އޭޝިއާ

އިންޑޮނޭޝިއާގެ ޖަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 41 މަރު؛ ގިނަ މީހުން މަރުވީ ޖަލުގައި ތާށިވެގެން

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ޖަލުވަނީ ބޭނުން ނުކުރެވޭ ވަރަށް އަދާފައި.. ފޮޓޯ/ބީބީސީ

އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާ ކައިރިީގައި ހުންނަ ޖަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 41 ގައިދީއަކު މަރުވެއްޖެއެވެ.

ޖަކާޓާގެ އިރުމަތީ ފަރާތު ބޯޑަރު ކައިރީގައި އޮންނަ ކުޑަކުޑަ ސިޓީއެއް ކަމަށްވާ ޓަންގެރަންގގައި ހުންނަ މިޖަލުގައި ރޯވެފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. މި ޖަލަކީ ޖަލުގައި ތިބެން ޖެހޭ ވަރަށްވުރެ ގިނައިން ގައިދީން ތިބޭ ޖަލެކެވެ.

އިންޑޮނޭޝިއާގެ ނޫސްތަކާ ހަވާލާދީ ބީބީސީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ޖަލުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފައި ވަނީ ގިނަ ގައިދީން ނިދާފައި ތިބި ވަގުތެއްގައެވެ. އަދި ޖަލުތަކުން ގައިދީން ނެރެވޭތޯ ޖަލު އޮފިސަރުން މަސައްކަތް ކުރި ކަމަށާއި އެހެން ނަމަވެސް ޖަލު ތޮއްޖެހިފައި ވާތީ އެކަން ކުރަން އުނދަގޫވި ކަމަށް ރިޕޯޓްކުރެއެވެ. ފިހިގެން މަރުވި ގިނަ މީހުން މަރުވެފައި ވަނީ ޖަލުގެ ތެރޭގައި ތާށިވުމުންނެވެ.

އަލިފާނުގެ މިހާދިސާގައި އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ ބްލޮކް-ސީ ގައެވެ. 40 މީހުންގެ ޖާގަ ހުންނަ މި ބްލޮކްގައި 122އަށް ވުރެ ގިނަ މީހުން ތިއްބެވެ.

އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ޕޯޗުގަލް އަދި ސައުތު އެފްރިކާއަށް ނިސްބަތްވާ ދެ މީހުން ހިމެނެއެވެ.

ޖަލު އޮފިސަރުން ބުނީ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށާއި ޖަލުން މީހުން ނެރެން ތިބީ އެއް ބަޔަކު ކަމުން، ވަގުތު ނެތި ބައެއް މީހުން ޖަލުގެ ގޮޅިތަކުން ނުނެރެވުނު ކަމަށެވެ. އެހެން ނަމަވެސް އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ގައިދީން ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރި ކަމަށް ޖަލު އޮފިސަރުންނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

އިންޑޮނޭޝިއާގެ ލޯ އެންޑް ހިއުމަން ރައިޓްސް މިނިސްޓަރ ޔަސޯއްނާ ލޯއީ ވަނީ އަލިފާނުގެ ހާދިސާގެ ކުޑަ އިރުކޮޅެއްފަހުން މީޑިއާތަކާ ބައްދަލު ކުރައްވައިފައެވެ. އަދި ގައިދީންގެ އާއިލާތަކާއި ހަށިތައް ހަވާލު ކުރާނެ ކަމަށާއި ޖަލުގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަންނާނެ ކަމަށް ވިދާޅުވިއެވެ. ގިނަ މީހުންގެ ހަށިތައް ވަކި ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށާއި ޑީއެންއޭ ހަދައިގެން މީހުން ވަކި ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

2،000 މީހުން ބަންދުކޮށްފައިވާ މި ޖަލުގެ ކެޕޭސިޓީއަކީ 600އެވެ. ޖަލުގައި ރޯވި އިރު، އެތަނުގައި ފޯރި މަރަން ތިބީ އެންމެ 15 ގާޑުންނެވެ. އިންޑޮނޭޝިއާގައި ކުށްވެރީން ގިނަވެ ޖަލުތައް ފުރި، އެކަށީގެންވާ ވަރަށް ގިނައިން ޖަލުތަކުގައި މީހުން ގެންގުޅެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!