ޚަބަރު ސިޔާސީ

5،000 މެމްބަރުންގެ ފޯމާ އެކު އެމްއެންޕީ ރަޖިސްޓްރީ ކުރަން ހުށަހަޅައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

5،000 މެމްބަރުންގެ ފޯމާ އެކު މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީ ރަޖިސްޓްރީ ކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

Ads by STELCO

އެމްއެންޕީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންފީ) ރެޖިސްޓަރކުރުމަށް މިއަދު، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފައިވާ ކަމަށެވެ. އަދި އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް ހުށަހަޅައިފައި ވަނީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ރާއްޖޭގެ އެކިކަންކޮޅުތަކުން ފަސްހާސް (5000) މެންބަރުންނަށް ވުރެ ގިނަ ފޯމާއެކު ކަމަށް ހާމަކޮށްފައި ވެއެވެ.

އެމްއެންޕީ އުފެއްދުމުގެ މަޤްޞަދަކީ ދިވެހީންގެ ތެރޭގައި ޤައުމީ ފިކުރު ދިވެހީން އެދޭ ކަންކަން ފުރިހަމައަށް ހާސިލްކުރުމަށް ޓަކައި، ޤާނޫނީ ގޮތުން ލިބިދޭ އެންމެހައި ބާރާއި އިޚްތިޔާރާއި ޙައްޤުތައް 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން ކަމަށް އެމްއެންޕީން ވިދާޅުވިއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވިދާޅުވެފައި ވަނީ ޕާޓީގެ އަމާޒަކީ މިހިނގާ 2021ވަނަ އަހަރު ނިމުމުގެ ކުރިން ދިހަ ހާސް (10,000) މެންބަރުން ހަމަކޮށް އެމްއެންޕީއަކީ ދިވެހިރާއްޖޭގައި ހިންގާ އެންމެ ވަރުގަދަ ސިޔާސީ ހަރަކާތަށް ހެދުން ކަމަށެވެ.

މިދިޔަ ދެ މަސްދުވަހުގެ ތެރޭގައި އެމްއެންޕީއާ ގިނަ އަދަދެއްގެ މެންބަރުން ގުޅެމުން ދިޔަ ކަމަށް އެމްއެންޕީން ވިދާޅުވެއެވެ. އޭގެ ތެރޭގައި ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ އަދި ތަޢުލީމީ ދާއިރާއިން ގިނަ ތަޖްރިބާތަކެއް ހޯއްދަވައިފައިވާ ބޭފުޅުން ހިމެނެއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރ އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްކޮށް ހުންނަވާ އުފައްދަވާ އެމްއެންޕީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދެއްވައިފައި ވަނީ 15 ޖުލައި 2021 ވީ ދުވަހުއެވެ.

Ads by Allied Insurance
  1. އެކުވެރިއެއް

    މަރުހަބާ މަރުހަބާ ސާބަހޭ ނާޒިމް ޕާޓީއަށް ރަނގަޅު ކާމިޔާބު ޕާޓީއަކަށް ވުމަށް އެދެން ޝުކުރިއްޔާ