ޚަބަރު ސަރުކާރު

5 ވެރިކަމެއްގައި އިންސާފު ހޯދުމަށް 400 އަށް ވުރެ ގިނަ މައްސަލަ ހުށައަޅައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ މިހާރު ނިއުސް

ރާއްޖޭގެ ފަސް ވެރިކަމުގައި ލިބުނު އަނިޔާތަކަށް އިންސާފު ހޯދައި ދިނުމަށް އެދި އިންތިގާލީ އިންސާފުގެ އޮމްބަސްޓްޕާރސަންގެ އޮފީހަށް 400އަށް ވުރެ ގިނަ މައްސަލަ ހުޅައަޅައިފިއެވެ.

Ads by MWSC

މިމައްސަލަތަކަކީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަމުން ފެށިގެން ރައީސް ޔާމީންގެ ވެރިކަމާ ހަމައަށް ހުރި އެކި މައްސަލަތަކެވެ. 68 އަހަރުގެ މައްސަލަ ހުށައަޅާފައިވާއިރު މިއީ ގާނޫނުން އެ އޮފީހަށް ބެލޭނެކަމަށް ނިންމާފައިވާ މައްސަލަތައް ހިމެނޭ މުއްދަތުކަން ފާހަގަކޮށްލެވެއެވެ.

އިންތިގާލީ އިންސާފުގެ އޮފީހަށް ގިނަ އަދަދެއްގެ މައްސަލަތައް ހުށައަޅައިފައިވީ ނަމަވެސް އެމައްސަލަތައް ބަލައިގަންނާނީ ދިރާސާކުރުމަށް ފަހުގައިކަމަށް އެ އޮފީހުން ވިދާޅުވިއެވެ. މި މައްސަލަތައް ނިންމަން ގާނޫނުގައި ކަނޑައަޅައިފައި އޮތް މުއްދަތަކީ ދެ އަހަރެވެ.

މައްސަލަތައް ބަލައި ދައުވާކުރަން ފޮނުވުމާއި ބަދަލު ނަގައިދޭން ކޯޓަށް ހުށަހެޅުން ފަދަ ގާނޫނީ ބޮޑެތި ބާރުތަކެއް އެ އޮފީހަށް ދީފައިވެއެވެ. އަދި އެ އޮފީހުގެ އެންގުންތަކަށް އަމަލުނުކުރާ ނަމަ ޖިނާއީ ދައުވާކުރުމުގެ ފުރުސަތު ވެސް ގާނޫނުން އޮތީ ފަހިކޮށްދީފައެވެ.

އެ އޮފީހަށް ހުށައަޅައިފައިވާ މައްސަލަތަކުގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަން 1953 ގައި ވައްޓައިލުމަށް ފަހު، އެ މަނިކުފާނަށް ކުރި ހުކުމް ބާތިލުކޮށްދޭން އެދުމާއި 1962 ވަނަ އަހަރު ގދ. ތިނަދޫން މީހުން ބޭލުމުގެ ސަބަބުން ލިބުނު ގެއްލުމާއި އއ. ކުރަމަތިން މީހުން ބަދަލުކުރުމާއި ސަލާމަތީ ބާރުތަކުން ޓީވީއެމަށް ވަނުމާއި ފެބުރުއަރީ 7، 2012 ގައި، ވެރިކަން ބަދަލުވުމާ ގުޅޭ އިތުރު މައްސަލަތައް ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!