގާތްކަމެއް އަންކިތާ ބާއްވައިފައިވާއިރު މިކަމަށް ޓަކައި ވެސް އޭނާއަށް ވަނީ ސުޝާންތުގެ ފޭނުންގެ ފަރާތުން ފުރައްސާރައާއި ފާޑުކިޔުންތައް ކުރިމަތިވެފައެވެ. އަދި ހާއްސަކޮށް މިއަހަރުގެ ޖެނުއަރީ މަހު އޭނާ ގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު 3 މިލިއަނަށް އެރުން ކުލަގަދަކޮށް ފާހަގަ ކުރުންވެގެން ދިޔައީ ސުޝާންތުގެ ފޭނުންނަށް "ހަޖަމް" ނުވި ކަމަކަށެވެ. އެގޮތުން ފޭނުން ތުހުމަތުކޮށްފައިވާ ގޮތުގައި ސުޝާންތުގެ މަރާއެކު އޭނާގެ ހަނދާން އާކޮށް އޭނާގެ އާއިލާއާ ގާތް ގުޅުމެއް އަންކިތާ ބޭއްވީ މަޝްހޫރުވާށެވެ.
ސުޝާންތުގެ މަރަށް ފަހު ކުރިމަތިވި ފުރައްސާރައާއި ކީ ފާޑުކިޔުންތަކަށް އެންމެ ފަހުން އޭނާ މި ވަނީ ވަރުގަދަ ރައްދެއް ދީފައެވެ.
"އަހަންނަކަށް ހުރިހާކަމެއް ނުވާނެ. އަހަރެންގެ އަތް މައްޗަކު ނެތް އެއްވެސް އެއްޗެއް. މީހުން ހިތަށް އެރީމަ އަހަރެން ކަލާނގެއަކަށް ހަދައިފައި. މީހުން ހިތަށް އެރީމަ އެ ލަގަބު ނަގައިފަ. ސުޝާންތުގެ ދިރިއުޅުމާ އަހަރެން ދުރަށް ދިޔަތާ ހަތަރު އަހަރުވެއްޖެ. އެހެން މީހުން ދެކެ އަންނަ ރުޅި އަހަންނަށް ނުބާލާ" އަންކިތާ ބުންޏެވެ.
އަންކިތާ އާއްމުކޮށްފައިވާ ވީޑިއޯ މެސެޖެއްގައި ބުނެފައިވާ ގޮތުގައި ނުރުހުމާއި ފުރައްސާރައިގެ ސަބަބުން އޭނާ މިހާރު ވަނީ "ފެޑްއަޕް" ވެފައެވެ. އަދި މިވީޑިއޯ މެސެޖުގައި އޭނާގެ ވާހަކަ އަޑު ނާހައި އޭނާ ކުށްވެރި ނުކުރުމަށް ސުޝާންތުގެ ފޭނުންގެ ކިބައިން އޭނާ ވަނީ އެދިފައެވެ.